Advertisement

ރައީސް ޔާމީންގެ މައްޗަށް ކުރާ ޝަރީއަތަކީ ސިޔާސީ ކަމެއްގެ ގޮތުގައި އިދިކޮޅުން ސިފަކޮށްފި

22 Jul 2019 | 00:07

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާވާފައިވާ ދައުވާއާއި ގުޅިގެން ކުރިއަށްގެންދާ ޝަރީއަތަކީ ސިޔާސީ ކަމެއްގެ ގޮތުގައި އިދިކޮޅުން ސިފަކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ރައއީސް ޔާމީންގެ ސާބިތުކަން ފެނިގެން ދިޔަ ކަމަށެވެ. އެގޮތުން، އެމަނިކުފާނުގެ ދިފާއުގައި ވަކާލާތު ކުރައްވާނެ ވަކީލުން ތިއްބަވަނިކޮށް، ފެނިގެން ދިޔައީ ރައީސް ޔާމީން އަމިއްލަ ދިފާއުގައި ވާހަކަފުޅު ދެއްކެވި މަންޒަރުކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މީގެ ކުރިން ފެނުނު މަންޒަރުތަކަށް ބަލާއިރު، ކުރިން ވެރިކަން ކުރެއްވި ބޭފުޅުން ޝަރީއަތުގެ މަޖިލީހުގައި ހަނު ހުންނެވި މަންޒަރުވެސް ފެނިގެން ދިޔަ ކަމަށެވެ.

"މިއަދުގެ ސަރުކާރުން އެބަ ބޭނުންވޭ ރައީސް ޔާމީން ސިޔާސީ ހަރަކާތްތަކުން އެއްކިބާ ކުރެވޭނެ ގޮތެއް ހޯދަން. އެހެންވީމަ ސިޔާސީ މަސައްކަތްތަކެއް މި ކުރެވެނީ. ރައްޔިތުންނަށް ވަރަށް ގިނަ ވައުދު ވެގެން މި ސަރުކާރު އައީ. އެއްވެސް ވައުދެއް ނުފުއްދުނު. އެއްވެސް މަޝްރޫއެއް ނުހިންގޭ. ދައުލަތަށް އާމްދަނީ ލިބޭނެ މަސައްކަތެއް ނުކުރެވޭ" އަބްދުއްރަހީމް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގްގެ މައްސަލައާއި ގުޅިގެން އެމަނިކުފާނުގެ ފަރާތުން ހުށައެޅި ފަސްނުކުތާވެސް ބަލައިނުގަނެ، އެ މައްސަލައާއިގެން ކުރިއަށް ދިއުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.

އެ މައްސަލައިގައި މިއަދު އޮތް އަޑުއެހުމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ނިންމެވީ އެ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން ހުށައެޅި ފަސްނުކުތާއާއި އެ ނުކުތާތަކަށް ދައުލަތުން ދިން ރައްދަށް ބެލުމަށްފަހު އެ ނުކުތާތައް ބަލައިނުގަތުމަށެވެ. އަދި މި މައްސަލައާއިގެންއި އިތުރަށް ކުރިއަށްދިއުމަށްވެސް އިސްގާޒީ ހައިލަމް ވަނީ ނިންމަވާފައެވެ.

Advertisement

ކޮމެންޓް