Advertisement

ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި އިރު ލީގަލް އެފެއާޒުގެ މަގާމުގައި ހުރީ ބިސާމް: އާޒިމާ

18 Jul 2019 | 17:41

އެސްއޯއެފްއިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި އިރު ރައީސް އޮފީހުގެ ލީގަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވީ މިހާރުގެ ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ކަމަށް އީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާ މިހެން ވިދާޅުވީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާގެ ތަފްސީލް އިއްވުމުން ދެއްކެވި ވާހަކައިގައެވެ.

އާޒިމާގެ މައްޗަށް ގޮގު މައުލޫމާތު ދިންކަމުގެ ދައުވާ ކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑާގެ މައްސަލައިގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ރަސްމީ އިދާރާއަށް އާޒިމާގެ ވާހަކަތަކުގައި ދޮގު މައުލޫމާތު ދިންކަމަށް ބުނެއެވެ.

މިއަދު ބޭއްވި ދެ ދައުވާއާ ގުޅިގެން ކުރިމިނަލް ކޯޓުގައި ވަނީ ފުރަތަމަ އިބްތިދާއީ އަޑުއެހުން ބާއްވާފަ އެވެ. އަޑުއެހުމުގައި ދެ ދައުވާގެ ތަފުސީލް ޕީޖީގެ ވަކީލުން ހާމަކުރެއްވިއިރު އާޒިމާ ދޮގު މައުލޫމާތު ފޯރުކޮށްދީފައިވަނީ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށެވެ.

އެ ފައިސާގެ މައްސަލަ އޭސީސީއިން ތަހުގީގު ކުރަމުންދާތީ ފައިސާ އެސްކްރޯ އެކައުންޓަކަށް ޖަމާކުރުމަށް ގާނޫނީ ލަފާ ދެއްވީ އާޒިމާ ކަމަށް ވަކީލު ވިދާޅުވިއެވެ. އަދި އެކަމުގެ އެގްރިމެންޓް ޑްރާފްޓް ކުރެއްވީ ވެސް އާޒިމާ ކަމަށާއި ނަމަވެސް އެ އެގްރިމެންޓާ ހިލާފަށް އެސްއޯއެފްއިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ އިންވެސްޓް އެކައުންޓަކަށް ޖަމާކުރި ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މީގެއިތުރުން މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ކޮށްފައި މިވަނީ އެސްކްރޯ އެކަައުންޓް އެގްރިމެންޓާ ހިލާފަށް ފައިސާ ޖަމާކޮށް ބޭންކް އޮފް މޯލްޑިވްސްއިން ވަކި ގޮތަކަށް ލިޔުން ހޯދަން މަސައްކަތް ކުރައްވައި އެ ލިޔުން ހޯއްދަވަވާފައިވާތީ އެވެ. އެ ލިޔުމުގެ ޒަރިއްޔާއިން އެސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާގެ އަސްލު އޮޅުވާލާފައިވާ ކަމަށެވެ.

ދައުވާއަށް ޖަވާބުދާރީވަމުން އާޒިމާ ވިދާޅުވީ އެކަން ހިނގައިދިޔައިރު ރައީސް އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރު ކަމުގައި ހުންނެވީ ޕީޖީ ބިސާމް ކަމަށެވެ.

އަދި އެކަމުގައި ބިޝާމްގެ މަސްލަހަތު އެބައޮތްކަން ފާހަގަކުރައްވަަމުން އާޒިމާ ވިދާޅުވީ އޭނާއަށް މި ދައުވާ ނުކުރެވޭނެ ކަމަށާއި ދައުވާ ސައްހަ ނުވާނެ ކަމަށެވެ. ބިޝާމް މަގާމުގެ ހައިސިއްޔަތުން އޭރު ފޮނުވާފައިވާ ސިޓީތައް އެމައްސަލާގައި ލިޔުންތަކުގެ ގޮތުގައި އެބަހުރި ކަމަށާއި ބިޝާމަކީ މި މައްސަލާގައި އިހުމާލުވާ މީހެއް ނުވަރަ މައްސަލާގައި ހެއްކެއް ކަމަށް އާޒމާ ވިދާޅުވިއެވެ. އެހެންކަމުން ކުށުން އޭނާ ބަރީއަވުމަށް އެހެން މީހުންނަށް ދައުވާ އުފުލުމަކީ ޖިނާއީ އަމަލެއް ކަމަށް އާޒިމާ ވިދާޅުވި އެވެ.

އާޒިމާ އިތުރަށް ވިދާޅުވީ ރައީސްގެ ލީގަލް އެޑްވައިޒަރެއްގެ މަގާމުގައި ބިޝާމް ހުންނެވިއިރު ދައުލަތުގެ ފައިސާތައް އެކި މީހުންގެ އެކައުންޓްތަކަށް ވަންނަމުން ދިޔުމަކީ އޭނާގެ ޒިންމާ އެކަމުގައި އޮންނާނެ ކަމެއް ކަމަށެވެ. މަނީ ލޯންޑްރިން ހިނގައި ދިޔައީ ބިޝާމް އެ މަގާމުގައި ހުންނެވިއިރު ކަމަށެވެ.

އެސްއޯއެފްއިން ފައިސާ ޖަމާކުރީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އެ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ބިޝާމް ހުންނެވީ އެމަގާމުގައެވެ. އާޒިމާ ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ވަޑައިގެންނެވީ 2016 ވަނަ އަހަރު އެވެ.

Advertisement

ކޮމެންޓް

Advertisement