Advertisement

ޔާމީންގެ މަރުގެ ދައުވާ ލިބޭ މީހެއްގެ ދައުވާ، ބާތިލުކުރަން އެދިއްޖެ

11 Jul 2019 | 20:39

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހެއްގެ މައްޗަށް ކޮށްފައިވާ ދައުވާ ބާތިލުކޮށްދިނުމަށް އޭނާގެ ވަކީލު އެދިއްޖެއެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން ޔާމީން ރަޝީދު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ، މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި، ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި، ހ. އަންނާރުމާގޭ އިސްމާއީލް ހައިޝަމްއާއި މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދުގެ އިތުރުން މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި މ. ތާއިފް އިސްމާއިލް ރަޝީދުގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ، އޭނާގެ މުވައްކިލުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާއިރު ދައުލަތުން ހުށަހެޅި ދައުވާގައި އިސްމާއިލް ރަޝީދު މީހަކު މެރުމަށް ކޮށްފައިވާ އެއްވެސް ކަމެއް ބުނެފައި ނުވާ ކަމަށެވެ. ހަމައެކަނި އިސްމާއިލް ރަޝީދު ކުރި ކަމަކަށް ބުނެފައިވަނީ ސައިކަލުގައި މީހަކު އުފުލުން ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.

އެހެން ކަމުން މީހަކަށް ހަމަލާދީ މަރާލުގައި އަމަލީ ގޮތުން ބައިވެރި ނުވާ މީހަކަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ ނުކުރެވޭނެ ކަން މައުމޫން ވިދާޅުވިއެވެ.

އެހެން ނަމަވެސް ގާޒީ އަލީ ރަޝީދު ހުސައިން އެކަމާ ގުޅިގެން އެއްޗެއް ވިދާޅެއްނުވެއެވެ. ގާޒީ އަލީ ރަޝީދު ވިދާޅުވީ މިއަދުގެ އަޑު އެހުމަކީ ދައުލަތުން ހުށަހެޅި 34 ހެކިންގެ ތެރެއިން ޔާމީން ރަޝީދު މަރާލާފައި އޮތްތަނަށް ދިޔަ ހަތަރު ފުލުހުންގެ ހެކިބަސް ނެގުމަށް ބާއްވާ އަޑުއެހުމެއް ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ހެކިބަސް ނަގަން ތާވަލުކޮށްފައި އޮތް ނަމަވެސް، ކުރިން އެކަން އެނގިފައި ނެތުމުން ދިފާއީ ވަކީލުން ވަނީ ހެކިބަސް ނެގުމަށް އެހެން ދުވަހަކަށް ތާވަލު ކޮށްދިނުމަށް އެދިފައެވެ. އަދި މިއަދު ހާޒިރު ވެފައިވަނީ ހަތަރު ފުލުހުންގެ ތެރެއިން ދެ ފުލުހުން ކަމަށް ދައުލަތުން ބުނެފައިވާތީ ދެން އަންނަ އަޑު އެހުމަކަށް ހަތަރު ފުލުހުން ވެސް ގެނައުމަށް އިސްމާއީލް ރަޝީދުގެ ވަކީލު މައުމޫން ހަމީދު އެދިވަޑައިގަތެވެ.

ދިފާއީ ވަކީލުން އެދިވަޑައިގަތް ގޮތަށް އެ މައްސަލައިގަ މިއަދު ހެކިބަސް ނުނަގައި އަންނަ ހޯމަ ދުވަހު އިތުރު އަޑުއެހުމެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

ޔާމީން ރަޝީދު މަރާލައިފައި ވަނީ 22 އޭޕްރިލް 2018 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

Advertisement

ކޮމެންޓް