ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނަށް ނަސޭހަތްދެނީ!

22 Jul 2019 | 19:46

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް ފަނޑިޔާރުންގެ މައްސަލަ ބެލި ތަހުގީގު ކޮމެޓީން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ މައްސަލަ ބެލި ކޮމެޓީން ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް ހުށަހެޅީ އެމައްސަލަ ބެލުމަށްފަހު ތައްޔާރުކުރި ރިޕޯޓުގައެވެ.

ޖޭއެސްސީން ބުނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅި މައްސަލަ ތަހުގީގުކުރި ކޮމެޓީގެ ރިޕޯޓު ބަލައިގަންނަން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އަދި މާދަމާއިން ފެށިގެން ތިން ފަނޑިޔާރުންނަށް ވެސް އެމައްސަލައިގައި ޖަވާބުދާރީވެ ވަޑައިގަތުމަށް 30 ދުވަހުގެ މުހުލަތެއް ދޭން ނިންމާފައިވާކަމަށް ކޮމެޓީގެ ރިޕޯޓުގައި ވެއެވެ.

ތިން ފަނޑިޔާރުންގެ މައްސަލަ ބަލާކަމަށް ޖޭއެސްސީން ބުނި ނަމަވެސް ބަލަމުންދަނީ ކޮން މައްސަލައެއް ކަމެއް އެކޮމިޝަނުން މީގެކުރިން ހާމައެއް ނުކުރެއެވެ.

ނަމަވެސް ރިޕޯޓުގައިވާ ގޮތުން ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ނުނިމި ދިގުދެމިގެންދާ މައްސަލައާ ގުޅިގެން ތައްޔާރުކުރި ރިޕޯޓު ބަލައިގަންނަން ކޮމިޝަނުން ނިންމާފައިވާއިރު އެކަމާ ގުޅޭ ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި މަޖިލީހަށާއި ކޯޓުތަކަށް ހިއްސާކުރަން ނިންމާފައި ވެ އެވެ.

Advertisement

ކޮމެންޓް