ޖާބިރު ކޯފާއިސްކުރެއްވުމުން ރައީސް ނަޝީދު އެދިވަޑައިގަތީ ކޮފީތައްޓެއް ހިއްޕެވުމަށް!
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދުގެ މަޖިލީހުގެ ޖަލްސާގެ މަސައްކަތްތައް ފެށުމާއި އެކު، ނިޒާމީ މައްސަލައެއް ނަންގަވައި އަޑުގަދަކުރައްވައިފިއެވެ.
ޖާބިރު ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދަށް ދައުލަތުގެ ޚަޒާނާގެ ތަޅުދަނޑި ލިބުނުތޯ ސުވާލު އުފައްދަވާފައެވެ. އެއީ ނިޒާމީ މައްސަލައެއް ނޫންކަމަށް މަޖިލީހުގެ ރައީސް ވިދާޅުވުމުން ޖާބިރުގެ ކޯފާ އިސްކުރެއްވުން އިތުރުވިއެވެ.
އެ ހިސާބުން ރައީސް ނަޝީދު ދިޔައީ ތަކުރާރުކޮށް މެންބަރު ޖާބިރުގެ އަރިހުން އިށީނދެ ވަޑައިގަތުމަށް އެދި ދަންނަވަމުންނެވެ. ވަކި ހިސާބަކުން ވަރަށް އަޑުހަރުކޮށްވެސް އެމަނިކުފާނަށް އެހެން ވިދާޅުވެވުނެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ޖާބިރު އެހާ ކޯފާއިސްކުރައްވާ އުޅުއްވާ ސަބަބެއް ހަމަ އެއްގޮތަކަށް ވެސް ނުވިސްނޭކަމަށާއި މަޖިލިސްގެ ތަޅުމުން ދޫކުރައްވާ ވަޑައިގަތުމަށް އެދޭ ކަމަށެވެ.
"ކޮފީ ތައްޓަކާއެއްޗެހި ހިއްޕަވައިގެން ވަޑައިން"، ރައީސް ނަޝީދު ވިދާޅުވިއެވެ.
ވަކި ހިސާބަކުން ރައީސް ނަޝީދު ވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ނަންވެސް އިއްވާފައެެވެ. ނަން އިއްވުމާ އެކު ޖާބިރު ވަނީ ތަޅުމުން ނުކުމެވަޑައިގަންނަވާފައެވެ. ޖާާބިރު ވެފައިވަނީ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ނަން އިއްވުނު ފުރަތަމަ މެންބަރަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists