ރަން މެޑަލް ލިބުމުން ރައީސް ސޯލިހު އަދި ފަސްޓްލޭޑީ އުފާފާޅު ކުރައްވައިފި

21 Jul 2019 | 22:36

މޮރިޝަސްގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އަންހެނުންގެ ޓޭބަލް ޓެނިހުން ދިވެހި ޓީމު ރަންމެޑަލް ކާމިޔާބު ކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު، ދިވެހިޓީމަށް ލިބުނު ކާމިޔާބީ ފާހަގަކޮށް އުފާފާޅު ކުރުމުގައި ބައިވެރިވެ ވަޑައިގެންފިއެވެ. 

އައި.އޯ.އައި،ޖީގައި ދިވެހި ފިރިހެން ބެޑްމިންޓަން ޓީމު ވަނީ ބްރޮންޒް މެޑަލް ހޯދާފައެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މިއަދު ކުރިޔަށްދިޔަ ކުޅިވަރުތަކުގެތެރެއިން ބާސްކެޓް، ބީޗް ވޮލީ، ބެޑްމިންޓަން، ސުވިމިންގ، ވޮލީ އަދި ޓޭބަލް ޓެނިހުގައި ރާއްޖޭގެ ޓީމުތައް ވާދަކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މިއަދު ވެސް ވަނީ ދިވެހި ޓީމުތަކުގެ ބައެއް ކުޅިވަރުތައް ކުރިޔަށްދިޔަ ވަގުތުތަކުގައި ކުޅިވަރުތައް ބައްލަވާލެއްވުމަށް ޒިޔާރަތްކުރައްވައި ދިވެހި ޓީމުތަކަށް ތަރުހީބު ދެއްވާފައެވެ.

ރާއްޖޭގެ ޓީމް ހޯދި ކާމިޔާބީއާއި ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރަން މެޑަލް ހޯދި ޓީމަކީ މުޅި ގައުމުގެ ފަހުރު ކަމަށެވެ. 

Advertisement

ކޮމެންޓް