ސްޕްރީމް ކޯޓުގެ ބެންޗަށް ހަތް ފަނޑިޔާރުން އިތުރުކުރާ ބިލު ތަސްދީގު ކުރައްވައިފި

23 Jul 2019 | 19:04

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އެއިސްލާހުގައިވާގޮތުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގައި ދެން ތިއްބަވަންޖެހޭނީ ހަތް ފަނޑިޔާރުންނެވެ. މިހާރު ތިއްބަވަނީ ފަސް ފަނޑިޔާރުންނެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަބްދުﷲ ދީދީއާއި ފަނޑިިޔާރު އަބްދުﷲ އަރީފުގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

މިއީ ރާއްޖޭގައި ސުޕްރީމް ކޯޓު އުފެދުނުފަހުން އެކޯޓުގެ ބެންޗަށް ބަދަލު ގެނައި ހަތަރުވަނަ ފަހަރެވެ. އެގޮތުން އެންމެ ފުރަތަމަ އިންތިގާލީ ސްޕްރީމް ކޯޓު އުފެދުނުއިރު ބެންޗްގައި ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. އޭގެ ފަހުން ދާއިމީ ސުޕްރީމް ކޯޓު އުފެދުނު އިރު އެކޯޓުގެ ބެންޗަށް ހަތް ފަނޑިޔާރުން ހަމަޖެއްސެވިއެވެ. ނަމަވެސް ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ފަސް ފަނޑިޔާރުންނަށް ބެންޗު ކުޑަކުރުމަށްފަހު މިފަހަރު ގެނައި މިއިސްލާހާއެކު އަނެއްކާވެސް ފަނޑިޔާރުންގެ ބެންޗް ހަތަކަށް ބަދަލުވެގެންދާނެއެވެ.

Advertisement

ކޮމެންޓް