އެމްއެމްޕީއާރްސީގެ ވައްކަން ކުރީ ބީއެމްއެލްގެ މުވައްޒަފުންތޯއެވެ؟

31 Jul 2019 | 12:05

މި ދެތިން ހަފްތާއެއްގެތެރޭގައި އެމްއެމްޕީއާރްސީގެ ވައްކަމާއިގުޅޭ މައްސަލައިގެ ފޯކަސް މުޅިން އޮތީ ބޭންކް އޮފް މޯލްޑިވްސްއަށާއި އެބޭންކުގެ މުވައްޒަފުންނަށް ހުއްޓިފައެވެ. މިއީ ވަރަށް ހައިރާންކުރުވަނިވި ޑިވެލޮޕްމަންޓެކެވެ. އެހެނީ އެމްއެމްޕީއާރްސީގެ ވައްކަންކުރި އެސްއޯއެފްގެ ވެރިން އިގިރޭސިވިލާތާއި ޔޫރަޕްގެ ގައުމުތަކުގައި ދިވެހި ދައުލަތުގެ މާލިއްޔާއިން ކަހާލައިގެން ގެންދިޔަ އެއްބިލިޔަން ރުފިޔާ ތަޅައި ހުސްކުރަމުންދާއިރު ދިވެހި ރާއްޖޭގެ ފުލުހުންނަށް އެކަން އެގިތިބެ ދިވެހި ރާއްޖެއަށް އެމީހުން ނުގެނެސް ވަގުންގެ ގާތަށް ފުލުހުން އިހްތިރާމްގެ ޒިޔާރަތެއްކޮށް މިއީ ވައްކަންކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން އުޅޭގޮތް ދިވެހި ރައްޔިތުންނަށް ދައްކަންވީ ގޮތްތޯއެވެ. އެސްއޯއެފްގެ ވަގުން ދިވެހި ޜާއްޖެ ގެނައުމުގެ ގާބިލިއްޔަތުކަމެއް ސަރުކާރަށް ނެތީތޯއެވެ. ނޫނެކެވެ. އެއީ ސުވާލެއްވެސް އޮތްކަމެއް ނޫނެވެ. އެސްއޯއެފްގެ ވަގުން ދިވެހި ސަރުކާރުން ބޭނުންނަމަ މާލެގެނެސް ޝަރީއަތުގެ ކުރިމައްޗަށް ހުށަހެޅިދާނެއެވެ. އެކަމަކު އެކަންކުރާކަށް ބޭނުން ނުވަނީތާއެވެ. އޭގައި ފޮރުވިފައިވަނީ ކޮންކަމެއްކަމެއް އަދި ސާފެއް ނުވެއެވެ. އަނެއްކާ ވައްކަމުގެ އެންމެ އިސްމޭސްތިރިންގެ ގޮތުގައި ތިބި ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބްފަދަ މީހުން މިނިވަންކޮށް، ޑޮލަރުގެ ވަގުވިޔަފާރި އެސްއޯއެފުން ކުރިއިރު އެމީހުންނާ ބައިވެރިވިކަމަށް އޭސީސީގެ ތަހްގީގުން ދެއްކި މީހުން ދޫކޮށްފައި ބައިތިއްބައިގެން ހުރިހާކަމެއް ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންގެ ބޮލަށް ކަނޑައިލެވުނީއެވެ. އިންސާފުގެ ތިލަފަތުން ކިރައިގެން މިއީ ކޮންކަހަލަ ދެއުޅި އެއްނުވާ މަންޒަރެއްތޯއެވެ. ފަހެ ނުވަތަ މިއީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބް ހޭދަކުރެއްވި ދިވެހި ދައުލަތުގެ ވަގު ފައިސާގެ ނުފޫޒަށް ވެގެންއުޅެނީތޯއެވެ. މިހެން ހިތަށްއެރީ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި އަދީބުގެ މަންދޫބަކު އޮޕޮޒިންޝަންގެތެރެއިން ފެނިގެންގޮސްފައިވާތިއެވެ.

