އަދީބު ފިލީ މުޅި ދައުލަތް ފެއިލްކޮށްލާފައި؟

03 Aug 2019 | 08:08

ދިވެހިރާއްޖޭގެ ފަހުގެ ތާރީޚުގައި ހިނގައިގެންދިޔަ އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައަކީ މޯލްޑިވްސް މާކެޓިންްގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން ދިވެހިރާއްޖޭގެ ގިނަ ފަޅުތަކާއި ރަށްތައް، ނުގަވާއިދުން ވިއްކައި އަދި ގަވާއިދުން ވިއްކި ތަންތަނުންވެސް ލިބުނު ފައިސާއަށް ޚިޔާނާތްތެރިވުމެވެ. އޭސީސީގެ ތަހުގީގު ރިޕޯޓުން ދައްކާގޮތުގައި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ޖުމްލަ އަދަދު 1.2 ބިލިޔަން ރުފިޔާއަށް އަަރައެވެ.

މި ޚިޔާނާތުގެ މައްސަލަ ފެންމަތިވެގެންދިޔަ ހިސާބުން ފެށިގެން އަދި އޭސީސީގެ ރިޕޯޓް އާންމުވި ފަހުންވެސް ދިވެހި ދައުލަތަށް ގެއްލުނު ފައިސާތައް ގެއްލިދިޔުމުގައި އެންމެ ބޮޑު ޒިންމާއެއް އުުފުލަންޖެހޭ އެއްފަރާތަކީ އޭރުގެ ޓުއަރިޒަމް މިނިސްޓަރ އަހުމަދު އަދީބު ކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދީބާއި އެމްއެމްޕީއާރްސީގެ މައްސަލަ ވެގެންދިޔައީ ވެރިކަންކުރަމުންއައި ޕީޕީއެމްއަށާއި އިދިކޮޅު އިއްތިހާދަށްވެސް ކުރިމަތިިވި ބޮޑު ސިޔާސީ ލޮޅުމަކަށެވެ.

ދެފަރާތުގައިވެސް ތިއްބެވި ފަރާތްތަކަށް ކަޅު ފައިސާއާއި ކޮރަޕްޝަންގެ ނުފޫޒު ފޯރާފައިވާކަން ރައްޔިތުންނަށް ހާމަވުމުންނެވެ. ތިމަންނާއަކީ ހުދު ކާފޫރުކޮޅެކޭ ބުނި އެތައް ބަޔަކުގެ ހަގީގީ ކުލަ އެންމެންނަށް އެނގުމުންނެވެ.

ކޮންމެ ގޮތަކަށްވިޔަސް އެމްްއެމްޕީއާރްސީގެ މައްސަލަތަކާއި، ހަނގުރާމަވެރި ހަތިޔާރެއް ގެންގުޅުއްވުމާއި އަދި ރިޔާސީ ލޯންޗްކޮޅު ގޮއްވާލިކަމުގެ ތުހުމަތު ކުރެވި އެތަކެއް އަހަރުތަކަކަށް އަދީބު ކުޑަގޮޅިއަށް ގައިދުކުރެވުނެވެ. ޒުވާން ސިޔާސީ ފަރާތެއްގެ ސިޔާސީ ހަޔާތުގެ ފިޔަަތައް ކޮށާލެވުނެވެ. ގިނަ ބަޔަކު ބުނިގޮތުގައި އަދީބުގެ މައްޗަށް އެ ހުުކުމްތައް އައީ ރައީސް ޔާމީނަށް ލިބެންޖެހޭ އެތައް މިލިޔަން ރުފިޔާއަކާއި އަދީބު ޚިޔާނާތްވުމުންނެވެ. ރައީސް ޔާމީންގެ އެންމެ އަރިހުގައި ހުންނެވި، ޒުވާނުންގެ ބާރުގަދަ "ގަޓު އަދީބު ބްރޯ"ގެ ހާލަތު ބަދަލުވެގެންދިޔައީ ޅެންވެރިޔާ އިޝާރާތްކުރައްވާ ފަަދައިންނެވެ.

