ނަބިއްޔާ (ޞޢވ) އެންމެ ގިނައިން ކުރެއްވި ދުޢާ

Share on facebook
Share on twitter
Share on telegram
Share on whatsapp

ދުނިޔެމަތީގައި ތިބާއަށް ކުރިމަތިވާ އެންމެބޮޑު އެއް މުޞީބާތަކީ، އަދި އެންމެބޮޑު އެއް ފިތުނައަކީ ތިބާގެ ހިތް ފުރޮޅޭ ފުރޮޅުމެވެ. ހިތުގެ އިޙްސާސްތަކާއި ވިސްނުންތައް ބަދަލުވާލެއް އަވަސްކަމެވެ. މިކަމުގެ ސަބަބުން އެއް ޙާލަތުން އަނެއް ޙާލަތަށް ތިބާގެ ކަންކަން ބަދަލުވެބަދަލުވެހުރެއެވެ. މިއަދުގެ އިޙްސާސްތަކާއި ވިސްނުންތައް މާދަމާވާއިރު ބަދަލުވެދެއެވެ.

ތިބާގެ ހިތް ފުރޮޅޭ މި ފުރޮޅުމަކީ އެކަމަކާމެދު ބިރުވެތިވެ ޚަބަރުދާރުވާންޖެހޭނެ ކަމެކެވެ. ނުބައި ދިމާލަކަށް އެ ހިތް ފުރޮޅިގެން ގޮސްފިނަމަ، އެއީ ތިބާގެ ހަލާކުކަމުގައި ވެގެންދާނެއެވެ. ފަހުޒަމާނަށް އަންނަވަރަކަށް މި ފިތުނަ ބޮޑުވެ، ހެނދުނު މުއުމިނެއްގެ ގޮތުގައި ހުންނަމީހާ ހަވީރުވާއިރު ކާފަރެއްގެ ގޮތުގައިވެދެއެވެ. އަދި ހަވީރު ކާފަރެއްގެ ގޮތުގައި ހުންނަމީހާ ހެނދުނުވާއިރު މުއުމިނަކަށްވެދެއެވެ.

އިސްލާމްކަންމަތީ ތިބި ކިތައްތައް މީހުން އެ މަތިވެރި ނިޢުމަތުން ދުރުވެފައި ވޭތޯއެވެ؟ ހެޔޮކަންކަން ކުރުމުގައި އުޅުނު ކިތައްކިތައް މީހުން އެ މަގު ދޫކޮށް ފާފަވެރިވުމުގެ މަގަށް ގޮސްފައިވޭތޯއެވެ؟ ނަމާދުތަކަށް ފަރުވާތެރިވި އެތައްބަޔަކު ނަމާދުތަކަށް ފަރުވާކުޑަކުރާ ބައެއްކަމުގައި ވެއްޖެތޯއެވެ؟ ބާއްޖަވެރިކަމުގައި ދުވަސްތައް ގުނަމުންއައިސް އަބާއްޖަވެރިކަމުގެ ދުވަސްތައް ގުނަމުން އެބަ ގެންދޭތޯއެވެ؟

މި ފިތުނަވެރިކަމުން ތިބާގެ ހިތް ސަލާމަތްކުރެވޭނީ އެ ހިތުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އާދޭހާއެކު އެދި ދަންނަވައިގެންނެވެ. އެކަލާނގެ ސާބިތުކޮށްދެއްވި ހިތެއް މެނުވީ ސާބިތުވެގެންނުވެއެވެ. ފިތުނަވެރިކަމުން ސަލާމަތްކޮށްދެއްވި ހިތެއް މެނުވީ ސަލާމަތްވެގެންނުވެއެވެ.

