ޓެކްސް އަކީ ސިޔާސީ ހަތިޔާރަކަށް ވެގެން ނުވާނެ- ރައީސް ނަޝީދު

03 Aug 2019 | 06:15

ޓެކްސްއަކީ ސިޔާސީ ހަތިޔާރަކަށް ވެގެން ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާއަށް ނުވަ އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަަރަފުވެރިކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވވީ ދައުލަތުން ރައްޔިތުންގެ އަތުން ހަމައެކަނި ޓެކްސް ނެގުމަކުން ނުފުދޭ ކަމަށާ، އެ ޓެކްސް ބޭނުން ކުރަނީ ރަނގަޅު ގޮތުގައި ކަމަށް ވުމަކީ މުހިންމު ކަމެއް ކަަމަށެވެ. އަދި ރައްޔިތުންގެ އަތުން ނަގާ ފައިސާ ދައުލަތުން ގެއްލުވާލައިގެން ނުވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ރައްޔިތުންގެ އަތުން ނެގޭ ފައިސާ ރަނގަޅަށް ބަލަހައްޓަން ޖެހޭނެ. އެބެލެހެއްޓުމުގެ ނިޒާމުވެސް ޓެކްސްއާއެކީގައި ރަނގަޅުވާން ޖެހޭނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޓެކްސް ނެގުމުގެ ތެރެއިން އެއްވެސް ނުފޫޒެއް ބޭނުންކޮށްގެން މީހަކަށް ގެއްލުން ދިނުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ޓެކްސް ދައްކާ ފަރާތްތަކުން ޝަކުވާ ހުށަހަޅަންޖެހޭ ޓްރައިބިއުނަލްގެ މަސައްކަތް މިހާރަށްވުރެ ރަނގަޅުވާން ޖެހޭ ކަމަށެވެ. އެގޮތުން ކުދި ވިޔަފާރިތަކުން ހުށަހަޅާ ޝަކުވާތައް ވީހާވެސް އަވަހަށް ބަލައިދިނުމަކީ ޓެކްސްގެ ނިޒާމް ރަނގަޅު ކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ، ވަކިވަކި ފަރުދުންނަށް ލިބޭ އާމްދަނީން ނަގާ ޓެކްސް ނުވަތަ އިންކަމް ޓެކްސް ނެގުމަށް ހާއްސަ ގާނޫނެއް ވަރަށް އަވަހަށް ފާސްކޮށް މިއަހަރުގެ ތެރޭގައި އެ ޓެކްސް ނަގަން ފެށޭނެ ކަމަށެވެ. 

Advertisement

ކޮމެންޓް

Advertisement