ސެކިޔުލަރިޒަމްގެ ނުރައްކާތެރިކަން 11

13 Jul 2019 | 17:25

ސެކިއުލަރިޒަމްގެ ހިތި ނަތީޖާ

6- އިސްލާމީ ދަޢުވަތާ ދެކޮޅަށް ހަނގުރާމަކުރުން

އިސްލާމްދީނާމެދު މީސްތަކުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމަށް ކުރެވޭ މަސައްކަތަކީ ސެކިއުލަރިޒަމްގެ އަހުލުވެރިން އެޔާދެކޮޅަށް ސީދާގޮތުންނާއި ނުސީދާގޮތުންވެސް ހަނގުރާމަ ކުރާ ކަމެކެވެ. އެކަމުގައި އަތުޖެހުނު ކޮންމެ ވަސީލަތެއްގެ ބޭނުން އެމީހުންދަނީ ހިފަމުންނެވެ. މިގޮތުން:-

ހ- އިސްލާމްދީނުގެ ފޮތްތައް ފެތުރުމަށް ދަތިކުރުމާއި، ބާޠިލުޢަޤީދާތަކާއި އިސްލާމް ދީނާމެދު މީސްތަކުންގެ ހިތްތަކުގައި ޝައްކު އުފައްދާބާވަތުގެ ފޮތްތައް ފަސޭހައިން ފެތުރޭނެ މަގުތައް ހުޅުވާލުން

ށ- ރައްޔިތުންނާ މުޚާތަބުކޮށް ދީނުގެ ޞައްޙަ މަފްހޫމު ކިޔައިދިނުމަށް ދީނީ ޢިލްމުވެރިންނަށްހުރި މަގުތައް ދަތިކޮށް، ޝަރުޢީ ނައްޞުތައްވެސް ހިތުހުރިހައި މާނައެއްގައި ރައްޔިތުންނަށް ވިސްނައިދިނުމުގެ ފުރުސަތު ޚަބަރު ފަތުރާ ވަސީލަތްތަކުން ސެކިއުލާ މީހުންނަށް،ފަހިކޮށްދިނުން.

7-އިސްލާމްދީނަށް ދަޢުވަތުދޭ މީހުންނާއި، ދީނީނަޞޭޙަތްދޭ މީހުން މުޖުތަމަޢުން އެކަހެރިކުރުން. މިގޮތުން އެމީހުނާމެދު ދޮގު ތުހުމަތައްކުރުމާއި، މުޖުތަމަޢުގައި އެމީހުންގެ ތަޞައްވަރު ހުތުރުކުރުމާއި، އެމީހުންނަކީ އިޖުތިމާޢީގޮތުން އެކަހެރިވެ، ސިކުނޑި ބަންދުވެފައިވާ ނުބައި ފިކުރެއްގައި ޖެހިފައިތިބި ބައެއްކަމަށް ދެއްކުމާއި، އެމީހުންނަކީ، އައު އީޖާދުތަކަށް ލޯހުޅުވިފައިނުވާ ، ކަންކަމުގެ ޙަޤީޤަތް ނުދަންނަ ހަރުކަށި ބައެއްކަމާއި، ގޮތް ދޫނުކުރާ، ކަންކަމުގެ އަޞްލު މަޤްޞަދުގައި ހިފެހެއްޓުމުގެ ބަދަލުގައި ބޭރުފުށުގެ ތޮށިގަނޑުގައި ހިފައިގެން ދަމާ ބައެއްގެ ގޮތުގައި ޞިފަކުރުން.

8- ސެކިއުލާފިކުރަށް ދީލައިނުލައި އެޔާދެކޮޅުހަދާ މުސްލިމުންގެ ވަސްފުހެލުމުގެ ގޮތުން އެމީހުން ރަށުން ބޭރުކޮށްލުން ނުވަތަ ޖަލަށްލުން ނުވަތަ މަރާލުން

