Advertisement

ޝަރީއަތް ދުރަށް ދެއްކުން: ރައީސް ޔާމީން "ފަޟީހަތްކޮށްލުން"؟

22 Jul 2019 | 11:53

ޒަމާންތަކަކަށްފަހު ޝަރީއަތެއް ދުރަށް ދެއްކުން:

1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ހިނގި އުދުވާނީ ހަމަލާއަކީ މުޅި ދިވެހިގައުމު ކަރުނައިން ތެންމާލި ހާދިސާއެކެވެ. އެ ހާދިސާގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް އޭރުގެ ހައިކޯޓުން ޝަރީއަތްކުރީ އާންމުންނަށް ހުޅުވާލައިގެންނެވެ. އެއީ ގިނަބަޔެއްގެ އިހުސާސްތަކާއި ގުޅިފައިވާ މައްސަލައެއްކަމަށް ވާތީއެވެ. 

ނަމަވެސް އެ ޝަރީއަތް ހިނގަމުންދާގޮތް އެނގެން ބޭނުންވި އެތައް ހާސް ދިވެހިންނެއް އެ ޝަރީއަތްކުރާ މާލަމުން ބޭރުގައިވެސް ތިއްބެވެ. އެކަމުގެ ނަތީޖާއަކަށް ވެގެންދިޔައީ އެ މައްސަލައިގެ އަޑުއެހުންތައް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވަމުން ގެންދިއުމެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ކޯޓެއްގެ ޝަރީއަތެއް ބްރޯޑްކާސްޓް ކުރެވުނު ފުރަތަަމަ ފަހަރެވެ.

އޭގެ ފަހުން އެތައް އަހަރެއް ފާއިތުވެގެން ގޮަސްފިއެވެ. މުހިންމު މައްސަލަތަކެއް ހިނގައި، ހުކުމްތައް ކުރެވުނު ޝަރީއަތްތައް ބްރޯޑްކާސްޓް ކުރެވިފައެއް ނެތެވެ. ނަމަވެސް މިއަދަކީ އެކަން ބަދަލުވެގެންދާނެ ދުވަހެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލިފައިވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމުގެ ދައުވާގެ އަޑުއެހުން ވަގުތުން ދުރަށް ދެއްކޭނެއެވެ.

މި ނިންމުން ކުއްލިގޮތަކަށް ޑީޖޭއޭއިން ނިންމާފައިވަނީ ރޭގެ ވަގުތެއްގައެވެ. ކްރިމިނަލް ކޯޓުން ބުނިގޮތުގައި އެގޮތަށް ނިންމާާފައިވަނީ އެ މައްސަލައަކީ ދައުލަތުގެ ފައިސާއާ ގުޅުން ހުރި އަދި އާންމު ރައްޔިތުންގެ ކަންބޮޑުވުން ނުހަނު ބޮޑަށް އޮތް މައްސަލައެއްކަމަށްވާތީ ކަމަށެވެ. 

މިކަމާއި ގުޅިގެން ސަރުކާރު ހިންގާާ ކޯލިޝަންގެ ގިނަ ފަރާތްތަކުން ދަނީ އުފާފާޅުކުރަމުންނެވެ. އެފަރާތްތަކުން ބުނާ ގޮތުގައި މި ޝަރީއަތްތައް ވަގުތުން ދުރަށް ދެއްކުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގެވިކަމަށް އެފަރާތްތަކުން ބުނާ ޖަރީމާތައް އެންމެންގެ ކުރިމަތީގައި ހާމަވެގެންދާނެއެވެ. އަދި މިފަދަ ޝަރީއަތެއް ވަގުތުން ދުރަށް ދެއްކުމަކީ އިންސާފުވެރި ފަނޑިޔާރުގެއެއް ބިނާކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށް އެފަރާތްތަކުން ބުނެއެވެ.

ރައީސް ޔާމީން ފަޟީހަތް ކޮށްލަނީބާ؟:

މި ޝަރީއަތް ވަގުތުން ދުރަށް ދައްކައިފިނަމަ ރައީސް ޔާާމީނަށް ސިޔާސީ ގޮތުން މައްސަލަތަކެއް ދިމާވުމަކީ ވެދާނެ ކަމެކެވެ. ހަމަ ގައިމުވެސް ރައީސް ޔާމީންގެ ފަރާތުން އެމަނިކުފާނުގެ ދިފާއުގައި ރަނގަޅު ވާހަކަތަކެއް ދައްކަވާނެއެވެ. ޚުދު ރައީސް ޔާމީނަކީ ބަލާޣާތްތެރި ވާހަކަދެއްކުންތެރިއެކެވެ. ނަމަވެސް ދައުލަތުގެ ވަކީލުންގެ ހެއްކާއި ގަރީނާތައް މާބޮޑަށް ވަރުގަދަ ނަމަ ދިފާއުވުމުގައި ދަތިތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފާނެއެވެ.

މީގެ އިތުރުން މި ޝަރީއަތުގައި ދެކެވޭ ވާހަކަަތަކާއި ހެކިތަކުގެ ސަބަބުން އެމަނިކުފާނާއި ޕީީޕީއެމްގެ ސިޔާސީ އުކުޅުތައް ފަހަރުގައި އާންމުންނަށް ހާމަވެދާނެއެވެ. ސަބަބަކީ ރައީސް ޔާމީންގެ އެކައުންޓްގައި ހުންނާނީ ޕާޓީގެ ކެމްޕެއިންގެ ފައިސާކަމަށް ޚުުދު އެމަނިކުފާނު ވިދާޅުވެދެއްވާފައި ވުމެވެ. މި ޝަރީއަތުގެ ތެރެއިން އެމަނިކުފާނުގެ ބޭންކް ސްޓޭޓްމަންޓް އާންމުކޮށްފިނަމަ ޕީޕީއެމާއި ރައީސް ޔާމީންގެ ކެމްޕެއިނަށް ޚަރަދުކުރާ ފަރާތްތައް ހާމަވުމަކީ އެކަށީގެންވާ ކަމެކެވެ.

މި ދަނޑިވަޅުގައި އިދިކޮޅުން ބޭނުންވެއްޖެނަމަ ޕީޕީއެމްގެ ފަންޑްތައް މުލުން ލުހެލުމުގެ ޖާގަވެސް އެބައޮތެވެ. އިދިކޮޅުގައި އެހާ ބާާރާއި މީހުން އެބަތިއްބެވެ. ނަމަވެސް އެފަދަ ކަމެއް އިިދިކޮޅުން ކޮށްފާނޭ ބުނުމަކީ ދަތިކަމެކެވެ. ސޯޝަލް މީޑިޔާ ކެމްޕޭނަކުން ފިޔަވައެވެ.

މީގެ އިތުރުން ހަގީގަތުގައިވެސް ރައީސް ޔާމީން މަނީ ލޯންޑްރިންގް ކުރެއްވިނަމަ އެކަން އެންމެންނަށް މި ޝަރީއަތްތައް އާންމުންނަށް ދުރަށް ދައްކައިގެން ބޭއްވުމުން އެނގޭނެއެވެ. އިދިކޮޅު އިއްތިހާދުން ބޭނުންވާގޮތަށް ރައީސް ޔާމީން ފަޞީހަތްކޮށްލެވޭނެއެވެ. އެވަގުތުގައި އެމަނިކުފާނު ހައްޔަރުކުރިއަސް، އާންމު ހެކި އޮތުމުން ބޭރުގެ ޕްރެޝަރ އެހާ ބޮޑުވެދާނެކަމަށް ގަބޫލެއް ނުކުރެވެއެވެ.

ނިންމުން:

އެތައް ޒަމާނަކަށްފަހު ޝަރީއަތެއް ދުރަށް ދައްކަނީ އާންމު މަަސްލަހަތާއި ގުޅުންހުރި މައްސަލައަކަށް ވާތީކަމަށް ވަނީ ބުނެފައެވެ. މި ޝަރީއަތަކީ ހަމަ ގައިމުވެސް ތާރީޚުގެ ތެރެއަށް ވަދެގެންދާނެ ޝަރީއަތެކެވެ. ގައުމުގެ ޚަޒާނާއިން ގެއްލުނު ފައިސާތަކެއް ވެރިޔެއްގެ އެކައުންޓަށް ވަންކަން އެންމެންގެ ކުރިމަތީގައި" ފަޟީހަތްވެގެންދާނެއެވެ". ނޫނީ އިދިކޮޅުން އެފަރާތްތަކުގެ ސަޕޯޓަރުންނަށް ދޭން ބޭނުންވި "އިންސާފު" ނުލިބި ހިނގައިދާނެއެވެ. ބަލަމާ ހިނގާށެވެ.

Advertisement

ކޮމެންޓް