ހިތާމައިގެ ރުއިމުގެ އަޑެއް

Share on facebook
Share on twitter
Share on telegram
Share on whatsapp

ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ މީސްތަކުންނަށް ހުކުރުދުވަހު ޚުޠުބާދެއްވަމުން ލެނގިވަޑައިގަންނަވާ ކަދުރުރުކުގެ ގަސްގަނޑެއް އެކަލޭގެފާނުގެ މިސްކިތްކޮޅުގައިވިއެވެ. ޞަޙާބީ ބޭކަލުންކުރެ ވަޑާމުގެ މަސައްކަތް ދެނެވަޑައިގަންނަވާ ރޫމްކަރައިގެ ބޭކަލަކު އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. "ކަލޭގެފާނު ޚުޠުބާ ދެއްވަމުން އެ އެއްޗެއްގެ މަތީގައި ކޮޅަށް ހުންނަވައި އަދި އިށީނދެވަޑައިގަންނަވާނެ އެއްޗެއް ކަލޭގެފާނަށް ތައްޔާރުކޮށްދެއްވަންތޯއެވެ؟" ފަހެ، ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އިޒުނަދެއްވުމުން، އެބޭކަލަކު އެކަލޭގެފާނަށް މިންބަރުކޮޅެއް ހައްދަވައިދެއްވިއެވެ. އެ މިންބަރުކޮޅުގައި ހުންނަނީ ދެ ހަރުފަތާއި ތިންވަނަ ހަރުފަތުގައި މަޑުކޮށްލައްވައިގެން ހުރެވޭ ގޮތަށެވެ.

މި މިންބަރުކޮޅު މިސްކިތްކޮޅުގައި ބެހެއްޓުމަށްފަހު، ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ މި މިންބަރުކޮޅަށް އަރައިވަޑައިގެންނެވި ފުރަތަމަ ދުވަހެވެ. މިސްކިތްކޮޅު ތެރެއިން މީގޮނުގެރިއެއް ރޯއަޑުފަދަ އަޑެއް އިވެން ފެށިއެވެ. ޞަޙާބީބޭކަލުންވެސް ހައިރާންކަމާއެކު މި އަޑު އައްސަވަމުން ގެންދެވިއެވެ. މި އަޑު ގަދަވަމުންގޮސް މުޅި މިސްކިތްކޮޅުގެތެރޭގައި އެ އަޑު ގަދަވާންފެށިއެވެ. ހިތްތަކަށް ހިތާމައާއި ހަމްދަރުދީގެ އަސަރުތައް ވެރިވާންފެށިއެވެ.
މިސްކިތްކޮޅުގެތެރެއިން އެ އަޑު އަންނަދިމާލަށް ހުރިހާ ބޭކަލުންވެސް ބައްލަވާލެއްވިއެވެ. އެ އަޑު އެ އަންނަނީ މިންބަރުކޮޅު ބެހެއްޓުމުގެ ކުރިން، ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ލެނގިވަޑައިގެންނެވި ކަދުރުރުކުގެ ގަސްގަނޑުންނެވެ. މާތް ﷲގެ ޙަޟްރަތުގައި އެންމެ މާތްވެގެންވި އިންސާނާ މި އުއްމަތުގެ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އާ ދުރުވާންޖެހުމުގެ ސަބަބުން އެކަމާމެދު އެ ގަސްގަނޑު ހިތާމަކުރަނީއެވެ.

ރަޙްމަތުގެ ސާހިބާ صَلَّى اللهُ عَلَيْهِ وَسَلَّمَ މިންބަރުކޮޅުން ފައިބައިވަޑައިގެންނެވިއެވެ. އަދި އެ ގަސްގަނޑުގެ ގާތަށް އެކަލޭގެފާނު ވަޑައިގެންނެވިއެވެ. އެއިރުވެސް އެ ގަސްގަނޑުން ހިތާމައިގެ އަޑު މެދުނުކެނޑެއެވެ. ފަހެ، އެކަލޭގެފާނު އެ ގަސްގަނޑާ ކައިރިވެލެއްވުމުން، އެ އަޑު ކެނޑިގެން ހިނގައްޖެއެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މުޙައްމަދުގެފާނުގެ ނަފްސު އެ އިލާހުގެ އަތްޕުޅުގައިވާ އިލާހު ގަންދެއްވަމެވެ. ތިމަންކަލޭގެފާނު އެ ގަސްގަނޑާ ކައިރިވެނުލެއްވިނަމަ، ޤިޔާމަތްދުވަހާ ޖެހެންދެން އެ ގަސްގަނޑު ހިތާމަކޮށް ރުއީހެވެ."

މިވެސް ކިޔާލާ:

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިއީ ގަސްގަނޑެއް އެކަލޭގެފާނާ ވަކިވާންޖެހުމުން ކޮށްފައިވާ ހިތާމައެވެ. ދުނިޔެމަތީގައި އެކަލޭގެފާނު ދުށުމުގެ ތައުފީޤު ލިބިފައި ނުވިނަމަވެސް ޤިޔާމަތްދުވަހު އެކަލޭގެފާނާ އަރިސްވުމުގެ ފުރުޞަތު ހަމަކޮންމެ މީހަކަށްމެ އެބައޮތެވެ. އެއީ މަތިވެރިވެގެންވާ ޝަރަފެކެވެ. އެ ފުރުޞަތު ލިބޭނީ ދުނިޔެމަތީގައި އެކަލޭގެފާނަށް އަދާކޮށްދޭންޖެހޭ ޙައްޤުތައް އަދާކޮށްގެންނެވެ. އެންމެހާ މީސްތަކުންނަށްވުރެ ބޮޑަށް އެކަލޭގެފާނުދެކެ ލޯބިވެގެންނެވެ. އެކަލޭގެފާނު ދެއްކެވި ހިދާޔަތަށް ތަބާވެގެންނެވެ. އަޚްލާޤު ހެޔޮކޮށްގެންނެވެ. އެކަލޭގެފާނުގެ މައްޗަށް ގިނަގިނައިން ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކޮށްގެންނެވެ.

އެކަލޭގެފާނު ގެނެސްދެއްވި ހިދާޔަތުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތައުފީޤު އަޅަމެންނަށް މިންވަރުކޮށްދެއްވާނދޭވެ!

100%0%0%

ހިޔާލު ދެއްވާ!

Your email address will not be published.