Advertisement

ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ޕެރޭޑް ފެނުނީ ވަރަށް ތަފާތުކޮށް!

13 Jul 2019 | 03:56

ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ދިހަވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މުޅި އަހަރަށް ބަހާލެވިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު މާލޭގައި ޚާއްސަ ޕެރޭޑެއް ބާއްވައިފިއެވެ.

މާފަންނު ރަސްފަންނު ސަރަހައްދުން ފެށިގެން ހެންވޭރު ބޯޅަދަނޑާއި ހަމައަށް ކުރިއަށްގެންދިޔަ މި ހަރަކާތުގައި އެ ސްކޫލްގެ ދަރިވަރުންނާއި، ޓީޗަރުންނާއި ބެލެނިވެރިން ބައިވެރިވެފައިވެއެވެ.

މި ޚާއްސަ ޕެރޭޑް މާލޭގެ މަގުތަކުން ކުރިއަށްދިޔަ ވަގުުތުގައި އާންމުންގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތް ކަމަކީ މި ޕެރޭޑްގައި ބައިވެރިވި ފުޅަނދެކެވެ. ޖުމްލަ ހަ ހާސް ޕްލާސްޓިކް ފުޅި ބޭނުންކޮށްގެން މަހެއްގެ ސިފައިގައި ހެދި މި ފުޅަނދުން ދައްކުވައިދެނީ އެ ސްކޫލުން ޕްލާސްޓިކާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކެވެ. 

އެ ސްކޫލުން ވަނީ މިއަހަރުގެ ތެރޭގައި އަހަރީ ދުވަހާއި ގުޅުވައިގެން ދިހަ ޓަނުގެ ޕްލާސްޓިކް އެއްކުރުމަށްފަހު މަޝްހޫރު ޕާލޭ ޖަމްއިއްޔާގެ އެހީގައި އެތަކެތި ރިސައިކަލް ކުރުމަށްވެސް ފޮނުވާފައެވެ. ޣިޔާޘުއްދީނަކީ 2016ވަނަ އަަހަރުން ފެށިގެން އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން މަނާ ސްކޫލެކެވެ.

މީގެ އިތުރުން އެ ސްކޫލުން އިސްނަގައިގެން ވަނީ 2025ގެ ކުރިން އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލާލެވޭ ޕްލާސްޓިކް ދިވެހިރާއްޖޭގައި ބޭނުންކުރުން މަނާކުރުމަށް ޚާއްސަ އިލްތިމާސެއްވެސް ހުށައަޅާފައެވެ.

މިއަދުގެ ޕެރޭޑްގައި ދަރިވަރުންވަނީ އެ ސްކޫލުން ފާއިތުވި ދިހަ އަަހަރުގައި ހޯދާފައިވާ އެކިއެކި ކާމިޔާބީތައްވެސް ދައްކުވައިދީފައެވެ. މި ޕެރޭޑް ނިންމާލީ ހެންވޭރު ދަނޑުގައި ބޭއްވި ޚާއްސަ ނެށުމަކުންނެވެ.

Advertisement

ކޮމެންޓް