ކްރިސްމަސްގެ ފޮރުވިފައިވާ ހަގީގަތް

Share on facebook
Share on twitter
Share on telegram
Share on whatsapp

ކޮންމެ މީލާދީ އަހަރެއްގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރެއިންފެށިގެން ނަޞާރާއިން ފާހަގަކުރާ "ކްރިސްމަސް ޑޭ" ގެ އަސަރުތައްވަނީ މުސްލިމު ޤައުމުތަކަށާއި މުސްލިމުންގެ ހިތްތަކަށް ވެރިވާން ފަށާފައެވެ. އިސްލާމްދީނުގެ މަތިވެރި ނިޢުމަތުގައި އެތައް ސަތޭކަ އަހަރުތަކެއް ގުނަމުން އައި ކުޑަކުޑަ ދިވެހިރާއްޖެއަށްވެސް މިވަނީ މިކަމުގެ އަސަރުތައް ކުރަން ފަށާފައެވެ. ރިސޯޓުތަކާއި ގެސްޓް ހައުސްތަކާއި އެނޫންވެސް ތަންތަނުގައި މި ދުވަސް ފާހަގަކޮށް، ނުވަތަ ފާހަގަކޮށްދީ، އެކަމުގައި ބައިވެރިވުމުގެ ނުބައި ޘަޤާފަތެއްވަނީ ފެތުރެން ފަށާފައެވެ.

ކްރިސްމަސް ޑޭއަކީ ނަޞާރާއިން ދަޢުވާ ކުރާގޮތުން ކަލާނގެވަންތަ ރަސްކަލާނގެ ދަރިކަލުން، ނުވަތަ ތިން ކަލާނގެކުރެ އެއްކަލާނގެ ކަމުގައިވާ ޢީސާ عَلَيْهِ السَّلَام އުފަންވެ ވަޑައިގެންނެވި ދުވަހެވެ. ގިނަ ނަޞާރާއިންގެ ގާތުގައި އެއީ ޑިސެމްބަރު މަހު 25 ވަނަ ދުވަހެވެ. އަނެއްބައެއްގެ ގާތުގައި އެއީ ޖެނުއަރީ 6 އެކެވެ. ވަރަށް ކުރީއްސުރެ މިބައިމީހުންވަނީ މިދުވަސް ފާހަގަކުރަން ފަށާފައެވެ.

ޢީސާގެފާނު އުފަންވެވަޑައިގެންފައިވަނީ އެ ދުވަހުގައިކަމަށް ދަލީލުކުރާނެ ސާބިތު ދަލީލެއް އެބައިމީހުންގެ ފޮތްތަކުގައިވެސް ނުވެއެވެ. ޑިސެމްބަރު މަހަކީ ޝާމްކަރައަށާއި އެނޫންވެސް ހިސާބުތަކަށް އެންމެ ފިނި މޫސުމެވެ. ކީރިތި ޤުރްއާނުގައިވާ ހެކިތަކުންނާއި، އެބައިމީހުންގެ ފޮތްތަކުން ދަލީލު ލިބެނީ ޢީސާ عَلَيْهِ السَّلَام އުފަންވެ ވަޑައިގެންނެވީ ހޫނު މޫސުމެއްގައިކަމެވެ.

މިގޮތުން ބަލައިލިނަމަވެސް، މިބައިމީހުން ފާހަގަކުރާ މި ދުވަހަކީ އެއްވެސް އަސާސެއް ނެތް ދުވަހެކެވެ. އެދުވަހެއްގައި އެބައިމީހުން ރާބުއިމާއި، ޒިނޭކުރުމާއި، ޕާޓީކުރުންފަދަ ނުބައި މުންކަރާތްތައް އިންތިހާއަށް ކުރިއަށްގެންދާ ދުވަހެކެވެ.

