ރަންވަނަ އެވޯޑު ތިން އިދާރާއަކުން ހާސިލްކޮށްފި

18 Oct 2018 | 14:25

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބައިނަލްއަގުވާމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދޭ 'މައުލޫމާތު ހާމަކުރުމުގެ ރަންވަނަ' އެވޯޑު މިފަހަރު ތިން އިދާރާއަކުން ހޯދައިފިއެވެ.

އެގޮތުން މިނިވަން މުއައްސަސާތަކުގެ ތެރެއިން "ރަންވަނަ- 2018" ހާސިލުކޮށްފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނެވެ. މިއީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން މި އިނާމު ހޯދި ތިންވަނަ ފަހަރެވެ.

ލޯކަލް ކައުންސިލްތަކުގެ ތެރެއިން "ރަންވަނަ- 2018" ހާސިލުކޮށްފައިވަނީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުންގެ އިދާރާއެވެ. މިއީ އެ އިދާރާ މި އިނާމު ހޯދި ދެވަނަ ފަހަރެވެ. އަދި ސަރުކާރުގެ އިދާދާތަކުން "ރަންވަނަ" ހޯދާފައިވަނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މައުލޫމާތު ދޭ ގޮތުގައި ރަންވަނަ އެވޯޑު ލިބެނީ، އެކަމަށް ކަނޑައެޅިފައިވާ މިންގަނޑުތަކުން 85 އަށްވުރެ މަތީން އެ އިދާރާއެއް ހިމެނޭ ގިންތިއަކުން އެންމެ މަތީން މާކުސް ހޯދާ އިދާރާތަކަށެވެ. އަދި ވެބްސައިޓު ދަރަޖަ ކުރުމުން ވެސް 1 ވަނަ ދަރަޖަ ހާސިލުކޮށްގެންނެވެ.

'މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ' އަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބައިނަލް އަޤުވާމީ ދުވަސް ފާހަގަކުރުމަށްޓަކައި 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހު ބޭއްވުނު ޙަފްލާގައި އިންފޮމޭޝަން ކޮމިޝަނަރު އިޢުލާން ކުރެއްވި ޝަރަފުވެރި އެވޯޑެކެވެ.

މި އިނާމު ތަޢާރުފުކުރުމުގެ މައިގަނޑު މަޤުޞަދަކީ، ޤާނޫނު ނަންބަރު 2014/1 ގައިވާ ގޮތުގެމަތީން ދައުލަތުގެ އެންމެހައި ކަންކަން ހާމަކަންބޮޑު ގޮތެއްގައި ކުރިޔަށް ގެންދަން މަގުފަހިކުރުން ކަމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހާމަކޮށްފައިވެއެވެ.

Advertisement

ކޮމެންޓް