"ކަރުނައިން ފޯވެފާ ގިސްލަމުން ވޭނުގާ
މަރުވެދާން ވީހެ އަދު ނުކުޅެދޭ ހާލުގާ"

އޭރުވެސް ދެކެވުނު ވާހަކައެއް އޮވެއެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެ ދޫކޮށް ފިއްލަވާފާނެކަމުގެ ވާހަކަތަކެވެ. ކުރީގެ ރައީސް ޔާމީންެގެ ވެރިކަމުގައި އަދީބުގެ ކިޑްނީގައި ހިލަ އުފެދި، ލޮލަށް ގުލަކޯމާ ޖެހިވަޑައިގަތުމުންވެސް ރާއްޖެއިން ބޭރަށް ބޭސްފަރުވާ ހޯދުމަށް ފުރުސަތު ނުދިނީ ފިލާފާނެކަމަށް ބުނެއެވެ. އެމަނިކުފާނުގެ ވެރިކަން ނިމި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަދީބަށް ބޭސްފަރުވާއަށް ދިއުމުގެ ފުުރުސަތު ދިނެވެ. އެ ވަގުތު އަދީބުގެ މައްޗަށް ކުރެވިފައިވާ ހުކުމްތައް ބާތިލްކޮށްފައި ވީނަމަވެސް، އިންޑިޔާއަށް ވަޑައިގެންނެވީ ހިތާއި ރުހުމުން ފުލުހުންނާއި ކަރެކްޝަންސްގެ ބެލުމުގެ ދަށުންނެވެ.

އެފަަހަރު އަދީބު ފިލާފާނެކަމުގެ ބިރަށް ގިނަބަޔަކު އުޅުނު ކަމުގައިވިޔަސް، ކަންތައްތައް ވެގެންދިޔައީ ހީކުރި ގޮތާއި ޚިލާފަށެވެ. ބޭސްފަރުވާއަށް ކަނޑައެޅުނު މުއްދަތު ނިމުމުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނބުރާ މާލެއަށް ވަަޑައިގަތެވެ. އެއަށްފަހު އެބޭފުޅާގެ ހިލަމެއް ނުވެ ގިނަ ދުވަސްތަކެއް ދިޔައެވެ.

އަދީބުގެ "ސައިލެންސް" އާޚިރުގައި ވެގެންދިޔައީ މުޅި ރާއްޖެ ސިއްސުވާލި ފަދަ ޑެޑްލީ ސައިލެންސް އަކަށެވެ.

ޓަގު ބޯޓުގައި އިންޑިޔާއަށް:

އިއްޔެ މެންދުރުފަހު ކުއްލި ގޮތަކަށް މީޑިޔާތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓަގުބޯޓެއްގައި ހުންނަވަނިކޮށް އިންޑިޔާގެ ސޫތުކުޅިއާއި ކައިރިން އަތުލައިގަތް ވާހަކައެވެ. އަދީބު އަތުލައިގަތް ޚަބަރާއި މެދު ދިވެހި ދައުލަތުން ވަކި އެއްޗެއް ނުބުނެ ހުއްޓާ، އިއްޔެެގެ އިރުއޮއްސުނު ވަގުތު ފުލުހުންގެ ބަޔާނަކުން ވަނީ އެކަން ޔަގީންކޮށްދީފައެވެ.

ފުލުހުން ބުނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައަކާއި ގުޅިގެން އޭގެ މެންދުުރުފަހު 14:00ގައި ތަހުގީގަށް ހާޒިރުވުމަށް އަދީބުގެ މައްޗަށް އެންގި ނަމަވެސް އޭނާ ހާޒިރުވެފައި ނުވާ ކަމަށެވެ. ބައެއް މީޑިޔާތަކުން ބުނިގޮތުގައި އަދީބު ތަހުގީގަށް ހާޒިރުނުވާނެކަމަށް އެންގީ އާއިލާއާއި އެކު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރައްވަން ހުރިކަމަށް ބުނެއެވެ.

