އެފްއައިޔޫގެ ވެރިން ރައްޔިތުންނަށް ޖަވާބުދާރީވޭ!

10 Jul 2019 | 13:05

ޝައްކެތް ނެތެވެ. އެމްއެމްޕީއާރުސީގެ ކޮރަޕްޝަނަކީ މި ރާއްޖޭގެ މިހާތަނަށް ހިނގި އެންމެ ބޮޑު ކޮރަޕްޝަނެވެ. ރައްޔިތުންގެ ފައިސާއަށް އިހުމާލުވި ފަރާތްތައް އަދިވެސް ތިބީ އެކި މަގާމުތަކުގައެވެ.

ދިވެހިރާއްޖޭގައި ހިނގާ ނުރަނގަޅު އަދި ޝައްކުއުފެދޭ ފައިނޭންޝަލް ޓްރާންސެކްޝަން ބަލަން ގާނޫނީ ގޮތުން އުފައްދާފައިވާ ތަނަކީ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓެވެ.

އެމްއެމްއޭގައި އޮންނަ މި ޔުނިޓަކީ ވެސް ދިވެހި ރައްޔިތުންގެ ފައިސާއިން އުފައްދާފައިވާ ތަނެކެވެ. މަގުސަދަކީ ރައްޔިތުންގެ ފައިސާ އަށް ފާރަވެރިވުމެވެ.

އެހެނަސް ހަގީގަތަކީ ބޮޑު ކޮރަޕްޝަންތަކެއް ހިނގައިގެން ދިޔައިރު މިތަނުން އެކަށީގެންވާ ފިޔަވަޅުއަޅާފައި ނެތުމެވެ. މިކަން އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުން ވަރަށް ރަނގަޅަށް ސާފުވެއެވެ.

2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެމްއެމްޕީއާރުސީގެ ނަމުގައި ދޫކޮށްފައިވާ ޗެކެއް ( 59 މިލިއަން ރުފިޔާގެ ޗެކެއް ) އެސްއޯއެފް އެކައުންޓަށް ޖަމާކުރަން އައެއެވެ. މިކަން އެފައައިޔޫގެ ސަމާލުކަމަށް އައެވެ. އެހެނަސް މާބޮޑު ވިޔަފާރިއެއް ނުކުރާ އެސްއޯއެފަށް މިހާ ބޮޑު ފައިސާގެ އަދަދުތައް ވަންނަމުން ދިޔަ އިރު އެފްއައިޔޫގެ ވެރިން ތިބީ އަޅާނުލައެވެ.

އެމްއެމްޕީއާރުސީ މައްސަލާގައި ނެރުނު އޮޑިޓް ރިޕޯޓްގައިވާ ގޮތުން ހަމަ އެ ދުވަހު ބޭންކު އޮފް މޯލްޑިވްސް އެސްޓީއާރެއް ( ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް ) އެފްއައިޔޫ އަށް ފޮނުވިއެވެ. އޭގެ އެނަލިސިސް ހެއްދެވީ ސީނިއާ މެނޭޖަރ އަބްދުﷲ އަޝްރަފެވެ.

ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް އެ ޓްރާންސެކްޝަންގައި އެކުލެވުނަސް އޭރުގެ އެފައިޔޫގެ ހެޑް ކަމަށްވާ އާތިފް ޝަކޫރު ނިންމެވީއެއަށް ފިޔަވަޅު ނޭޅުމަށެވެ. 2015 ވަނަ އަހަރު ޖޫންމަހު އާތިފް ޝަކޫރު އިސްތިއުފާ ދެއްވުމުން އެފްއައިޔޫގެ ހެޑަކަށް ހުރި އަބްދުﷲ އަޝްރަފުވެސް މި ޓްރާންސެކްޝަންތަކާއި ބެހޭ ގޮތުން ފިޔަވަޅުއަޅާފައެއް ނުވެއެވެ.

މީ ހާމަކަން ބޮޑުގޮތެއްގައި އޮޑިޓް ރިޕޯޓުން ފެންނަ ހުރި ވާހަކަތަކެވެ. ރައްޔިތުންގެ ފައިސާ އަށް ޚިޔާނަތްތެރިވަމުން ދިޔަ އިރު އެކަމަށް ފިޔަވަޅުނޭޅި ސަބަބު ރައްޔިތުން އެނގެން ބޭނުންވެއެވެ.

އެފްއައިޔޫގެ ވެރިއެއްގެ ގޮތުގައި ކުޑަ ދުވަސްކޮޅަކު އާތިފް ޝަކޫރު ހުންނެވެ. އެހެނަސް ގިނަ އަހަރުތަކެއް ވަންދެން އެފްއައިޔޫގެ ހެޑެއްގެ ގޮތުގައި ހުންނެވީ އަބްދުﷲ އަޝްރަފެވެ. އެފްއައިޔޫ އިން ވެސް ކަންތައް ކުރަނީ އެމްއެމްޕީއާރުސީ މައްސަލާގައި އިހުމާލުވި އެހެން ފަރާތްތަކުންވެސް ކަންތައް ކުރާ ގޮތަށެވެ. އެއީ އެހެން ބައެއްގެ 'ބޮލަށް ކަނޑާލެވޭތޯ' ބެލުމެވެ.

އެއްވެސް ބޭފުޅަކު ޒިންމާ އިން ރެކި ވަޑައިގަންނަވަން މަސައްކަތްނުކޮށް ރައްޔިތުންނަށް ޖަވާބުދާރީ ވުމަކީ ވަރަށް މުހިއްމުމަކެވެ.

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު ( ގާނޫނު ނަމްބަރ 2014/10 ) ގެ ދަށުން އެފްއައިޔޫ އަށް ވަނީ އާދަޔާޚިލާފު ބޮޑެތި ބާރުތައް ދީފައެވެ. ވަކިވަކި ފަރުދުންނާއި ގާނޫނީ ޝަޚުސުތަކުން މައުލޫމާތު ހޯދުމުގެ ބާރު ވަނީ ދީފައެވެ. ތަންތަން ބަލައި ފާސްކުރުމުގެ ބާރު ވަނީ އެފްއައިޔޫ އަށް ގާނޫނީގޮތުން ލިބިފައެވެ. މި ގާނޫނު ނަމުންވެސް އެފްއައިޔޫގެ ޒިންމާ ވަރަށް ސާފެވެ. މަނީ ލޯންޑްރިން ހުއްޓުވުމަށް މަސައްކަތްކުރަންޖެހެއެވެ.

އެހެނަސް އިހުމާލަކަށް ފަހު އިހުމާލެއްވުމުން ރައްޔިތުންގެ ޚަޒާނާގެ ބޮޑުބައެއް ގެއްލިގެން ބީވެގެން ދިޔައީއެވެ. އެ ގެއްލުން ދުވަހަކުވެސް ފޫނުބެއްދޭނެއެވެ.

Advertisement

ކޮމެންޓް