Advertisement

މިލަންދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

11 Jul 2019 | 20:32

ށ. މިލަންދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް، އެއްވަނަ ދަރަޖައިގެ ހޮސްޕިޓަލަކަށް ބަދަލުކުމުގެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިލަންދޫ ސިއްހީ މަރުކަޒަށް އާ އިމާރާތެއް އިތުރުކޮށް ސިއްހީ މަރުކަޒު ދަރަޖަ އެކެއްގެ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ހަވާލުކުރީ ފައިމީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރެވެ.

1.3 މިލިޔަން ރުފިޔާގެ މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 75 ދުވަހުގެ ތެރޭ ނިންމަންޖެހޭ ގޮތަށެވެ.

ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ނިންމައި، ހޮސްޕިޓަލަށް ބަދަލުވުމާއެކު އާ ޚިދުމަތްތަކެއް ފަށާނެއެވެ. އެގޮތުން އަލަށް ހިދުމަތް ފަށާއިރު، އަންހެނުންނާއި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކާއި ހޭނައްތާ ޑޮކްޓަރަކާއި އޮޕަރޭޝަން ޑޮކްޓަރަކާއި އެތެރެހަށީގެ ޑޮކްޓަރާއި ދަތުގެ ޑޮކްޓަރަކު ހުންނާނެއެވެ.

މީގެ އިތުރުން ދަތުގެ ޚާއްސަ ފަރުވާއާއި ޑައިލަސިސްގެ ޚިދުމަތާއި ފިޒިއޮތެރަޕީގެ ޚިދުމަތާއި އެކްސްރޭއާއި ލޭބަރ ރޫމް އަދި އަލްޓްރާ ސައުންޑް ސްކޭންގެ ޚިދުމަތް ވެސް ފެށިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. ހޮސްޕިޓަލުގައި ޖުމުލަ 35 އެނދު ހުންނައިރު 6 ކޮޓަރީގެ ޕްރައިވެޓް ރޫމް ހުންނާނެއެވެ.

މިލަންދޫ ސިއްހީ މަރުކަޒަކީ މިހާރުވެސް 24 ގަޑިއިރު ހިދުމަތްދޭ ތަނެކެވެ.

Advertisement

ކޮމެންޓް