ރާއްޖެއަކީ މި ސަރަޙައްދުގެ ނަމޫނާ ދަޢުލަތަކަށް ހަދަން ބޭނުން: ރައީސް

16 Sep 2018 | 01:28

ދިވެހިރާއްޖެއަކީ އޭޝިޔާ ސަރަޙައްދުގައި އޮތް އެންމެ ފަޚުރުވެރި، އިޤްތިޞާދީ ގޮތުން އެންމެ ފުދުންތެރި އަދި މި ސަރަޙައްދުގެ ނަމޫނާ ދަޢުލަތަކަށް ހައްދަވަން ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން މިރޭ ވިލިމާލޭގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޒުވާނުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްދެއްވައިފިނަމަ ރޭސިންގް ކުޅިވަރުގައި އުޅޭ ހުރިހާ ދިވެހި ޒުވާނުންނަށް އަމާޒުކުރައްވައިގެން ވިލިމާލޭގައި ބައިނަލްއަޤްވާމީ ރޭސިން ޓްރެކެއް ޤާއިމުކުރައްވާނެކަމަށާއި، ދިވެހި ޒުވާނުންގެ ތެރެއިން ރާޅާއެޅުމަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް އަމާޒުކުރައްވައިގެން ރާޅާއެޅުންތެރިންނަށް ޚާއްޞަ މަންޒިލަކަށް ތަނބުރުދޫ ބަދަލުކޮށްދެއްވާނެ ކަމަށެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވަނީ މި ސަރުކާރުން ދިވެހިރައްޔިތުންނަށް އަދި ޚާއްޞަކޮށް ދިވެހި ޒުވާނުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަން ހައްލުކޮށްދެއްވުމުގެ މަޤުޞަދުގައި ފަށްޓަވާފައިވާ ހިޔާ މަޝްރޫޢުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އެގޮތުން ހުޅުމާލޭ ޔޫތް ސިޓީގައި ހިޔާ މަޝްރޫޢު ފެށްޓެވިކަމުގައި ވިޔަސް މި މަޝްރޫޢު ނިމިގެން ދާނީ ވިލިމާލެ ސަރަޙައްދުގައިވެސް ހިޔާ އެކަމްޕްލިޝްޑްގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ ގެދޮރުވެރިކުރުވުމުގެ މަޝްރޫޢަކުންކަން ފާހަގަކުރައްވައި މި މަޝްރޫޢު ނިމިގެން ދާއިރު 315,000 ދިވެހި ޒުވާނުންގެ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުވެގެންދާނެކަމުގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި، ޒުވާނުންގެ އުއްމީދާއި ގެދޮރުވެރިކަން ނެތް މީހުންގެ އުއްމީދާ ގުޅިފައިވަނީ ވިލިމާލެ 2 އާއި ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވިގޮތުގައި ވިލިމާލެ 2 އަކީ އުއްމީދުން ފުރިގެންވާ ތަނެއްކަމަށާއި، ރާއްޖޭގައި މިއަދު ދެކެން ބޭނުން މިވާ އިޤްތިޞާދީ ކުރިއެރުމަށް ދާން ބޭނުންވާ މަގު އޮތީ ވިލިމާލެ 2 މަޝްރޫޢާއި ގުޅިފައިކަމަށެވެ. އަދި މި ސަރުކާރުން މިކުރާ މަސައްކަތް ނިމިގެންދާއިރު ތިލަފުށްޓާއި، ވިލިގިއްޔާއި، ގުޅިފަޅާއި މާލެ ބުރިޖަކުން ގުޅިގެން ދާނެކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement