Advertisement

2023ވަނަ އަހަރުގެ އައިއޯއައިޖީ ބާއްވާނީ ރާއްޖޭގައި!

27 Jul 2019 | 12:04

2023ވަަނަ އަހަރުގެ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސް، ދިވެހިރާއްޖޭގައި ބޭއްވުމުގެ ބިޑް ކާމިޔާބުކޮށްފިއެވެ.

މިކަން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓަކުން ކަށަވަރުކޮށްދެއްވާފައެވެ.

ރާއްޖެއަށް މި ބިޑް ކާމިޔާބުކުރެވުނީ މޮރިޝަސްގެ އިންޓަކޮންޓިނެންޓަލް ހޮޓަލުގައި ބޭއްވި ކޯޖީގެ ކައުންސިލް ބައްދަލުވުމުގައި ވޯޓު ނަގައިގެންނެވެ. ރާއްޖޭގައި މި މުބާރާތް ބާއްވަން ނިންމީ ހަތަރު ވޯޓް ލިބިގެންނެވެ. ރާއްޖޭގެ އިތުރުން ބިޑް ހުށައެޅި ކޮމޯރޯސް އާއި މަޑަގަސްކަރަ އަށް ލިބުނީ އެއް ވޯޓެވެ.

މި ބިޑް ހުށައަޅުއްވައިދެއްވަމުން ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފް ވިދާޅުވީ މިއީ ރާއްޖޭގައި އެ މުބާރާތް ބޭއްވުމުގެ ފުރުސަތު ދޭންވީ ފަހަރު ކަމަށާއި ފާއިތުވި 40 އަހަރު އެ މުބާރާތުގައި ބައިވެރިވުމަށް ކަނޑު ހުރަސްކޮށް ދިވެހިން ދަތުރުކޮށްފައިވާނެ ކަމަށެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ މިއީ ދިވެހިންނަށް ވަރަށް ޚާއްސަ މުބާރާތެއް ކަމަށެވެ. އެގޮތުން އައިއޯއައިޖީއަކީ ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ބައިވެރިވި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްކަމަށް މަޚުލޫފް ވަނީ ފާހަގަކުރައްވާފައެވެ.

އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް ގިނަ ވަސީލަތްތައް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

ކޮމެންޓް