ހިތަދޫ ފުލެޓްތަކަށް ކުރިމަތިލީ މީހުންގެ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލައިފި

17 Jul 2019 | 15:43

އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވެގެން ޕޮއިންޓް ލިބުނު މީހުންގެ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ވަނީ ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ޕޮއިންޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތާއި ޕޮއިންޓް ލިބުނު ގޮތާ ދޭތެރޭ އެއްވެސް ކަމެއް ސާފުކުރަން ބޭނުންވާ ނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 25 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައެވެ.

ކައުންސިލުން ބުނީ ފްލެޓްތައް ލިބޭ މީހުންގެ ފައިނަލް ލިސްޓް އާންމު ކުރާނީ ހުށަހަޅާ ޝަކުވާތަކަށް ބެލުމަށްފަހު ލިސްޓަށް ގެންނަން ޖެހޭ ބަދަލެއް ގެނައުމަށްފަހު ކަމަށެވެ. ހިތަދޫގައި އިމާރާތްކުރިފުލެޓްތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ 2016 ވަނަ އަހަރުއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިތަދޫގައި އެޅި 264 ފްލެޓަށް ޖުމްލަ 577 މީހުން ކުރިމަތިލިއެވެ. އެކަމަކު ޝަރުތު ހަމަވެގެން ލިސްޓްގައި ހިމަނާފައި ވަނީ 414 މީހުންނެވެ.

Advertisement

ކޮމެންޓް