އެކަން އަދީބުގެ ފަރާތުން ފުލުހުންނަށް އެންގީ ކިހިނެތްތޯ އަދި އެނގިފައެއް ނުވެއެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނީ އޭނާ ޕާސްޕޯޓު ހިފެހެއްޓުމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފައި ވަނިކޮށް، ފިލައިގެން ކަނޑުމަގަށް ދިޔަ މަގުމަތީގައި ރާއްޖެއިން ބޭރުން ހިފެހެއްޓި ކަމަށެވެ. އެރޭ ފަހުން އަދީބުގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ އިންޑިޔާގެ ސިޔާސީ ހިމާޔަތް ހޯދުމަށް އދ.މެދުވެރިކޮށް މަސަައްކަތް ކުރައްވާ ކަމަށް ހާމަކުރައްވާފައެެވެ.

އިންޑިޔާގެ ބައެއް މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި ޖުލައިމަހުގެ 28ވަނަ ދުވަހު އެ ބޯޓުގެ ދަތުރުގެ މެދުތެރެއިން އަދީބު އަރާފައިވަނީ، ބޭސްފަރުވާއަށް އިންޑިޔާއަށް ދިއުމަށް ކަމަށް ބުނެއެވެ.

އެ ބޯޓުގައި ފަޅުވެރިންގެ ގޮތުގައި ތިބީ ނުވަ މީހުންނެވެ. އެއީ އިންޑިޔާގެ މީހަކާއި އިންޑޮނީޝިޔާގެ އަށް މީހެކެވެ. ވަރގޯ9 ނަމަކަށް ކިޔާ މި ޓަގްބޯޓަކީ ސިންގަޕޫރުގެ ދިދަ ޖެހި ބޯޓެކެވެ.

ސޯޝަލް މީޑިޔާގައި މިހާރު ދައުރުވަމުންދާ ލިޔުމެއްގައިވާ ގޮތުގައި މި ބޯޓު ރާއްޖެއިން ފުރުމުގެ ހުއްދަތައް ދައުލަތުގެ އެކި އިދާރާތަކުން ހަމަކޮށްފައިވަނީ މިދިޔަ މަހުގެ. 27އަދި 28ވަނަ ދުވަހުގައެވެ. ރާއްޖެއިން ބޭރަށް ފުރާ ބޯޓުތަކަށް ކަސްޓަމްސާއި އިމިގްރޭޝަން ފަދަ ތަންތަނުން ކްލިއަރެންސް ދޭއިރު، މި ބޯޓުގައި އަދީބަށް އިންޑިޔާއަށް ދެވުމަކީ ގިނަ ބަޔަކު މައްސަލަ ޖައްސައި، ހިތްހަމަ ނުޖެހުން ފާޅުުކުރަމުންދާ ސަބަބެކެވެ.

ދައުލަތުގެ އިދާރާތައް ފެއިލްވުން:

އަދީބުގެ ބައިނަލްއަގްވާމީ ވަކީލުންކަމުގައިވާ ގުއަރނިކާ އިންޓަރނޭޝަނަލް ޖަސްޓިސް ޗެމްބަރސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަދީބުގެ ހުރިހާ ހުކުމްތައް މިއަހަރުގެ ތެރޭގައި ކޯޓުން ބާތިލްކުރުމުން، އޭނާ މިނިވަންވެފައި ވަނިކޮށް ޕީޖީ އޮފީހުން އެ މައްސަލަތައް އިސްތިއުނާފު ކުރުމުން އޭނާ ގޭބަންދުގައި ހުންނަން ޖެހުނު ކަމަށެވެ.

އަދި އެއަށްފަހު ބޭސްފަރުވާ ހޯދުމަށް އަދީބު ލައްވައި އެއްބަސްވުމެއްގައި ސޮއިކުރުމަށް ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ފާހަަގަކޮށްފައެވެ. އަދި މި މުއްދަތުގެ ތެރޭގައި އަދީބުގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވައި، އަދީބާއި އާއިލާއަށް ނުރައްކާވެ ނުކުރާ ކުށަކަށް އިއުތިރާފް ވާން ޖެހިދާނެފަދަ އެއްބަސްވުމެއްގައި ސޮއިކުރުވަން މަސައްކަތް ކުރުވިކަމަށް ވަނީ ބުނެފައެވެ.

މިގޮތަށް އަމަލުކޮށްފައިވަނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުންކަމަށް ވަނީ ބަޔާނުގައި ބުނެފައެވެ.

މިކަންކަމުގެ ވާހަކަ އިހަކަށް ބާއްވަމާތޯއެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު އެއް ޚިޔާާނާތުގެ މުގުލުގައި ހުރި އެއްފަރާތަކު ވަގަށް ރާއްޖެ ދޫކޮށް ދިޔައިރު ދައުލަތުގެ އިދާރާތަކަަަށް އެނގިފައިނުވާކަމަށް ބުނުމަކީ ވަރަށް ބޮޑު މައްސަލައެކެވެ.

މީގެ ކުރިން އެކިއެކި މައްސަލަތަކަށް ޖާސޫސީ މައުލޫމާތު ފޯރުކޮށްދޭ ފުލުހުންގެ އިންޓެލިޖެންސަށް ކޮރަޕްޝަންގެ ތުހުމަތުހުރި ފަރާތަކު ރާއްޖެއިން ބޭރަށް ދޯންޏެއްގައި ފުރި ވާހަކަ ނޭނގުމަކީ ސީރިއަސް މައްސަލައެެކެވެ. އެ ބޯޓުގެ މުދާތައް ޗެކްކުރާ ކަސްޓަމްސްއާއި އެބޯޓުގެ ފަޅުވެރިންގެ ކަންކަން ބަލާ އިމިގްރޭޝަނަށް އެބޯޓުގައި އަދީބު ދަތުރުކުރިކަން ނޭނގުމަކީ ލަދުވެތިކަމެކެވެ.

އަދި އިންޑިޔާގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތަށް، ދަތުރުގެ މެދު ތެރެއިން އަދީބު ބޯޓަށް އެރިނަމަ ރާއްޖޭގެ ކަނޑުގެ ސަލާމަތް ބަަލަހައްޓާ ކޯސްޓްގާޑަށް އެކަން ނޭނގުނީތޯއެވެ. ހައްތަހާވެސް ސުވާލެވެ. އިހުމާލުގެ ތުހުމަތުގައި ދިއްކުރެވޭ އިނގިލިތަކެެވެ.

މި ތުހުމަތުތަކަށް ހުރިހާ އިދާރާތަކުންވެސް ދެނީ އެއް ޖަވާބެކެވެ. އެ މައްސަލަ ތަހުގީގުުކުރަމުން އަންނަ ކަމަށެވެ. އެހެނަސް ހަގީގަތަކީ ވާން އޮތްކަމެއް ވެނިމިއްޖެ ކަމެވެ. އަދީބު މުޅި ދައުލަތް ފެއިލްކޮށްލުމަށްފަހު ރާއްޖެ ދޫކޮށް ފިލައިިފިކަމެވެ. ފިލި ސަބަބާއި ހިމާޔަތުގެ ވާހަކަ އަދި އޮތީއެވެ. ހިންދީ މަޝްހޫރު ޑައިލޮގެއްގައި ބުނާ ފަދައިންނެވެ.

"ޕިކްޗަރ އަބީ ބާކީ ހޭ މެރޭ ދޯސްތް"

Advertisement

ކޮމެންޓް