ހަމަމިއާއެކު، އެދުވަހަކީ އެބައިމީހުންގެ ޚުރާފީ އެތައްކަމެއް އެދުވަހެއްގެ ތެރެއަށް ވައްދާފައިވާ ދުވަހެކެވެ. އޭގެތެރޭގައި؛ ރަތްކުލައިގެ ހެދުން ލައިގެން ހުންނަ، ހުދު ދިގު ތުނބުޅިއެއް ލައިގެން ހުންނަ "ސަންޓާ ކުލައުސް" އަކީ ޙަޤީޤަތެއް ނެތް، ޚުރާފީ ޝަޚްޞިއްޔަތެކެވެ. މި މީހާގެ ސިފައިގައި ހެދުން އެޅުމުގެ ޘަޤާފަތްވެސް އިސްލާމީ މުޖުތަމަޢުތަކުގައްޔާއި، ޚާއްޞަކޮށް މިކުޑަކުޑަ ސައްތައިންސައްތަ ދިވެހިރާއްޖޭގައި އަންނަނީ ވަކި ހިއްޕަމުންނެވެ.

ހަމަމިފަދައިން، "ކްރިސްޓްމަސް ޓްރީ" ގެ ނަމުގައި މަޝްހޫރުވެފައިވާ ގަހަކީ އެދުވަހަކާ އެމީހުން ގުޅުވާ ގަހެކެވެ. ތާރީޚީ ހޯދުންތަކުން އެނގޭގޮތުގައި؛ މި ގަސް އެބައިމީހުންގެ ގާތުގައި ޚާއްސަ މާތް ގަހަކަށްވެގެން އައީ ބުދުދީނަށް އަޅުކަންކުރުމުގެ ތެރެއިންނެވެ. ޖަރުމަނުވިލާތު މީހުން ބުދަށް އަޅުކަންކުރިއިރު މި ގަހަކީ އެބައިމީހުންގެ ގާތުގައި މާތް ގަހެކެވެ. އެބައިމީހުން ނަޞާރާދީނަށް އެނބުރުމަށްފަހުވެސް މި ގަހުގެ މާތްކަން އެބައިމީހުންގެ ހިތްތަކުން ފިލާނުދިޔައެވެ. މި ގަހަށް މާތްކޮށް ހިތުން އިނގިރޭސިވިލާތަށް އައިސްފައިވަނީ 19 ވަނަ ޤަރުނުގެ ތެރޭގައެވެ.

ނަޞާރާއިންގެ މި ޢީދާމެދު ކަންހުރީ މިފަދައިންކަމުގައިވާއިރު، މުސްލިމެއްގެ ހައިސިއްޔަތުން މި ޢީދު ފާހަގަކޮށްދީ، އެކަމުގައި އެހީތެރިވެދީ، ތަހުނިޔާ ކިޔާ، ހަދިޔާދީ ހެދުމަކީ ކޮން ކަހަލަ ނުރައްކާތެރިކަމެއް ކަން ދެނެގަތުމަކީ ކޮންމެ މުސްލިމަކަށްމެ ވާޖިބުވާނެ ކަމެކެވެ.

މުސްލިމެއްގެ ހައިސިއްޔަތުން ވިސްނަވާށެވެ! ކުރިސްޓްމަސްޑޭ އަކީ ނަޞާރާއިންގެ ޢަޤީދާގެތެރޭގައި ހިމެނޭ ނުބައިވެގެންވާ ޢަޤީދާއެއްގެ މައްޗަށް ބިނާވެފައިވާ އެމީހުންގެ ދީނުގެ ޢީދެކެވެ. އެއީ ކަލާނގެވަންތަ ދަރިކަލުން އުފަންވެވަޑައިގެންނެވި ދުވަސްކަމުގައި އެބައިމީހުން ޤަބޫލުކުރާ ދުވަހެވެ. نَعُوْذُ بِالله! މިއީ ނުބައިވެގެންވާ ބުނުމެކެވެ. އެ ބުނުމެއްގެ ސަބަބުން މުޅި ކާއިނާތަށް ބޮޑުވެގެންވާ ކޯފާއެއް އަތުވެދާނެފަދަ ބުނުމެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((وَقَالُوا اتَّخَذَ الرَّحْمَٰنُ وَلَدًا ‎﴿٨٨﴾‏ لَّقَدْ جِئْتُمْ شَيْئًا إِدًّا ‎﴿٨٩﴾‏ تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا ‎﴿٩٠﴾‏ أَن دَعَوْا لِلرَّحْمَٰنِ وَلَدًا ‎﴿٩١﴾‏ وَمَا يَنبَغِي لِلرَّحْمَٰنِ أَن يَتَّخِذَ وَلَدًا ‎﴿٩٢﴾)) (مريم: 88 – 92)

މާނައީ: "ރަޙްމާންވަންތަ ރަސްކަލާނގެ، ދަރިކަލަކު ހިއްޕެވިކަމަށް އެބައިމީހުން ބުންޏެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ތިޔަ ގެނައީ، ވަރަށްވެސް ނުބައިވެގެންވާ ބަހެކެވެ. އެކަމުގެ ސަބަބުން، އުޑުތައް ފަޅަފަޅައިގެންގޮސް، ބިންގަނޑު އިރައިރައިގެންގޮސް، ފަރުބަދަތައް ކުދިކުދިވެ، ވެއްޓިގެން ދިއުން ކައިރިވެގެންވެއެވެ. އެއީ ރަޙްމާންވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާކަމަށް އެބައިމީހުން ގޮވުމުގެ ސަބަބުންނެވެ. ފަހެ، ދަރިކަލަކު ހިއްޕެވުން ރަޙްމާންވަންތަ ރަސްކަލާނގެއަށް އެކަށީގެނެއް ނުވެއެވެ."

މިފަދަ ނުބައި ބުނުމެއްގެ މައްޗަށް ބިނާކޮށްފައިވާ ޢީދެއްގައި މުސްލިމަކު އެއްވެސް މިނަވަރަކަށް ބައިވެރިވުން ހެޔޮވާނެތޯއެވެ؟

މީގެ އިތުރުން އެ ޢީދު އެބައިމީހުންނަށް ފާހަގަކޮށްދިނުމަކީ ނުބައިކަމަކަށްވާ އެހީތެރިކަމެއްކަމުގައި މެނުވީ ނުވާނެއެވެ. ކްރިސްމަސްޑޭ ގައި މުސްލިމަކު އެއްވެސް މިންވަރަކަށް ބައިވެރިވުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ.

މިވެސް ކިޔާލާ:

އަލްއިމާމް އަލްލާލިކާއީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "އެބައިމީހުންގެ ޢީދުތަކަށް ޙާޒިރުވުމަކީ މުސްލިމުންނަށް ހުއްދަވާނެކަމެއް ނޫނެވެ. އެހެނީ އެބައިމީހުން އެވަނީ ބޮޑުވެގެންވާ މުންކަރާތަކާއި ނުބައި ހެކިވުމެއްގައެވެ. އެބައިމީހުންގެ އެނުބައިކަމަށް އިންކާރުކުރުމެއްނެތި ހެޔޮމީހުން ނުބައިމީހުންނާ އެކުވުމަކީ އެބައިމީހުންގެ އެނުބައިކަމުގެ އަސަރުކޮށް އެބައިމީހުންގެ އެކަންކަމަށް ރުހޭކަން ދޭހަކޮށްދޭކަމެކެވެ. ފަހެ، އެބައިމީހުންގެ މައްޗަށް މާތް ﷲ ކޯފާއެއް ލައްވަވައި، އެ ކޯފާ އެންމެންގެ މައްޗަށް ޢާއްމުވެގެން ހިނގައިދާނެކަމާމެދު ބިރުވެތިވަމެވެ." (أحكام أهل الذمَة: ص. 492)
އަދި އަލްއިމާމް އިބްނުއްތުރުކުމާން ރަޙިމަހުﷲ ވިދާޅުވިއެވެ. "އެބައިމީހުންގެ ޢީދުގެ ތެރޭގައި މުސްލިމުން އެބައިމީހުންނާއެކު އިށީނދެ، އެބައިމީހުން ކަތިލާތަކެތި ކަތިލުމަށާއި، ކައްކައިދިނުމަށާއި، ސަވާރުވާނެ ތަކެތި ތައްޔާރުކޮށްދިނުމުގައި އެހީތެރިވުމަކީ ފާފަވެރިވާނެ ކަންކަމެވެ." (اللمع في الحوادث والبدع: 1/294)

އަދި ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވިއެވެ. "ޔަހޫދީންނާއި ނަޞާރާއިންގެ ޢީދުތަކުގައި ބައިވެރިވުމަކީ ޙަރާމްކަމެކެވެ." (الفتاوى الكبرى: 5/479)

އިބްނުލްޤައްޔިމު ރަޙިމަހުﷲ ވިދާޅުވިއެވެ. "ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގެންފައިވާ ގޮތުގައި މުޝްރިކުންގެ ޢީދުތަކަށް ޙާޒިރުވުމަކީ މުސްލިމަކަށް ހުއްދާވާނެކަމެއް ނޫނެވެ." (أحكام أهل الذمَة: ص. 492)

އެބައިމީހުންނާއެކު ބައިވެރިވާ ބައެއްމީހުން ދައްކާ އެއްވާހަކައަކީ؛ "އަހަރެމެން ބައިވެރިވަނީ ހިތުން އެބައިމީހުންގެ ޢަޤީދާ ޤަބޫލުނުކޮށެވެ. އެހެންވީމަ ރަނގަޅުވާނެއެވެ." މިއީ ކުށްހީއެކެވެ. ބޭރުފުށުން ބައިވެރިވުމަކީ ފަހުން ހިތުގެތެރެއަށް އެ ޢަޤީދާވަނުމަށް މަގުފަހިވާނެކަމެކެވެ. އަދި އެއީ ބޭރުފުށުންވީނަމަވެސް ނުބައިކަމެއްގައި ވެވޭ އެއްބާރުލުމެކެވެ. ޝައިޠާނާ އިންސާނުން މަގުފުރައްދަނީ މިފަދަ ވިސްނުންތަކުގެ ތެރެއިންނެވެ.

އަނެއްބަޔަކު ބުނާގޮތުންނަމަ، "އެބައިމީހުން މުސްލިމުންގެ ޢީދުތަކުގައި ބައިވެރިވެ، ތަހުނިޔާ ކިޔާ ހަދައެވެ. އެހެންކަމުން އަހަރެމެންވެސް ބައިވެރިވާންޖެހޭނެއެވެ." މިއީވެސް ވަރަށްބޮޑު ކުށްހީއެކެވެ. އެބަޔަކު އެބައެއްގެ ދީން އެބައިމީހުން ހިތްއެދޭ ގޮތްތަކަށް ކޮށާމަށާ ހަދާ ބަޔަކު ފަދަ ބައެއްކަމުގައި މުސްލިމުން ނުވެއެވެ. މުސްލިމުންނަކީ ޙައްޤު ޙައްޤުގެގޮތުގައި ބަލައިގަންނަ ބައެކެވެ. ބާޠިލު ބާޠިލުގެގޮތުގައި ބަލައިގަނެ، އެ ބާޠިލަށް އިންކާރުކުރާ ބައެކެވެ.

ދުޢާއަކީ؛ ޓޫރިސްޓުން ރުއްސުމުގެ ގޮތުންނަމަވެސް މި ނުބައިކަންތައް މި މުޖުތަމަޢުގައި ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ހެޔޮ ވިސްނުން ދެއްވުމެވެ. މުސްލިމުން މުސްލިމުންގެ ގޮތުގައި ސާބިތުވެ ހުރުމުގެ ތަޢުފީޤު ދެއްވުމެވެ.

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.