ގޭދޮށު މަސްފެކްޓްރީ ހަދަން ގިނަ މެންބަރުން ތާއީދުކޮށްފި

23 Jul 2019 | 23:26

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ގޭދޮށު މަސްފެކްޓްރީ ހަދަން ގޮވައިލި ގަރާރަށް ގިނަ މެންބަރުން ތާއީދުކޮށްފިއެވެ.

ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުށަހެޅުއްވި ގަރާރަށް ތާއީދުކޮށް ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވި ގޮތުގައި މިއީ ލޯކަލް ޓޫރިޒަމް ފަދަ ރައްޔިތުންނަށް ފައިދާހުރި ކަމެކެވެ.

ޝިޔާން ހުށަހަޅުއްވި ގަރާރުގައި މުހިންމު ުހަތަރު ކަމެއް ފާހަގަކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި ގޭދޮށު މަސްފެކްޓަރީތަކަށް ބިން ދޫކުރެވޭނެ އުސޫލުތައް ކަނޑައެޅުމާއި ގޭދޮށު މަސްފެކްޓަރީތަކަށް ބޭނުންވާނެ މެޝިނަރީ، ޓެކްނޮލޮޖީ، އަދި އިކުއިޕްމެންޓު ކަނޑައެޅުމާއި ގޭދޮށު މަސްފެކްޓަރީ ހިންގުމުގައި ރަށު ކައުންސިލާއި ސިޓީ ކައުންސިލުތައް ބައިވެރިވެވޭނެ ގޮތް ކަނޑައެޅުމުގެ އިތުރުން ދިވެހި މަސްވެރިންގެ އަތުން މަސް ގަނެ ޕްރޮސެސް ކުރާނެ ގޭދޮށު މަސް ޕްލާންޓުތައް ގާއިމް ކުރުމަށް ހުޅުވާލުން ހިމެނެއެވެ.

މި ގަރާރަށް ތާއީދުކުރައްވައި މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުލްޝަހީމް ވިދާޅުވީ ގޭދޮށު މަސްފެކްޓަރީ ގާއިމް ކުރުމަކީ ރަށުގައި ތިބެގެން ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ހޯދޭނެ ކަމެއް ކަމަށެވެ.

އަދި މަހުގެ އުފެއްދުންތައް ބޭރަށް ވިއްކޭނެ ގޮތް ގޭދޮށު މަސްފެކްޓަރީތަކުން ހަމަޖެހިއްޖެ ނަމަ، ރާއްޖޭގައި ދިވެހިންނަށް މަސް ލިބޭ އަގުވެސް ހެޔޮވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ގަރާރަށް ތާއީދުކުރައްވައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ ކުރީގެ އެމްޑީޕީ ސަރުކާރުގައި ގެސްޓްހައުސް ވިޔަފާރީގެ ސިޔާސަތުގެ ވާހަަކަ ދެއްކުމުން ގިނަ ބަޔަކު މަލާމާތް ކުރި ކަމަށެވެ. ނަމަވެސް މިއަދު އެ ސިޔާސަތުން ބޮޑު މަންފާއެއް ރައްޔިތުންނަށް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ވިދާޅުވީ އެ ގަރާރަކީ މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށެވެ. އަދި އެކަމުން ރައްޔިތުންނަށް ފައިދާވާނަމަ އެއީ ކުރަންޖެހޭ ކަމެކެވެ.

ގޭދޮށު މަސްފެކްޓަރީގެ ގަރާރާ ދެކޮޅަށް ވާހަކަ ދެއްކެވި ހަމައެކަނި މެންބަރަކީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. ޖާބިރު ވިދާޅުވި ގޮތުގައި އެ ސިޔާސަތަކީ ހިސާބު ނުޖަހައި ބައިނަލްއަގުވާމީ މިންގަނޑުތައް ނޭނގި އެކުލަވާލާފައިވާ ސިޔާސަތެކެވެ. ޖާބިރު ވިދާޅުވީ އެއީ ވޯޓަށް ދަޅަދެއްކުމަށް ކުރި ކަމެއް ކަމަށެވެ.

Advertisement

ކޮމެންޓް