މިނިސްޓްރީތަކުގެ ކޯޅުން: އެންވަޔަރަމަންޓް އިން ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފި

18 Oct 2018 | 17:29

މާލޭގެ ދެކުނު ފަރާތާއި އިރުމަތީ ފަރާތުން ވަށައިގެން ހުރި ރުއްގަސްތައް ހުއްދައަކާއިނުލާ ކަނޑާއި އުފުރުމުގެ ސަބަބުންނާއި މާލެ ރިންގް ރޯޑް އާއި ފުވައްމުލަކު ރިންގު ރޯޑު ހެދުމުގައި މަޝްރޫއުގެ މަސައްކަތްތައް ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދާ ހިލާފުވެފައިވާތީވެ އެންވަޔަރަމަންޓް ޕްރޮކެޓްޝަން އޭޖެންސީ (އީޕީއޭ) އިން ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފިއެވެ.

މިކަމާއި ބެހޭ ގޮތުން އީޕީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުމާއި އަދި އެއްރަށުން އަނެއް ރަށަށް ގެންދިއުމުގައި ގެންގުޅެންވީ އުސޫލުގެ ދަށުން ނަގަން ޖެހޭ ހުއްދަ ނެތި ހައުސިން މިނިސްޓްރީގެ ފަރާތުން މާލޭގެ ދެކުނުފަރާތާއި އިރުމަތީފަރާތުން ވަށައިގެން ހުރި ރުއްގަސްތައް އީޕީއޭގެ ހުއްދައެއް ނެތި ކަނޑާއި އުފުރާފައިވާތީވެ ގަވައިދު ނަންބަރު: 2011/R-9 (ތިމާވެއްޓަށް ގެއްލުން ދިނުމުން ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދު) ގެ ދަށުން 191,250 ރުފިޔާއިން އެ މިނިސްޓްރީ ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

މާލެ ރިންގް ރޯޑް ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދާއި ހިލާފަށް ކޮށްފައިވާތީވެ ހައުސިން މިނިސްޓްރީއިން ޖޫރިމަނާ ކޮށްފައިވާކަން ހާމަކުރި ނޫސްބަޔާނުގައި އީޕީއޭއިން ބުނެފައިވަނީ މާލެ ރިންގު ރޯޑު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ތިމާވެށީގެ ގޮތުން ނިންމި ގޮތުގެ ލިޔުން ހޯދުމަށް އެ އޭޖެންސީއަށް ހުށަނާޅާކަމަށެވެ.

އެހެންކަމުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 ގެ 20 ވަނަ މާއްދާގެ ދަށުން 20,000 ރުފިޔާއިން ހައުސިން މިނިސްޓްރީ ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ.

ފުވައްމަލުކު ރިންގް ރޯޑު ހެދުމުގައިވެސް މާލެ ރިންގު ރޯޑް ހެދުމެކޭ އެއްފަދައިން ހައުސިންގ މިނިސްޓްރީއިން ގަވާއިދާ ހިލާފުވެފައިވާކަން އީޕީއޭގެ ނޫސްބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން އެއްކުށެއް ދެ ފަހަރަށް ތަކުރާރު ކުރުމުގެ ސަބަބުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 ގެ 20 ވަނަ މާއްދާގެ ދަށުން 60,000 ރުފިޔާއިން ހައުސިން މިނިސްޓްރީ ވަނީ ޖޫރިމަނާކޮށްފައެވެ.

މި ޖުރިމަނާ ކުރެވުނު ޖުމްލަ އަދަދު ކަމަށްވާ 271,250 ރުފިޔާ ދައްކަން ހައުސިން މިނިސްޓްރީއަށް އީޕީއޭއިން ދީފައިވަނީ 30 ދުވަހުގެ މުހުލަތެކެވެ.

Advertisement

ކޮމެންޓް