ކޯޓަށް ހާޒިރުނުވާ ވަކީލުންގެ ޝަކުވާ ބާ ކައުންސިލަށް ފޮނުވާނެ ކަމުގެ އިންޒާރު ދީފި

22 Jul 2019 | 16:45

ކުރިމިނަލް ކޯޓުގައި ހިނގާ ޝަރީޢަތްތަކަށް ހާޒިރުވެވަޑައިގަންނަވާ ދިފާއީ ވަކީލުން، ކޯޓަށް ހާޒިރުވެވަޑައިނުގަންނަވާނަމަ އެވަކީލެއްގެ ޝަކުވާ ބާ ކައުންސިލަށް ފޮނުވާނެ ކަމުގެ އިންޒާރު ކުރިމިނަލް ކޯޓުން ދީފިއެވެ.

މިފަދައިން ގާޒީ ވިދާޅުވެފައިވަނީ އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރި މީހެއްގެ ދިފާއީ ވަކީލު ކޯޓަށް ހާޒިރު ނުވުމުން މިއަދުގެ އަޑުއެހުމުގައި ހެކިބަސް ނުނެގި، ފަސްކުރަން ޖެހުމުންނެވެ.

ގާޒީ އަލީ ރަޝީދު ވިދާޅުވީ ދިފާއީ ވަކީލުންނަށް ހަމަޖައްސާފައިވަނީ ގިނަ މައްސަލަތަކެއްގައި އުޅޭ ވަކީލުންތަކެއް ކަމަށާއި އެހެންވެ އަޑުއެހުމަކަށް ހާޒިރު ނުވެވޭ ނަމަ ބަދަލުގައި އެހެން ވަކީލަކު ފޮނުވަން އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި މަގްބޫލު އުޒުރެއް ނެތި ވަކީލުން ކޯޓަށް ހާޒިރު ނުވާ ނަމަ، އެ ވަކީލެއްގެ ޝަކުވާ ބާ ކައުންސިލަށް ފޮނުއްވާނެ ކަމުގެ އިންޒާރު ވެސް ދެއްވިއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ އަލީ ރަޝީދު ވިދާޅުވީ ޝަރީއަތް ދިގުލައިގެން ގޮސްފައިވަނީ ދިފާއީ ވަކީލުން އެކި ސަބަބުތަކާ ހެދި ކޯޓަށް ހާޒިރު ނުވުމުން އަޑުއެހުންތައް ފަސްކުރަން ޖެހުމުން ކަމަށެވެ. އަދި ދައުވާ ލިބޭ ކޮންމެ މީހަކަށް ވަކި ވަކީލުންތަކެއް ހަމަޖައްސާފައިވާއިރު، އެންމެ ވަކީލަކު ހާޒިރު ނުވިޔަސް އަޑުއެހުން ފަސްކުރަން ޖެހޭ ކަމަށް ގާޒީ ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ އަލީ ރަޝީދު ހުސެއިން ވިދާޅުވީ މިއަދުގެ އަޑުއެހުމަށް އިސްމާއީލް ރަޝީދުގެ ވަކީލް އަހުމަދު ޔާމީން ހާޒިރުވެވެންނެތީ ބަލި ހާލަތު ހުރި ގޮތުން ކަމަށް ކޯޓަށް އަންގާފައިވާ ކަމަށެވެ. އަދި މިއަދުގެ ޝަރީއަތް ކެންސަލް ނުކޮށް ބާއްވަން ނިންމެވީ ވަކީލުންނަށް އިލްތިމާސް ކުރުމަށް ކަމަށް ގާޒީ ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމަކީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ދެ ހެކިވެރިއެއްގެ ހެކިބަސް ނެގުމަށް ތާވަލް ކޮށްފައިވާ އަޑުއެހުމެކެވެ. ނަމަވެސް ހައިޝަމް ރަޝީދުގެ ވަކީލު އަހުމަދު ޔާމީން ހާޒިރު ނުވާތީ މިއަދުގެ އަޑުއެހުން ކުރިއަށް ނުގެންގޮސް އެހެން ދުވަހަކަށް އަޑުއެހުން ވަނީ ފަސްކޮށްފަ އެވެ.

ޔާމީންގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފައިވަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާންގެ އިތުރުން މ. ކުދެހިގޭ ހަސަން ޝިފާޒާއި މ. ތާއިފް އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހަސަން ޒިޔާދުގެ މައްޗަށެވެ.

Advertisement

ކޮމެންޓް

Advertisement