ސުވަރުގެއާއި ނަރަކަ ޚަލްޤުކުރެއްވުމަށްފަހު…

Share on facebook
Share on twitter
Share on telegram
Share on whatsapp

އަބޫ ހުރައިރާ رَضِيَ اللهُ عَنْهُ ގެ ކިބައިން ރިވާވެފައިވެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "މާތް ﷲ ސުވަރުގެއާއި ނަރަކަ ޚަލްޤުކުރެއްވުމަށްފަހު، ޖިބްރީލުގެފާނު ސުވަރުގެއަށް ފޮނުއްވިއެވެ. އަދި އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. "ކަލޭގެފާނު އެތަން ބައްލަވާށެވެ! އަދި އެތަނުގެ އަހުލުވެރިންނަށް ތިމަންރަސްކަލާނގެ ތައްޔާރުކޮށްދެއްވާފައިވާ ނިޢުމަތްތައް ބައްލަވާށެވެ!" ފަހެ، ޖިބްރީލްގެފާނު ސުވަރުގެއަށް ވަޑައިގެން، އެތަނާއި އެތަނުގެ އަހުލުވެރިންނަށް ތައްޔާރުކޮށްދެއްވާފައިވާ ނިޢުމަތްތައް ބައްލަވާލެއްވުމަށްފަހު ވަޑައިގެން ދެންނެވިއެވެ. "އިބަރަސްކަލާނގެ ޢިއްޒަތްވަންތަކަން ގަންދެއްވައި ދަންނަވަމެވެ. އެތަނުގެ އަޑު އަހައިފިމީހަކު އެތަނަށް ނުވަދެ ނުދާނެއެވެ."

ދެން ހިތް ނުރުހޭފަދަ ކަންކަމުން އެ ސުވަރުގެ ވަށާލެއްވުމަށްފަހު ޖިބްރީލްގެފާނަށް ވަޙީކުރެއްވިއެވެ. "ކަލޭގެފާނު އެތަން ބައްލަވާށެވެ! އަދި އެތަނުގެ އަހުލުވެރިންނަށް އެތަނުގައި ތައްޔާރުކޮށްދެއްވާފައިވާ ނިޢުމަތްތައް ބައްލަވާށެވެ!" އެކަލޭގެފާނު ވަޑައިގެންނެވިއިރު ސުވަރުގެ ވަށައިގެންވާ ހިތް ނުރުހޭ ކަންތައްތަކުގެ ގިނަކަމާއި ބޮޑެތިކަމާހުރެ ވަޑައިގެން ދެންނެވިއެވެ. "އިބަރަސްކަލާނގެ ޢިއްޒަތްވަންތަކަން ގަންދެއްވައި ދަންނަވަމެވެ. އެއްވެސްމީހަކު އެތަނަށް ނުވަދެދާނެކަމަށް ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ." ދެން އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. "ކަލޭގެފާނު ނަރަކައަށް ވަޑައިގެން، އެތަނާއި އެތަނުގެ އަހުލުވެރިންނަށް ތިމަންރަސްކަލާނގެ ތައްޔާރުކުރައްވާފައިވާ ޢަޛާބުތައް ބައްލަވާށެވެ!" އެކަލޭގެފާނު ވަޑައިގެން ބެއްލެވިއިރު، އެތަނުގައި އެއްބައި އަނެއްބައެއްގެ މައްޗަށް އަރާފައިވާތަން ފެނިވަޑައިގެންނެވިއެވެ. އަދި ވަޑައިގެން ދެންނެވިއެވެ. "އިބަރަސްކަލާނގެ ޢިއްޒަތްވަންތަކަން ގަންދެއްވައި ދަންނަވަމެވެ. އެތަނުގެ އަޑު އަހައިފިމީހަކު އެތަނަކަށް ނުވަންނާނެއެވެ." ދެން، ޝަހްވަތްތަކުން (އެބަހީ؛ ހިތްއެދޭ ގޮތްތަކުން) އެ ނަރަކަ ވަށާލެއްވުމަށްފަހު ޖިބްރީލްގެފާނަށް ވަޙީކުރެއްވިއެވެ. "ކަލޭގެފާނު އެތަން ބައްލަވާށެވެ!" އެކަލޭގެފާނު ވަޑައިގެންނެވިއިރު ނަރަކަ ވަށައިގެން ހިތްގޮވާ ގޮތްތަކާއި ހިތްއެދޭ ގޮތްތައް އެތަނުގައިވާ ތަން ފެނިވަޑައިގެން ދެންނެވިއެވެ. "އިބަރަސްކަލާނގެ ޢިއްޒަތްވަންތަކަން ގަންދެއްވައި ދަންނަވަމެވެ. އެކަކުވެސް އެތަނަށް ނުވަދެ ސަލާމަތް ވެދާނެކަމާމެދު ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ."

މިވެސް ކިޔާލާ:

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ސުވަރުގޭގެ ނިޢުމަތްތަކަށް ވާޞިލުވެވޭނީ ތިމާގެ އަމިއްލަ އެދުންތަކާއި، ހިތް އެދޭގޮތްތައް ދޫކޮށް، މާތް ﷲ ރުއްސަވާވޮޑިގެންވާ ގޮތަށް އުޅެގެންނެވެ. އެންމެހާ ކަމެއްގައި އެކަލާނގެއަށް ކިޔަމަންގަތުމުގެ ޝައުޤުވެރިކަން ހުރެގެންނެވެ. އެންމެހާ ކަމެއްގައި އެކަލާނގެ ރުއްސަވާވޮޑިގެންވާ ގޮތަކީ ކޮބައިކަން ދެނެގަނެގެންނެވެ. ސުވަރުގޭގެ ނިޢުމަތްތައް ޙާޞިލުކުރުމަށްޓަކައި ހިތްއެދޭ އެތައްކަމެއް ޤުރުބާން ކޮށްގެންނެވެ. އެކަންކަމާމެދު ކެތްތެރިވެގެންނެވެ. ތިމާ ހިތްއެދޭހާ ގޮތްތަކާ ދިމާލަށް ދީލާލައިފިކަމުގައި ވަނީނަމަ ނަރަކައަށް ވަންނަންޖެހުމަކީ ދާދިގާތުގައިވާ ކަމެކެވެ.

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.