9- ﷲ ގެ މަގުގައި ކުރެވޭ ޖިހާދުގެ މަތިވެރި ފަރުޟަށް އިންކާރު ކުރުމާއި، އެޔާ ދެކޮޅަށް ތަފާތު ގޮތްގޮތުން ހަމަލާދިނުމާއި، ޖިހާދަކީ ހާޖާނު ހެދުމާއި މަގުފޭރުމުގެ ޢަމަލެއްކަމުގައި ޞިފަކުރުން. އެހެނީ ﷲ ގެ މަގުގައި ކުރެވޭ ޙައްޤު ޖިހާދަކީ މާތް ﷲ ގެ މަތިވެރި ކަލިމަފުޅު މަތިވެރިކޮށް އެއިލާހުގެ ޝަރީޢަތަށް ނަޞްރުދީ ﷲ ގެ ބިމުގައި ﷲ ގެ ދީނުގެ ޙުކުމްފުޅުތަކުގެ މައްޗަށް ހިންގޭ އެއްވެސް ބާރެއް ނޯތުމަށްޓަކައި ކުރެވޭ ހަނގުރާމައެކެވެ. ވީމާ ޖިހާދަކީ އެމީހުންގެ މުޅި ފިކުރުގެ ވަސްވެސް ފުހެވިގެންދާނީ މަތިވެރި ޝިޢާރެކެވެ. ދީނުގެ ދިފާޢުގައި ހަނގުރާމަ ކުރުން އެމީހުންގެ ގާތުގައި ބޭކާރުކަމަކަށް ވިޔަސް ، ބިމާއި ވެރިކަމާއި މުދަލާހެދި ހަނގުރާމަ ކުރުމީ ސެކިއުލާ މީހުންގެ ގާތުގައި ކުރަން ޖެހޭނެ ހަގުރާމައެކެވެ. ނަމަވެސް ދީނުގެ ޙައްޤުގައި ހަނގުރާމަ ކުރުމަކީ ސެކިއުލަރ މީހުންގެ ގާތުގައި އިންސާނިއްޔަތާ ދެކޮޅަށް ކުރެވޭ ނާތަހުޒީބު ކަމެކެވެ.

10- ޤައުމިއްޔަތާއި، ޥަޠަނިއްޔަތަށް ގޮވާލުން. މިގޮވާލުމުގެ ބޭނުމަކީ ދީނުގެ ގުޅުމުގެ ބަދަލުގައި މީސްތަކުން ޤައުމާއި ބަހާއި، ރަށާއި، ދެފަރާތުގެ މަޞްލަޙަތުގެ މައްޗަށް އެކުވުމެވެ. އެއީ މީސްތަކުންގެ ތެރޭގައި ހިނގާ އިޖުތިމާޢީ ގުޅުމުގައިހުރި، ދީނުގެ ހުރިހާ އަސަރެއް މުލުން ލުހެލައި ނައްތާލުމެވެ. އަދި ކިއްތަ؛ ސެކިއުލާ މީހުން ޤަބޫލުކުރާގޮތުގައި ދީނަކީ އޭގެ ސަބަބުން މުޖުތަމަޢު ބައިބައިކުރާ އެއްޗެކެވެ. އަދި އިންސާނީ ތަރީޚުގައި ލޭ އޮރުވުން ހިނގާފައިވަނީ ދީނުގެ ސަބަބުންނެވެ.

އިސްވެ ބަޔާންވެދިޔައީ އިސްލާމީ މުޖުތަމަޢުތަކުގައި ފެންނަމުންދާ ޢަލްމާނިއްޔަތުގެ ބައެއް އަސަރުތަކެވެ. މިކަންކަމަކީ މިއަދު އިސްލާމީ ކޮންމެ މުޖުތަމަޢަކުންވެސް ފެންނާންހުރި ކަންކަމެވެ. އެކި ޤައުމުތަކުގައި މިކަން އޮތީ އެކިމިންވަރަށެވެ. (ނުނިމޭ)

ނޯޓު: މިލިޔުމުގެ އަޞްލަކަށް ބަލާފައިވާނީ. حقيقة العلمانية معناها ونشأتها ..... الشيخ أبو سليمان عبد الله بن محمد الغفيلي ، މިފޮތެވެ. އިތުރަށް ޝަރަޙަކޮށްދިނުމުގެ ގޮތުންވެސް އިތުރު އެކި ވާހަކަތައް ލިޔެފައިވާނެއެވެ.

Advertisement

ކޮމެންޓް