7 އަހަރަށްފަހު މާލެ ސިޓީ ކައުންސިލް ހުޅުމާލެ ރައްޔިތުންނާ މިރޭ ބައްދަލުކުރަނީ

31 Oct 2019 | 16:41

ހަތް އަހަރަށްފަހު މާލެ ސިޓީ ކައުންސިލުން ފުރަތަމަ ފަހަރަށް ހުޅުމާލެ ރައްޔިތުންނާއި މިރޭ ބައްދަލުކުރުމަށް ހަމަޖެހިއްޖެއެވެ.

މި ބައްދަލުވުން އޮންނާނީ ހުޅުމާލެ ރެހެންދި ސްކޫލްގައި މިރޭ 8:45 ގައިއެވެ.

މިހާ ދުވަސް މާލެ ސިޓީ ކައުންސިލުން ހުޅުމާލެ ރައްޔިތުންނާއި ބައްދަލުނުކުރެވިވަނީ ކުރީ ސަރުކާރުން އެކަން ހަމަޖައްސައި ނުދިނުމުންކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ ވަނީ ވިދާޅުވެފައެވެ. ނިމި ދިޔަ ސަރުކާރުން ވަނީ ސިޓީ ކައުންސިލްގެ ދައުރު ވަރަށް ބޮޑަށް ކުޑަކޮށްފައިކަން ފާހަގަކޮށްލަންޖެހެއެވެ.

މީގެ ރައްދުގައި ނިމިދިޔަ ސަރުކާރުގެ ހައުސިންގ މިނިސްޓަރ ޑރ. މުއިއްޒު ވިދާޅުވިގޮތުގައި އެއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކައެއް ނޫން ކަމަށާއި އެއީ ހުޅުމާލޭގެ ރައްޔިތުންނާއި ބައްދަލު ނުކުރުމަށްފަހު ސިޓީ ކައުންސިލުން ދައްކާ ބަހަނާ ކަމަށެވެ. އަދި ސިޓީ ކައުންސިލުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެކައުންސިލްގެ ޒިންމާތައް ފުރިހަމައަށް އަދާ ކޮށްފައި ނުވާކަންވެސް މުއިއްޒު ފާހަގަ ކުރެއްވިއެވެ.

އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި ކައުންސިލްތަކަށް ވަނީ އަނބުރާ ބާރުތައް ދެއްވާފައެވެ. ނަމަވެސް މި ސަރުކާރަށް ނުވަމަސްވެގެން ދިޔައިރު މިހާތަނަށް ސިޓީ ކައުންސިލުން ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ނުކޮށް ގިނަ ދުވަސް ވުމުން ވަނީ އެ ކައުންސިލަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ.

ހުޅުމާލެއަކީ 30،000 މީހުންގެ އާބާދީއެއް ދިރިއުޅެމުންއަން ރަށެކެވެ. މީހުން ގިނަވުމާއެކު މުނިސިޕަލް އަދި ރަށް މެނޭޖްކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

މިރޭގެ ބައްދަލުވުމުގައި ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

Advertisement

ކޮމެންޓް