ގޭދޮށު މަސްފެކްޓަރީ ހެދުމުން މަސް ފެކްޓަރީތަކަށް ގެއްލުމެއް ނުވާނެ: ނިޔާޒު

23 Jul 2019 | 23:33

މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށްޓަކައި ގޭދޮށު މަސް ފެކްޓަރީ ހެދުމުން މިހާރު މަހުގެ އުފެއްދުންތައް އެކްސްޕޯޓު ކުރާ ފެކްޓަރީތަކަށް ގެއްލުން ނުވާނެ ކަމަށް ހުޅުމަލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި ގޭދޮށު މަސްފެކްޓަރީގެ ގަރާރަށް ބަހުސް ކުރައްވަމުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނިޔާޒު ވިދާޅުވީ ގޭދޮށު މަސްފެކްޓްރީ ހަދައިގެން މިހާރު ހުރި މަސްފެކްޓްރީ ތަކުގެ މުވައްޒަފުންނަށާއި ފެކްޓްރީތަކަށް އޭގެ ސަބަބުން އެއްވެސް ގެއްލުމެއް ނުވާނެ ކަމަށެވެ.

އަދި އެކަމާ ދެކޮޅަށް ވާހަކަ ދައްކަވާ މީހުންގެ އެންމެ ބޮޑު ސުވާލަކަށްވެގެންދާނީ ފެލިވަރުގައި ހުރި މަސްފެކްޓްރީގެ މައްސަލަ ކަން ފާހަގަކުރައްވައި ނިޔާޒު ވިދާލުވީ ފެލިވަރު ފެކްޓްރީގައި ހިންނަވަރާއި ނައިފަރުގެ ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުން އެބަތިބި ކަމަށެވެ.

ގޭދޮށު މަސްފެކްޓްރީއަށް ތާއީދުކުރައްވައި ވާހަކަ ދައްކަވަމުން ނިޔާޒު ވިދާޅުވީ އެ ގަރާރަށް ތާއީކުރެއްވީ މަސްވެރިކަމަކީ ދިވެހިންނާ ވަކިވާނެ އެއްޗަކަށް ނުވާތީ ކަމަށެވެ. އަދި ދިވެހި ކޮންމެ ރައްޔިތަކީވެސް މަސްވެރި އާއިލާތަކުން އައިސްތިބި މީހުން ކަމަށާއި މީގެކުރިން ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީވެސް މަސްވެރިކަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ މިހާރު އެއުސޫލު ބަދަލުވެ ރާއްޖެއަށް އެންމެ ގިނަ އާމްދަނީއެއް ލިބޭ ސިނާއަތަކަށް ޓޫރިޒަމްގެ ސިނާއަތް ވެފައިވާކަމަށެވެ. އަދި މަސްވެރިކަމުން ލިބޭ އާމްދަނީ ދަށްވެފައިވަނީ އެކަމަށް އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވިފައި ނެތުމުން ކަމަށް ނިޔާޒު ވިދާޅުވިއެވެ.

އަދި މިއަދު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތަށް ބަލާއިރު، މަސްވެރިކަމުގެ ސިނާއަތުން ލިބެނީ 3.7 ޕަސެންޓް ކަމަށާއި ނަމަވެސް ޓޫރިޒަމުން ގައުމީ އުފެއްދުންތެރިކަމުން ލިބޭ ނިސްބަތް އުޅެނީ 24.5 ޕަސެންޓްގައި ކަމަށް ނިޔާޒު ވިދާޅުވިއެވެ.

އެހެންކަމުން މަސްވެރިކަމުގެ ސިނާއަތުން ލިބޭ މިންވަރު ދަށްވެގެން ދިޔަ ސަބަބު ހޯދައި ދިރާސާ ކުރުމަށްޓަކައި ކުރެވިދާނެ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް