ރުހުމުގެ ލޮލަށްވެސް އައިބު ފެންނަން ޖެހޭ

25 Jul 2019 | 15:22

ތިމާގެ ދަރި ތިމާއަށް ދޮންފުތުވުމަކީ، ދަރިންގެ ހަލާކެވެ. ދަރިއަކު ގޯސްކަމެއް ކުރުމުން، އެއީ ގޯސްކަމެއްކަން ފާހަގަކޮށް އެކަން ތިމާގެ ދަރިއަށް ބުނެދީ، ނަސޭހަތްދީގެން ނޫނީ ދަރިފުޅު ހަމަމަގަކަށް ނޭޅުވޭނެއެވެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައިވެސް ކަން އޮންނަނީ މިދެންނެވި ގޮތާއި ދިމާ އިދިކޮޅަށެވެ. ކޮންމެ މީހަކުވެސް މަސައްކަތް ކުރަނީ ދަރިފުޅުގެ ކުށް ފޮރުވައި، އެ ކުށަކީ ނުކުރާ ކަމެއް ކަމުގައި މުޖްތަަމައުއަށް ދެއްކުމަށެވެ.

ސިޔާސީ ކަންކަމަށް ނަޒަރު ހިންގާލާއިރުވެސް ފެންނަނީ ދާދި އެއް މަންޒަރެކެވެ. ތިމާ ތާއީދު ކުރާ ޕާޓީ ނުވަތަ ލީޑަރު ގޯސް ކަމެއް ކުރިއަސް އެކަމެއްގެ ދިފާއުގައި ނުކުމެ އަޑު އުފުލައެވެ. ތިމާ ތާއީދު ކުރާ ލީޑަރަކީ އެވެނި މިވެނި ކުށެއް ކޮށްގެން ޖަލު ހުކުމެއް އައިސްފައިވާ، ނުވަތަ އަތުވެދާނެ ފަދަ މީހެއް ކަމުގައިވިޔަސް އެމީހެއްގެ ފަހަތުގައި ހުރިކަން ސޯޝަލް މީޑިއާގައިވެސް ލިޔެއެވެ. އެމީހެއްގެ ކިބައިގައި ހުރި އުނި ސިފައެއް ތިމާއަށް ނުވެސް ފެންނަ ފަދައެވެ.

މިއީ އެކަން ކުރަންޖެހޭ ގޮތް ހެއްޔެވެ؟ ރަނގަޅާއި ނުބައި ވަކިވާހިނދު، ނުބައި ކަަމަކަށް ފާޅުކަން ބޮޑު ގޮތެއްގައި ތާއީދު ކުރުމަކީ، ކަމެއް ރަނގަޅު ކުރަން ހުރަސް އެޅުން ނޫން ދެން އެހެން ކޮންކަމެއް ހެއްޔެވެ؟

އެއްވެސް މީހަކީ އެންމެ ފުރިހަމަ މީހާއެއް ނޫނެވެ. އެހެންކަމުން މީހަކަށް ގޯސްކަމެއް ކުރެވޭއިރަށް އެމީހަކު އެކަހެރިކޮށް ބާކީ ކުރުމަކީވެސް ގޮތެއް ނޫނެވެ. އެހެންނަމަވެސް ގޯހަކީ ގޯސްކަން ގަބޫލު ކުރަންޖެހެއެެވެ. އައިބުތައް ރަނގަޅު ކުރެވޭނީ، އެންމެ ފުރަަތަމަ އެއީ އައިބެއްކަން ގަބޫލުކޮށްގެންނެވެ. ނުފެންނަ ކަމަށް ހަދަން ބޭނުންވާ ކަންކަންވެސް ފެނިގެންނެވެ. ރުހުމުގެ ލޮލަށްެވެސް އައިބު ފެންނަން ޖެހެއެވެ.

އަޅުގަނޑުމެންގެ ތެރޭގައި ވަަރަށް ގިނަ މައްސަލަތައް އެބަހުއްޓެވެ. ރަނގަޅު ކުރަންޖެހޭ ކިތަންމެ ކަމެއް އެބަހުއްޓެވެ. އެކަންކަން ރަނގަޅު ކުރެވޭނީ ކޮންމެ މީހަކީވެސް ހެވާއި ނުބައި ވަކި ވާހިނދު، ހައްގު މަގުގައި ހުންނަ މީހަކަށް ވެގެންނެވެ. އެންމެ ފުރަތަމަ ގޭތެރެއިން ފަށަމާ ހިނގާށެވެ.

ތިބާގެ ދަރިފުޅު ނުވަަތަ އާއިލާގެ އެހެންވެސް މީހަކު ނުރަނގަޅު ކަމެއް ކުރާނަމަ، އެކަމެއް ރަނގަޅު ކުރަން އެހީތެރިވާށެވެ. އެމީހަކަށް ސާބަސްދީ، ތިޔަ ކުރަނީ ރަނގަޅު ކަމެކޭ ބުނެ ހިތްވަރު ނުދޭށެވެ. އަދި ތިބާ ހުރީ ގައުމަށް ނުފޫޒު ފޯރުވޭފަދަ މަގާމެއްގައި ކަމުގައިވިޔަސް އެބީދައިން އަމަލު ކުރާށެވެ. ނުބައިކަންކަން ފާހަގަކޮށް، އިސްލާހު ކުރަން މަސައްކަތް ކުރާ މީހަކަށް ވާށެވެ.

ފޮޓޯ: މިހާރު 

Advertisement

ކޮމެންޓް

Advertisement