މަޝްރޫއުތަކާއި ގުޅުންހުރި އެއްވެސް ފައިސާއެއް އެކައުންޓުގައި ނުހުންނާނެ: ރައީސް ޔާމީން

09 Jul 2019 | 20:15

މަޝްރޫއުތަކާއި ގުޅުންހުރި ފައިސާތަކެއް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އެކައުންޓްގައި ހުރި ކަމަށް ބުނެ ފަތުރާ ވާހަކަތުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ވޮއިސްއަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ކުރިއަށް ގެންގޮސްފައިވާ އެއްވެސް ޕްރޮޖެކްޓަކާއި ގުޅުންހުރި އެއްވެސް ފައިސާއެއް އެމަނިކުފާނުގެ އެކައުންޓެއްގައި ނުހުންނާނެ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ކުރިމަތިވެގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން، ކަމާއި ގުޅުންހުރި ތަފްސީލެއް ހޯދަންވެސް އަހާފައިނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މާލީ ބަޔާން ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނީ އެޓާނީ ޖެނެރަލްގެ އޮފީހަށް ކަމަށާއި، އޭޖީއަށް ބަޔާން ހުށައަޅުއްވާފައިނުވާ ރައީސުން އެބަތިއްބެވި ކަމަށެވެ.

އެމްއެމްޕީއާރްސީގެ ޚާއްސަ އޮޑިޓް ރިޕޯޓާއި ބެހޭގޮތުން އެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން އޭސީސީގެ ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ބޭންކް އެކައުންޓްގެ ތަފްސީލްތައް ދާދިފަހުން އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން އެ އެކައުންޓަށް ގިނަ އަދަދެއްގެ ނަގުދު ފައިސާ ވަދެފައިވާ ކަމަށާއި ބޭރުގެ ފަރާތްތަކަކާއި އެކު ޝައްކުކުރެވޭ މުއާމަލާތްތަކެއްވެސް ހުރިކަމަށް މުއައްވިޒް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދައުލަތުގެ ތިން ޕްރޮޖެކްޓަކާއި ގުޅުންހުރި ފައިސާތަކެއް ހުރެގެން އެ މައްސަލަތައްވެސް ދަނީ ތަހުގީގުކުރަމުންނެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާއި ގުޅިގެން ރައީސް ޔާމީން ކްރިމިނަލް ކޯޓަށް ހާޒިރުވާންވެސް ވަނީ އަންގާފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮރަޕްޝަންގެ އެކި ތުހުމަތުތައް ކުރެވޭއިރު، އެމަނިކުފާނު ވަނީ އެފަދަ ތުހުމަތުތަކަށް މީގެ ކުރިންވެސް އިންކާރު ކުރައްވާފައެވެ.

ފޮޓޯ: މޯލްޑިވްސް ޓައިމްސް

Advertisement

ކޮމެންޓް