މާލޭ ސިޓީ ކައުންސިލުގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް

23 Jul 2019 | 22:38

ކޮރަޕްޝަނަށް މަގުފަހިވާގޮތަށް މާލޭ ސިޓީ ކައުންސިލުން ނައިޓް މާކެޓް ބާއްވަން ހުއްދަ ދިން ކަމަށް ބުނެ، އެމައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

އެމައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ފަޒީނެވެ.

ފަޒީން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ސިޓީ ކައުންސިލް ހިންގަން ޖެހޭ ވަކި އުސޫލުތަކަކާއި ގަވާއިދުތަކެއް ހުރި އިރު، އެ އުސޫލުތަކާއި ގަވާއިދުތަކާއި ހިލާފަށް މޭޔަރު ބޭނުން ގޮތަކަށް ކަންކަން ނިންމުމަކީ އޮންނަން ޖެހޭ ގޮތެއް ނޫން ކަމަށެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފަޒީން ވިދާޅުވީ އޭސީސީއަށް ހުށަހަޅާފައި ވަނީ ސިޓީ ކައުންސިލުން މާލޭ ސަރަހައްދުގައި މަގުމަތީ ބާޒާރުތައް ބޭއްވުމަށް ދުވަސްތައް ކަނޑައެޅުމާއި އެފަދަ ހަރަކާތްތައް ބޭއްވުމަށް ހުއްދަ ދިނުމުގައި ކައުންސިލްގެ ގަވާއިދާއި އުސޫލުތަކާއި ހިލާފުވެފައިވާ މައްސަލަ ކަމަށެވެ.

ފަޒީން ވިދާޅުވީ ރަސްފަންނުގައި ނައިޓް މާކެޓެއް ބޭވުމަށް ބަޔަކަށް ހުއްދަ ދީފައިވާ ކަމަށާއި އެކަން ކޮށްފައި ވަނީ ކައުންސިލް މެމްބަރުން ނިންމާފައިވާ ގޮތާ ހިލާފަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ނައިޓް މާކެޓް ބާއްވަން ހުއްދައަށް އެދި ހުށަހެޅޭނީ ޖޫން މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައި ވަނިކޮށް، ކުރިން ދޫކޮށްފައިވާ ހުއްދައެއް އެކެއް ޖޫން ގައި ކައުންސިލުން ބާތިލްކޮށް، 19 ޖޫންގައި އެހެން ބަޔަކަށް ހުއްދަ ދިން ކަމަށެވެ. އަދި ފަޒީން ވިދާޅުވި ގޮތުގައި މާލޭ ސިޓީ ކައުންސިލުގައި ކޮރަޕްޝަންގެ ބައިވަރު މައްސަލަތައް އެބަހުއްޓެވެ. މިހާރު ހުށަހަޅާފައިވާ މައްސަލައަށް އެދެވޭ ހައްލެއް ނުލިބިއްޖެނަމަ ދެން ްހުރި މައްސަލަތައް އާންމުކުރާނެ ކަމަށް ފަޒީން ވިދާޅުވެފައިވެއެވެ.

Advertisement

ކޮމެންޓް