Advertisement

ދެ ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު އެޅުމަށް ބަޔަކާ ހަވާލުކޮށްފި

21 Jul 2019 | 23:45

ދެރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތަކެއް ގާއިމްކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

އެންވަޔަރމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

ކުނި މެނޭޖުކުރާ މަރުކަޒު އިމާރާތްކުރަން ނިންމާފައިވަނީ ބ. ހިތާދޫއާއި ބ. ދޮންފަނުގައެވެ.

ބ. ދޮންފަނުގައި އިމާރާތްކުރާ ކުނި މެނޭޖުކުރަ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެހިކޮން ޕްރައިވެޓް ލިމިޑެޓާއެވެ. ދެ މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ އެމަސައްކަތް 120 ދުވަސްތެރޭގައި ނިންމަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި ވެއެވެ.

އަދި ބ. ހިތާދޫގައި މަރުކަޒު އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ އެލް-އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މިއެއްބަސްވުމުގައިވާ ގޮތުން 1.7 މިލިއަން ރުފިޔާއަށް އެ މައްސައްކަތް ތިން މަސްތެރޭގައި ނިންމަން ޖެހެއެވެ.

މީގެއިތުރުން މި ރަސްމިއްޔާތުގައި ރ.އުނގޫފާރުގެ ކުނި މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑު ކުރަންވެސް ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. އުނގޫފާރުގައި ހުރި މަރުކަޒުގެ މަސައްކަތް ހަވާލުކުރީ ވެހި-ކޮން ޕްރައިވެޓް ލިމިޓެޑާއެވެ. 8 ލައްކައަށްވުރެ ގިނަ ރުފިޔާގެ މިމަޝްރޫއުގެ މަސައްކަތް 4 މަސް ދުވަހުގެތެރޭގައި ނިންމަން އެއްބަސްވުމުގައި ވެއެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެންވަޔަރަންމަންޓް މިނިސްޓަރު ހުސައިން ރަޝީދު ވިދާޅުވީ އަދިވެސް ބައެއް ރަށްރަށުގައި ކުނި މެނޭޖުކުރެވޭނެ ވަސީލަތްތައް ޤާއިމުވެފައި ނެތްކަމަށާއި އެކަން ހައްލުކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށެވެ.

Advertisement

ކޮމެންޓް