ދިވެހި ރާއްޖޭގެ ޕްރޮސެކިއުޓަރޖެނެރަލްގެ ހާލަތު ވަކިން ސަހަލުތޯއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތް ފޯކަސްކުރެވެނީ އެސްއޯއެފްގެ ވަގުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއްމިލިޔަންޑޮލަރެއްގެ މައްސަލައިގައިކަމަށްވާއިރު ޝަރީއަތުގެ ހެކިންގެ ގޮތުގައި އެސްއޯއެފްގެ ވަގުންގެ ނަން ހިމަނަން ޕްރެސެކިއުޓަރ ޖެނެރަލްގެ ހަނދުމަފުޅަށް އައީ ޝަރީއަތްފެށި، ޝަރީއަތުގެ މަޖިލީހަށް އެމީހުންގެ ނަން ގަބޫލުނުކުރާނެކަން ކަށަވަރު ވާހިސާބަށް ދިޔައިމައެވެ.

އަޅުގަނޑުގެ މިވާހަކައާއި އިންކާރުކޮށް ދެކޮޅުހަދައި ރުޅިއަންނަ މީހާ އަމިއްލަ ނަފްސަށް މިސުވާލު ކުރިމަތި ނުކުރާނީ ޚިޔާނަތްތެރިންނަށް ހިއްވަރުދެވޭތީއެވެ. އެހެންނޫންނަމަ އެސްއޯއެފްގެ ވަގުން ރާއްޖެ ނުގެނެސް އަދި އަހުމަދު އަދީބް މިނިވަންކޮށް ދޫކޮށްލައިގެން ތިބުމަކީ ކިހާ ވަރެއްގެ ކަމެއްކަން އިހްސާސްކޮށް އެވާހަކަ ދައްކައި ހަދާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަދި އެމަޖިލީހުގެ މެމްބަރުންނަށް މިއީ މާބޮޑުކަމަކަށްވެގެން ވާހަކަދައްކައި ހަދާތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން ބަދުނާމް ކޮށް ފަޟީހަތްކުރާތަން ފެނެއެވެ. ކަމެއް ސިޔާސީ ކުރިޔަސް ތަންކޮޅެއް ބޮޑު ވަރެވެ.

ކޮންމެއަކަސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަމެއް ނުވެގެން ރައްޔިތުންގެ މަޖިލިސްގެ މުލައްދަނޑީގެ ބާރު ދައްކައިލިކަންތައް އެއޮތީ މިހާރު ބޭނުންފުޅުވިގޮތަށް ނިމިފައެވެ. ބޭންކްތެރެއަށް ފުލުހުން ވައްދައިގެން ފުލުހުން ބޭނުންކަމެއްކުރުމަށް ސިވިލްކޯޓުން އެއޮތީ އަމުރުދީފައެވެ. ކާނަލް ނާޒިމްގެ މައްޗަށް ފުލުހުން ހިންގި ކުލަގަދަ ތަހްގީގުން ދިވެހި ގައުމީ ބޭންކުތެރެއިން ފުލުހުންނާއެކު ނުކުމެވެގެންދާނެ ކަންކަން އެބަ ތަސައްވުރުކުރެވެއެވެ.

އެކަމަކު ބޭންކް އޮފް މޯލްޑިވްސްއަށް ޝުކުރުއަދާކުރަންޖެހެއެވެ. ފުލް ފުލެޖް އޮތޯރިޓޭރިއަން ޕަވަރެއްގެ ކުރިމަތީގައި އެބޭންކުގެ ކަސްޓަމަރުންގެ ހައްގުތައް ހިމާޔަތްކުރަން ފަނޑިޔާރުގޭގެ ހިމާޔަތް ހޯދަން އުޅުނީމައެވެ. ފަނޑިޔާރުގެ އަށް ސިޔާސީ ބާރުދައްކައި ނުކުޅެދުންތެރިކޮށްފައި އޮތުމަކީ އެހެން މައުޟޫއެކެވެ.

Advertisement

ކޮމެންޓް