Advertisement

ބަޖެޓުގެ އަމާޒު ގެއްލޭ ފަދަ ބިލުތަކަށް ތާއީދެއް ނުކުރެވޭނެ: ނިޔާޒު

18 Jul 2019 | 14:32

މިއަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓުގެ އަމާޒު ގެއްލޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އެއްވެސް ބިލަކަށް ތާއީދު ކުރެވެން ނެތް ކަމަށް މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ މާލީ އެހީތެރިކަން އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ބަހުސް ކުރައްވަމުން ނިޔާޒް ވިދާޅުވީ، 2019 ވަނަ އަހަރަށް ކަނޑައެޅި ބަޖެޓުގައި އަމާޒު ހިފާފައިވަނީ ރާއްޖޭގެ ރަށްތަކުގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް ބޭނުންވާ އިގްތިސާދީ އަދި އިޖްތިމާއީ ކަންކަން ފުއްދައި ދިނުމަށް ކަމަށެވެ. އެހެންކަމުން، އެކަންކަމަށް ދަތިވާ ގޮތަށް މަޖިލީހަށް މެމްބަރުން ހުށަހަޅުއްވާ ބިލުތަކަށް ތާއީދު ކުރެވެން ނެތް ކަމަށެވެ. އަދި އަމާޒެއް ނެތި އަންނަ އެއްވެސް ބިލަކަށް ތާއީދު ނުކުރެވޭނެކަންވެސް ނިޔާޒު ފާހަގަކުރެއްވިއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނަށް އިނާޔަތް ދިނުމަށް އެމްޑީޕީން ދެކޮޅު ހަދަނީ ނޫންކަން ފާހަގަކުރައްވާ މެމްބަރު ނިޔާޒް އިތުރަށް ވިދާޅުވީ އެޕާޓީއިން ކަންކަން ކުރަން ބޭނުންވަނީ ރަނގަޅު އިންތިޒާމްތަކެއްގެ ތެރެއިން ކަމަށެވެ.

"މިދިޔަ އަހަރުގެ ބަޖެޓަށް ބަލާއިރުވެސް ދުވަސްވީ މީހުންނަށް ދައުލަތުން އެބަވޭ އެއް ބިލިއަން ރުފިޔާ ޚަރަދުކޮށްފައި. މިއަހަރުވެސް ބޮޑު އަދަދެއް ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ވަނީ ބަޖެޓު ކުރެވިފައި. އެކަންކަމަށް އަނެއްކާވެސް ބަދަލު ގެންނަން ވާނީ މަޝްވަރާ ކުރެވިގެން، ދައުލަތުގެ އެހެން ސިޔާސަތުތަކަށް ބަދަލު ނާންނަ ގޮތަށް" މަޖިލީހުގައި ބަހހުސް ކުރައްވަމުން ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒުގެ އިތުރުން އެމްޑީޕީގެ އެހެން މެމްބަރުންވެސް ވަނީ އުމުރުން ދުވަސްވީ މިހުންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ އެލަވަންސް އިތުރު ކުރަން މަޖިލީހަށް ހުށަހެޅި ބިލުތަކާއި ދެކކޮޅަށް ވާހަކަ ދައްކަވާފައެވެ. އެ މެމްބަރުން ވިދާޅުވި ގޮތުގައި، އެފަދަ ބިލުތައް ހުށަހަޅުއްވަނީ ދައުލަތުގެ މާލީ ހާލަތަށް ބެލުމެއް ނެތި، އެ ފައިސާ ހޯދާނެ ގޮތެއްވެސް ބެލުމެއް ނެތި ކަމަށެވެ.

Advertisement

ކޮމެންޓް