މިވެސް ކިޔާލާ:

މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އެންމެ ގިނައިން ކުރައްވާފައިވާ ދުޢާއަކީ ކޮބައިކަން އެނގިލައްވާތޯއެވެ؟ އެއީ ހިތުގެ މި ފިތުނަވެރިކަމުން ސަލަމާތްކޮށްދެއްވުމަށް ކުރައްވާފައިވާ ދުޢާއެވެ. އިމާމް އަޙްމަދާއި އައްތިރުމިޛީ، އަނަސް رَضِيَ اللهُ عَنْه ގެ ކިބައިން ރިވާކުރެއްވިއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ މި ދުޢާކުރެއްވުން ގިނަކުރައްވައެވެ. ((يَا مُقَلِّبَ القُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ)) (މާނައީ: "އޭ ހިތްތައް ފުރޮޅުއްވާ އިލާހެވެ! ތިމަންކަލޭގެފާނުގެ ހިތްޕުޅު އިބައިލާހުގެ ދީނުގައި ސާބިތުކޮށްދެއްވާނދޭވެ!) ތިމަން ދެންނެވީމެވެ. "އޭ ﷲގެ ރަސޫލާއެވެ! ތިމަންމެން މިވަނީ ކަލޭގެފާނަށާއި ކަލޭގެފާނު ގެންނެވިކަންކަމަށް އީމާންވެގެންނެވެ. ފަހެ، ކަލޭގެފާނު ތިމަންބޭކަލުންނާމެދު ބިރުވެތިވެވަޑައިގަންނަވަނީތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އާއެކެވެ. ހަމަކަށަވަރުން ހިތްތައް ވަނީ ﷲގެ އިނގިލިފުޅުތަކުންކުރެ ދެ އިނގިލިފުޅެއްގެ ދެމެދުގައެވެ. އެކަލާނގެ އެދިވޮޑިގެންނެވިގޮތަކަށް ބަދަލުކޮށްލައްވައެވެ!" ހަމަމިފަދައިން ޢާއިޝާ رَضِيَ اللَّهُ عَنْهَا ގެ ކިބައިންވެސް ރިވާވެގެންވެއެވެ.

އަދި ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަނބިކަނބަލުން އުއްމު ސަލަމާ رَضِيَ اللَّهُ عَنْهَا އަށް ދެންނެވުނެވެ. "އުއްމުލް މުއުމިނީންނެވެ! ކަމަނާގެ އަރިހުގައި ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ އެންމެ ގިނައިން ކުރައްވާ ދުޢާއަކީ ކޮބައިތޯއެވެ؟" އެ ކަމަނާ ވިދާޅުވިއެވެ. "އެކަލޭގެފާނު އެންމެ ގިނައިން ކުރައްވާ ދުޢާއަކީ: ((يَا مُقَلِّبَ القُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ)). ތިމަން ކަމަނާ އެކަލޭގެފާނަށް ދެންނެވީމެވެ. ﷲގެ ރަސޫލާއެވެ! މި ދުޢާ އެހާގިނައިން ތިޔަ ވިދާޅުވަނީ ކީއްވެތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އުއްމު ސަލަމާއެވެ! ހަމަކަށަވަރުން އެމީހެއްގެ ހިތް ﷲގެ އިނގިލިފުޅުތަކުންކުރެ ދެ އިނގިލިފުޅެއްގެ ދެމެދުގައި ނުވާ އެއްވެސް އާދަމުގެދަރިޔަކު ނުވެއެވެ. ފަހެ، އެކަލާނގެ އެދިވޮޑިގެންނެވި އަޅެއްގެ ހިތް ސާބިތުކޮށްދެއްވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅެއްގެ ހިތް އެއްކިބާ ކުރައްވަތެވެ." މިއީ މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޙާލުކޮޅެވެ. އެހެންވެއްޖެނަމަ އަޅުގަނޑާއި ތިބާގެ ޙާލަކީ ފަހެ ކޮބައިތޯއެވެ؟

މި ފިތުނައިން ސަލާމަތްކޮށްދެއްވުމަށް ކުރާނެ ދުޢާއެއްގެ ގޮތުގައި ކީރިތި ޤުރްއާނުގައި އައިސްފައިވެއެވެ. ((رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ)) (آل عمران: 8) މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް ޙައްޤުން އެއްކިބާ ނުކުރައްވާނދޭވެ! އަދި އަޅަމެންނަށް އިބަރަސްކަލާނގެ ޙަޟްރަތުން ރަޙްމަތެއް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގުނަ ނިޢުމަތްތައް ދެއްވާ ރަސްކަލާނގެއެވެ."

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.