"ސަރުކާރުން މަސައްކަތް ކުރަނީ މަހަށް ލިބޭ އަގު މަތިކުރެވޭނެ ގޮތްތައް ހޯދައި އެދިމާއަށް"

13 Jul 2019 | 20:56

ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވަނީ މަސްވެރިން ބާނާމަސް އިތުރުކުރެވޭނެ ގޮތްތަކާއި މަހަށް ލިބޭ އަގު މިހާރަށްވުރެ މަތިކުރެވޭނެ ގޮތްތައް ހޯދައި އެދިމާއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިރޭ ގދ. ތިނަދޫގައި ކުރިޔަށްގެންދިޔަ ޖަޒީރާ ހޮޅުއަށީގެ 3 ވަނަ ސިލްސިލާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިކަން ތަރައްޤީކުރުމާ އަދި މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރެވިދާނެ އެތައް ގޮތެއް އެބަހުރިކަމަށެވެ. އެގޮތުން އަދިވެސް މަސްވެރިކަމަކީ ރާއްޖޭގައި ސީދާ ރައްޔިތުންގެ އަތްމައްޗަށް އެންމެގިނަ ފައިސާ އަރާ މަސައްކަތްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ނިމިދިޔަ އަހަރު ހަމައެކަނި މިފްކޯއިން ވެސް މަސްގަތުމަށް 813 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ދާއިރާއިން ސަރުކާރުގެ ސިޔާސަތުތަކަށް އަލިއަޅުއްވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިކަމުގެ ނަފާ އިތުރު ކުރުމުގެ ގޮތުން މިހާރު ކުރަމުން ގެންދާ ގޮތަށް، ފިނިކުރި މަހުގެ ގޮތުގައި އެކްސްޕޯޓް ކުރުމުގެ ބަދަލުގައި މަހުގެ އެކި އުފެއްދުންތައް ތައްޔާރުކޮށް އަގު އެއްކުރެވޭ ބާވަތްތައް އުފައްދައިގެން އެކްޕޯޓްކުރުމުން އޭގެ ފައިދާ 4 ގުނަ މަތިކުރެވިދާނެކަމަށެވެ. މިފަދަ ކަންކަމުގައި ސަރުކާރުން މާލީ އެހީތެރިކަމާއި ފަންނީ ތަޖުރިބާ ހޯދައިދިނުންފަދަ ކަންކަން ކުރެވިދާނެކަން ރައީސް ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، މިހާރު ވަކި ޒޯންތަކަކަށް ބަހާލައިގެން ވަކި ފަރާތްތަކެއްގެ އަތުގައި މަސް ގަތުމުގެ ކޮންޓްރޯލް އޮންނަ ގޮތަށް ހުއްދަ ދީފައި އޮންނަ އުސޫލު ބަދަލުކޮށް، ކޮންމެ ސަރަހައްދަކުން ކޮންމެ ފަރާތަކަށް ވެސް މަސްގަތުމުގެ ހުއްދަ ދޭ ގޮތަށް ބަދަލުކޮށް މަސްވެރިކަމުގެ ނަފާ ގިނަބަޔަކަށް ލިބޭގޮތަށް ބަދަލުކުރެވިދާނެކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކަނޑުމަހަށް އެކަނި ބަރޯސާނުވެ ފަރުމަހުގެ ތެރެއިން ރަނގަޅު އަގުލިބޭ ބާވަތްތައް ވިއްސާ އާލާކޮށް އެފަދަ މަސްވެރިކަން ފުޅާކުރުމާއި އެންވެރިކަން ވެސް ވަކި މަސްވެރިކަމެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ޚިޔާލު ރައީސުލްޖުމްހޫރިއްޔާ މި ބައްދަލުވުމުގެ ބައިވެރިންނާ ޙިއްޞާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނެވުމަށްފަހު މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް މިހާރަށްވުރެ ރަނގަޅު އަގު ލިބޭނެގޮތް ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންވެސް މިރޭގެ ބައްދަލުވުމުގައި ޙިއްޞާ ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު މިފްކޯގެ ފެލިވަރު ފިޔަވާ ފައިދާވާތަނެއް ނެތްކަމަށެވެ. އެހެންކަމުން ސަރުކާރުން ފުރަތަމަ މަސައްކަތްކުރާނީ މިފްކޯއަކީ ގެއްލުންނުވެ ހިނގާ ކުންފުންޏަކަށް ބަދަލުކުރުމަށް ކަމަށާއި އެކަން މިއަހަރުގެ ނިޔަލަށް ހާޞިލުވާނެކަމަށް ލަފާކުރެއްވޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ކުރެއްވުމުން މަސްވެރިންގެ އަތުން މަސްގަންނަ އަގު މައްޗަށް ޖެއްސުމުގެ ފުރުޞަތު ތަނަވަސްވެގެން ދާނެކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ފޯރަމުގައި ވަކިވަކި މަސްވެރިން އެމީހުންގެ ހުރި ކަންބޮޑުވުންތަކާއި މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ހުރި ޚިޔާލުތަކާއި އެމީހުންގެ ޝުޢޫރުތައް ފާޅުކުރިއެވެ. އެގޮތުން މަސްވެރިން ފާޅުކުރި ކަންބޮޑުވުންތަކުގެ ތެރޭގައި، ހޯޑެއްދޫގައި މަސް ކާރުޚާނާއެއް ޤާއިމުކުރުމަށް ސަރަހައްދެއް ޚާއްޞަ ކުރެވިފައި އޮތްނަމަވެސް އެކަން ނުހިނގާ އޮތުމާއި، އަތޮޅުން އަދި ބައެއް މަސްވެރި ރަށްރަށުން ބޭނުންވާ މިންވަރަށް އައިސް ގަންނަން ނުލިބުމާއި، މަސް ގަންނަ ބޯޓުފަހަރު ޖާގަ ކުޑަވުމާއި އެކަށީގެންވާ މިންވަރަށް މަސްގަތުމުގެ ކެޕޭސިޓީ އަތޮޅުތަކުގައި ނެތުމުން މަސް ވިއްކާށާއި އައިސް ހޯދަން ދުރަށް ދަތުރުކުރަން ޖެހުމާއި ތެޔޮލިބުމުގައި ހުރި ދަތިތަކާއި ތެލުގެ ސަބްސިޑީއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް މިބައްދަލު ވުމުގައި ޙިއްޞާ ކުރިއެވެ.

