ރައީސް ޔާާމީންގެ ފަރާތުން ހުށައެޅި އެއްވެސް ނުކުތާއެއް ބަލައެއްނުގަތް

22 Jul 2019 | 19:15

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގްގެ މައްސަލައާއި ގުޅިގެން އެމަނިކުފާނުގެ ފަރާތުން ހުށައެޅި ފަސްނުކުތާވެސް ބަލައިނުގަނެ، އެ މައްސަލައާއިގެން ކުރިއަށް ދިއުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އެ މައްސަލައިގައި މިއަދު އޮތް އަޑުއެހުމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ނިންމެވީ އެ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން ހުށައެޅި ފަސްނުކުތާއާއި އެ ނުކުތާތަކަށް ދައުލަތުން ދިން ރައްދަށް ބެލުމަށްފަހު އެ ނުކުތާތައް ބަލައިނުގަތުމަށެވެ. އަދި މި މައްސަލައާއިގެންއި އިތުރަށް ކުރިއަށްދިއުމަށްވެސް އިސްގާޒީ ހައިލަމް ވަނީ ނިންމަވާފައެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން އުފުލި ނުކުތާތަކަކީ ދައުވާ ފޯމު ސާފުނޫންކަމަށާއި، ކޮރަޕްޝަންގެ ކުށަކީ ކޮބައިކަން ދައުލަތުން ސާފުކޮށް ބަޔާންކޮށްދީފައި ނުވާކަމަށާއި، އެ ހާދިސާއަކީ އުފުލާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ހިނގާފައިވާ ހާދިސާއެއް ކަމަށާއި، މައްސަލައިގެ ތަހުގީގު ފުރިހަމަ ނުވަނީސް ދައުވާ އުފުލާާފައިވާ ކަމަށާއި، މި މައްސަލައަށް އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަނެވޭނެކަމަށެވެ.

މި މައްސަލައާއި ގުޅިގެން ދައުލަތުން ވަނީ ހެކިންގެ ގޮތުގައި މުހިންމު ފަރާތްތަކެއް ހުށައަޅާފައެވެ. އޭގެ ތެރޭގައި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ، މުއައްވިޒު، މުހައްމަދު ވަސީމް އިސްމާއިލް، އަދީބު، މޫސާ ޒަމީރު، މުހައްމަދު ލުވައިޒު، މުހައްމަދު ޝަރީފް، އަބްދުﷲ ޒިޔަތު ހިމެނެއެވެ. އަދި މީގެ އިތުރުން ކިތާބީގެ ހެކީގެ ގޮތުގައި، އެސްކްރޯ އެއްބަސްވުމާއި، ރައީސް ޔާމީން ފުލުހުންނާއި އޭސީސީއަށް ދީފައިވާ ބަޔާންތަކާއި އެކައުންޓު ސްޓޭޓްމަންޓުތައް ހިމެނެއެވެ.

މިއަދުގެ ޝަރީއަތް ނިންމާލާފައިވަނީ ދިފާއީ ހެކި ހުށައެޅުމަށް ރައީސް ޔާމީނަށް ފަސް ދުވަހުގެ މުހުލަތެއް ދިނުމަށް ފަހުގައެވެ. އަދި ހެކިންގެ ހެކި ބަސް ނެގުމަށް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement