Advertisement

ސުޕްރީމް ކޯޓުގެ ބެންޗް ހަތް ފަނޑިޔާރުންނަށް ބަދަލުކޮށްފި

17 Jul 2019 | 14:00

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗްގައި ތިބި ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

މިގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ މިއަދު ފާސްކޮށްފައެވެ.

ކޯޓުތަކާބެހޭ ގާނޫނަށް މި އިސްލާާހު ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

އާޒިމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލުމަށް ޓަކައި 2010 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ހަތެއް ކަމުގައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައިފައި ވަނިކޮށް، 2014 ވަނަ އަހަރު ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ބެންޗު ފަހަކަށް ބަދަލުކުރީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ކަމަށެވެ.

މި ބިލު މަޖިލީހަށް ބަލައިގެންފައިވަނީ ވޯޓްގައި ބައިިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ އިއްތިފާގުންނެވެ. ސުޕްރީމް ކޯޓުގެ ބެންޗްގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް ގާނޫނަށް ބަދަލު ގެނެސް، ބެންޗް ފަހަކަށް ބަދަލުކުރީ 2014 ވަނަ އަހަރުއެވެ. ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެނައި އިރު، ކޯޓުތަކުގެ ގާނޫނަށް ގެނައި ބަދަލާއެކު، އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނެވި އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު މުއުތަސިމް އަދުނާން ވަކިކޮށްފައި ވެއެވެ.

މިހާރު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲއާއި ފަނޑިޔާރު އަބްދުﷲ ދީދީ ގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. އޭގެ ތެރެއިން ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ހުށަހަޅައިފައިވާ ސުލޫކީ މައްސަލަ ބެލުމަށްފަހު ފަނޑިޔާރު ދީދީ މަގާމުން ވަކިކުރަން މިހާރު ވަނީ ކޮމިޝަނުން މަޖިލީހަށް ފޮނުވާފައެވެ.

Advertisement

ކޮމެންޓް