މި ސަރުކާރުން އެއްވެސް އާ މަޝްރޫއުއެއް ނުފަށާ، އެކަން ރައްޔިތުންނަށް އެނގޭ: ޑރ މުއިއްޒު

30 Jul 2019 | 15:16

މި ސަރުކާރުން ހިންގާ މަޝްރޫއުތައް ރައްޔިތުންނަށް ފެންނާން އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވުމުން، ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުހައްމަދު މުއިއްޒު އެވާހަކައަަށް ފާޑު ވިދާޅުވެއްޖެއެވެ.

މުއިއްޒު ވިދާޅުވީ، މި ސަރުކާރުން އެއްެވެސް އާ މަޝްރޫއުއެއް ނުފަށާ ކަމަށާ، އެކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ. އަދި މިހާރުވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ފައްޓަވާފައިވާ މަޝްރޫއުތައް ރައްޔިތުންނަށް ފެންނަން އެބަހުރި ކަމަށާ، ރައީސް އެ ވިދާޅުވަނީ އެވާހަކަ ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މި ސަރުކާރުން ހިންގާ މަޝްރޫއުތައް ރައްޔިތުން ފެންނަން އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ.

"ޖަޒީރާ ރާއްޖެ، މަގޭ ރާއްޖެ" މިނަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންގެ ހައްގުތަކަށް އަރައި ނުގަންނާނެ ކަމަށެވެ. އަދި މިހާތަނަށް މި ސަރުކާރުގައި ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ އެއީ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް