Advertisement

ޓެރަރިޒަމްގެ ނުރައްކާތެރިކަމާގުޅޭ ފޯރަމެއް ބާއްވަނީ!

19 Jul 2019 | 15:42

ޓެރަރިޒަމްގެ ނުރައްކާތެރިކަމާގުޅޭ ފޯރަމެއް ބޭއްވުމަށް ޖަމްޢިއްޔަތުއްސަލަފުން ނިންމައިފިއެވެ.

”ޕެރިލްސް އޮފް ޓެރަރިޒަމް ގެ ނަމުގައި ބާއްވާ މި ފޯރަމްގެ މަޤުޞަދަކީ ޓެރަރިޒަމްގެ ނުރައްކާތެރިކަން ޢާންމުންނަށް ހާމަކޮށްދިނުމާއި، މާތްވެގެންވާ އިސްލާމްދީނުގައި ބަޔާންކުރައްވާފައިވާ މި މައުޟޫޢާ ގުޅުންހުރި ޙުކުމްތައް މީސްތަކުންނަށް ބަޔާންކޮށްދިނުންކަމަށް އެޖަމިއްޔާއިން މައުލޫމާތު ދެއްވައެވެ.

ފޯރަމް އިންތިޒާމުކުރުމުގައި އިސްކޮށް ޙަރަކާތްތެރިވާ އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވިގޮތުގައި މި ފޯރަމަކީ އިސްލާމްދީނުގެ ނަމުގައި އެކިއެކި ޖަމާޢަތްތަކުން ހިންގާ ލާއިންސާނީ ޢަމަލުތަކަކީ އިސްލާމް ދީނުގަ އެކަމަށް އެއްވެސް ޙުއްޖަތެއް އޮވެގެން ހިންގާ ޢަމަލުތަކެއް ނޫންކަން މީސްތަކުންނަށް ހާމަކޮށްދިނުމުގެ ބޭނުމުގައި ބާއްވާ ފޯރަމެއްކަން ހާމަކުރައްވާފައެވެ.

”އަޅުގަނޑުމެން މިހާރު މިވަނީ ވީޑިޔޯ މެސެއްޖްތަކެއް ލޯންޗް ކޮށްފަ، މިޙަރަކާތުގައި ރާއްޖޭގެ ޝައިޚުންގެ ތެރެއިން ގިނަ ޢިލްމުވެރިންތަކެއް ބައިވެރިވެވަޑައިގަންނަވާގޮތަށްވަނީ ހަމަޖެހިފަ. މިފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާ ތަނަކާއި ތާރީޚު، ކައިރި މުސްތަޤުބަލެއްގައި ހާމަކުރާނަން އިންޝާﷲ. އަދި ’ސަލަފް އެންޓި ޓެރަރިޒަމް ކެންޕެއިން‘ ގެ މެސެޖްތައް ޖަމްޢިއްޔާގެ މީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް އޮތް ދުވަސްތަކުގައި ގެނެސްދޭނަން އިންޝާﷲ.“ އްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވިއެވެ.

ފޯރަމަށް ތައްޔާރުވުމުގެ ގޮތުން ޓެރަރިޒަމްގެ ނުރައްކާތެރިކަމާގުޅޭ ވީޑިއޯ ކްލިޕްތަކެއް މިހާރުދަނީ އެ ޖަމިއްޔާއިން ނެރެމުންނެވެ. ތަފާތު ގިނަ ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވާ މި ވީޑިއޯ ކްލިޕްތައް ޖަމްޢިއްޔަތުއްސަލަފުގެ ޔޫޓިއުބް، ފޭސްބުކް، އިންސްޓަގްރާމް އަދި ޖަމްޢިއްޔަތުއްސަލަފުގެ ޕަބްލިކް ވައިބާގްރޫޕުންދަނީ ރިލީޒް ކުރަމުންނެވެ.

މީގެކުރިންވެސް ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ސަލަފް ފޯރަމްގެ ޒަރީއާއިން މުހިންމު އެތައް މަޢުލޫމާތުތަކެއްވަނީ ގެނެސްދީފައެވެ. މިފަހަރުގެ ފޯރަމްގައިވެސް ދީނީ ޢިލްމުވެރިންގެ އަގުހުރި މަޢުލޫމާތުތަކެއް ގެނެސްދޭނެކަމަށް ޝައިޚް ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް