ތިންވަނަ ކުއާޓާގެ ފައިދާގެ ގޮތުގައި ބީއެމްއެލް އަށް 269 މިލިއަން ރުފިޔާ ލިބިއްޖެ

19 Oct 2018 | 21:14

މިއަދު އާންމުކުރި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގެ ހިސާބުތައް ދައްކާ ގޮތުން އެ ބޭންކަށް ވަނީ ހަރުދަނާ މާލީ ނަތީޖާތަކެއް ލިބިފައެވެ.

އެގޮތުން މި އަހަރުގެ ތިންވަނަ ކުއާޓާގައި 269 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާކަމަށް ބީއެމްއެލް އިން ހާމަކޮށްފައިވެއެވެ.

ބީއެމްއެލްއިން މައުލޫމާތު ދިންގޮތުގައި މިއަހަރުގެ މިހާތަނަށް ހިންގުމުން ލިބުނު ފައިދާ ވަނީ 2017 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9 އިންސައްތަ އިތުރުވެފައެވެ.

ބީއެމްއެލްއިން ހިންގާ 'އަހަރެންގެ ބޭންކް' ޕްރޮގްރާމުގެ ދަށުން ތިންވަނަ ކުއާޓާގައި މުޅި ރާއްޖޭގައި 22 ޕްރޮގްރާމެއް ސީއެސްއާރުގެ ދަށުން ހިންގާފައިވާ ކަމަށާއި ޓެކްނޮލޮޖީއަށް ކުރާ އިންވެސްޓްމެންޓްގެ ދަށުން މޯބައިލް، އިންޓަނެޓް އަދި ކާޑުގެ ޓެކްނޮލޮޖީއަށް އިތުރު ފުރިހަމަކަމެއް ގެނެވިފައިވާ ކަމަށްވެސް ބީއެމްއެލްއުން ބުނެފައިވެއެވެ.

ތިންވަނަ ކުއާޓާގެ ހިސާބުތަކާއި ބެހޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވެފައިވަނީ ފަންޑިންގ ކޮސްޓާއި އިންވެސްޓްމެންޓް އިތުރުވަމުންދިޔަ ނަމަވެސް ވިޔަފާރީގައި ލިބެމުން އަންނަ ކުރިއެރުންތަކާއެކު ހަރުދަނާ މާލީ ނަތީޖާއެއް ހާސިލްކުރެވުމަކީ ބީއެމްއެލްއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ބޭންކުގެ އުއްމީދަކީ މި އަހަރު ކާމިޔާބު ކަމާއެކު ނިންމާލުން ކަމުގައެވެ.

ބޭންކުގެ އަމާޒަކީ މުޅި ރާއްޖެ ޝާމިލުވާހެން އަމިއްލަ ފަރުދުންނާއި ވިޔަފާރިވެރިން އަދި މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި ބީއެމްއެލް އިން މައުލޫމާތުދެއެވެ. 

Advertisement

ކޮމެންޓް

Advertisement