ފެއަރ މެޑިކަލް އިންޝުއަރަންސް އަދި ހެލްތް ކެއަރ ކޮންގްރެސް ފެށިއްޖެ!

24 Jul 2019 | 05:47

ރާއްޖޭގެ ލީޑިންގ އިންޝުއަރަރ؛ އެލައިޑް އިންޝުއަރަންސާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގުޅިގެން އިންތިޒާމްކުރާ "ފެއަރ މެޑިކަލް އިންޝުއަރަންސް އަދި ހެލްތް ކެއަރ ކޮންގްރެސް" ފެށިއްޖެއެވެ.

އިއްޔެ ބޭއްވި ހާއްސަ ހަފުލާއެއްގައި މިކޮންފަރެންސް ފައްޓަވާދެއްވީ މިހަފްޟާގެ ޝަރަފުވެރި މެހެމާނު ހެލްތް މިނިސްޓަރ އަބްދު އަމީންއެވެ.

ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ޖުލައި 22-24 އަށް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މިކޮންފަރެންސްގައި ސިއްހީ ދާއިރާގެ ހިދުމަތުގައި ހަރަކާތްތެރިވާ އިލްމީ އަދި ފަންނީ ތަޖުރިބާކާރުންނާއި އިންޝުއަރަންސްގެ އަހުލުވެރިން ގިނަ އަދަދަކަށް ބައިވެރިވެފައި ވެއެވެ.

"އަ ވަރލްޑް އޮފް އޮޕޮޗިއުނިޓީޒް"ގެ ނަމުގައި ބޭއްވޭ މިކޮންފަރެންސަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ މިފަދަ ކޮންފަރެންސެވެ.

އިވެންޓުގެ ކޯ-ހޯސްޓް؛ އެލައިޑް އިންޝުއަރަންސުން މައުލޫމާތު ދެއްވާ ގޮތުގައި މިކޮންފަރެންސްގެ ބައިވެރިންނާއި ކޮންފަރެންސްގެ މަސްއޫލުވެރި ފަރާތްކަމުގައިވާ ފެއަރ (ފެޑެރޭޝަން އޮފް އެފްރޯ-އޭޝިއަން އިންޝުއަރަރސް އެންޑް ރީއިންޝުއަރަރސް) ގެ އިސްވެރިންގެ މެދުގައި ކޮންފަރެންސް ހާއްސަކުރެވިފައިވާ މައުލޫތަކަށް ބަހުސްކޮށް، ހިޔާލު ބަދަލުކުރެވި، ދާއިރާ އިތުރަށް ތަރައްގީކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރެވިގެންދާނެއެވެ.

އެގޮތުން ދެދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މިކޮންފަރެންސްގެ އަމާޒަކީ ރާއްޖޭގެ ހެލްތްކެއަރ ސިސްޓަމް އިތުރަށް މުއްސަނދި ކުރެވޭނެ އީޖާދީ ވިސްނުންތައް ނެރެ ޒަމާނީ ކުރިއެރުމާއި ހަމައަށް ވާސިލްވެވޭނެ މަގުތައް ހޯދުންކަމުގައި އެކުންފުނިން ފާހަގަކުރެއެވެ.

ފެއަރ މެޑިކަލް އިންޝުއަރަންސް އަދި ހެލްތް ކެއަރ ކޮންގްރެސް އިފްތިތާހުކުރި ހަފްޟާގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ ވިދާޅުވީ އެމް.އެމް.އޭ އާއި އެލައިޑުން އިސްނަގައިގެން ގައުމުގެ އިގްތިސާދު ހަރުދަނާވާނެ ގޮތްތަކާއި ބޭހޭގޮތުން މަޝްވަރާކުރުމަށް، ސަރަހައްދީ ފެންވަރުގެ ފޯރަމެއް ހުޅުވާލިކަމާއި މެދު ފަހުރުވެރިވާ ކަމަށެވެ. އަދި މުސްތަގުބަލުގައި ވެސް މިފަދަ ފުރުސަތުތައް ހުޅުވާލާ ދާއިރާގެ މަސައްކަތްތެރިންނަށް މަޝްވަރާކުރެވޭނެ ރަނގަޅު ޕްލެޓްފޯމްތައް ގާއިމްކޮށްދެއްވުމަށް ހިއްވަރު ދެއްވާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް