އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބީއެމްއެލްގެ 38 މުވައްޒަފުން ބައިވެރިވޭ: އޭސީސީ

09 Jul 2019 | 20:45

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 38 މުވައްޒަފަކު ބައިވެރިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފިއެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅިގެން ތައްޔާރުކުރި އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން ސުވާލުކުރުމަށް މިއަދު އޭސީސީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުމުން، އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ ހިޔާނާތާއި ގުޅިގެން ތުހުމަތު ކުރެވޭ ބީއެމްއެލްގެ 38 މުވައްޒަފަކާއި ސުވާލުކޮށްފައިވާނެ ކަމަށެވެ.

މުއައްވިޒު ވިދާޅުވީ އެމްއެމްޕީއާރްސީގެ ޗެކުތައް އެސްއޯއެފްގެ އެކައުންތަކަށް ޖަމާކޮށްފައިވަނީ ބީއެމްއެލްގެ މުވައްޒަފުންގެ ވަރަށް ބޮޑު ބައިވެރިވުމެއް އޮވެގެން ކަމަށެވެ. އެކަމުގައި ބޭންކްގެ އެންމެ ދަށް ފަންތިން ފެށިގެން މެނޭޖުމެންޓާއި ބޯޑް މެންބަރުން ވެސް ޝާމިލުވާ ކަމަށް މުއައްވިޒު ވިދާޅުވިއެވެ.

އަދި ބީއެމްއެލްއިން އެމްއެމްޕީއާރްސީގެ ޗެކްތަކެއް އެސްއޯއެފްއަށް ޖަމާކުރަމުންދާކަން އެމްއެމްއޭގެ ސަމާލު ކަމަށް ގެނައި ނަމަވެސް އެކަން ކޮށްފައިވަނީ ޗެކްތައް ޖަމާކޮށް ދިނުމަށްފަހު ކަމަށެވެ. އަދި އެސްއޯއެފްގެ އެކައުންޓަށް ބީއެމްއެލްއިން ޗެކްތައް ޖަމާކޮށްފައިވަނީ އެންޑޯސްމަންޓް ފުރިހަމަ ނުވަނީސް ކަމަަށް ވެސް މުއައްވިޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު މިހާރު ޕީޖީއަށް ފޮނުވާފައިވާކަމަށެވެ.

Advertisement

ކޮމެންޓް

Advertisement