ތިނަދޫގެ އައިސްޕްލާންޓް ޖެޓީ މަރާމާތުކުރަން ޖެހިފައިވުމާއި ބައެއް މަސްވެރި ރަށްރަށުގައި ފައިސާ ޖަމާކުރެވޭނެ އޭޓީއެމްފަދަ ޚިދުމަތްތައް ނެތުމުން ދިމާވާ ދަތިތަކުގެ އިތުރުން މަސްވެރިކަމާއި ގުޅުންހުރި އެތައް ކަމެއް ހިމެނެއެވެ. މަސްވެރިންގެ ފަރާތުން ހުށަހެޅި ޚިޔާލުތަކުގެ ތެރޭގައި މަސްވެރިކަމަށް ގެންނަތަކެތިން އިމްޕޯރޓް ޑިއުޓީ މަޢާފުކުރުމާއި، މަސްދޯނިތަކުގައި އުފެދޭ ކުނި މެނޭޖްކުރެވޭނެ ނިޒާމެއް ޤާއިމުކުރުން ފަދަ މުހިން ޚިޔާލުތައް ފާޅުކޮށްފައިވެއެވެ.

މަސްވެރިންގެ ފަރާތުން އަމާޒުކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބުދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން މިދާއިރާގެ ކަންކަން ކުރައްވަމުން ގެންދަވާނީ މަސްވެރިންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެންކަމަށެވެ. އެގޮތުން ދާދިފަހުން ވެސް ޓޫރިޒަމްގެ ބޭނުމަށް ދޫކުރަން ހަމަޖެހިފައި އޮތް ރަށެއް އެކަމަށް ދޫ ނުކޮށް އެންވެރިކަމާއި މަސްވެރިކަމަށް ބޭނުންހިފޭގޮތަށް ބާއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ތިނަދޫ އައިސްޕްލާންޓް ކެޕޭސިޓީ އިތުރުކުރުން ކުރިޔަށްގެންދަވާނެކަމަށާއި އައިސްޕްލާންޓް ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެކަމަށް ވިދާޅުވިއެވެ. ރާއްޖެ ސަރަހައްދުތަކަކަށް ބަހާލައިގެން މަސްގަނެވޭނެ ގޮތްތައް ހަމަޖައްސަވާނެކަމަށާއި ހުވަދުއަތޮޅު ސަރަހައްދުގައި އިންޓަރނޭޝަނަލް އެއާޕޯޓެއް ތަރައްޤީކުރުމަށް ޕްލޭންކުރެވިފައިވާކަމަށާއި އޭގޭ ސަބަބުން ކަންނެލި އެކްސްޕޯޓްކުރުންފަދަ ކަންކަމަށް ލުއިފަސޭހަކަން ލިބި އެފަދަ އުފެއްދުންތަކަށް ބޮޑުއަގު ލިބުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ މަސްވެރިކަމާބެހޭ ދާއިރާގެ ސިޔާސަތުތަކަށް މަސްވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް މިރޭ ބޭއްވެވި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މި ބައްދަލުވުމުގައި މަސްވެރިންގެ ފަރާތުން ހުށަހެޅި ބައެއް ސުވާލުތަކަށް މަސްވެރިކަމާބެހޭ ވަޒީރާއި މިފްކޯގެ ފަރާތުންވެސް މަސްވެރިންނަށް މަޢުލޫމާތުދެއްވިއެވެ.

Advertisement

ކޮމެންޓް