ސެކިޔުލަރިޒަމްގެ ނުރައްކާތެރިކަން 14

03 Aug 2019 | 17:28

ލިޔުނީ: އައްޝައިޚް އަހްމަދު ސަމީރު

މުސްލިމުންނަށް ދީން އޮޅުވައިލުމަށް ސެކިއުލަރިސްޓުން ބޭނުންކުރާ ބައެއް ވަސީލަތްތައް

4- އިސްލާމީ ޤައުމުތަކުގައި ބޭރުޤައުމުތަކުގެ ޔުނިވަރސިޓީ ތަކާއި، މަދަރުސާތަކާއި، ޘަޤާފީ މަރުކަޒުތައް ހިންގުން:

އިސްލާމީ ޤައުމުތަކުގައި ސެކިއުލާ ޤައުމުތަކުގެ ޔުނިވަރސިޓީ ތަކާއި ކޮލެޖްތަކާއި ސްކޫލްތަކާއި، ޓްރޭނިންގ ސެންޓަރުތަކާއި ސްކޫލު މަދަރުސާތަކާއި، އެމީހުންހުންގެ ޘަޤާފީ ސެންޓަރުތައް ހުޅުވައި ހިންގުމަކީ އިސްލާމީ މުޖުތަމަޢުގެ އިސްލާމީ ވަންތަކަން ގެއްލިގެން ދާނެކަމެކެވެ. މިފަދަ ތަންތަނުގައި ކިޔަވައިދޭ މުޤައްރަރުތަކާއި، ވައްޓަފާޅި ބިނާވެފައި އޮންނަނީ އިސްލާމްދީނުގެ ކަންކަމަށް ފަރުވާލެއް ނުބެހެއްޓުމާއި، ވީހާވެސް ބޮޑަކަށް ސެކިއުލާ ވިސްނުން އެދަރިވަރުންގެ ހިތްތަކަށް ވެއްދުމަށެވެ. ޚާއްޞަކޮށް ސޯޝަލް ސްޓަޑީޒް އާއި، ސައިކޮލޮޖީއާއި ،ފަލްސަފާފަދަ މާއްދާތައް ބިނާވެފައިވަނީ ކުދިންގެ އިސްލާމީ ޢަޤީދާ ޚަރާބުކުރުމުގެ މައްޗަށެވެ. މީގެ އިތުރުން ސެކިއުލާ ޤައުމުތަކުގެ ޘަޤާފީ ސެންޓަރތަކުން އިސްލާމީ މުޖުތަމަޢުގެ ޢަޤޫދާއާއި ސުލޫކާ ބީރެއްޓެހި ކަންކަން މުޖުތަމަޢުގައި ފެތުރުމަށް ކެނޑިނޭޅީ މަސައްކަތް ކުރެއެވެ.

5- ޝަރުޢީ ބައެއް ޤަވާޢިދުތައް، އެކަށީގެންނުވާ މަފްހޫމުގައި މާނަކޮށް އެޔަށް ބަރޯސާވުން:

ފިޤްހުގެ ބައެއް ޤަވާޢިދުތައް އޭގެ ޙާލަތާއި ނުގުޅޭ ގޮތަށް މާނަކުރުމީ އިސްލާމީ މުޖުތަމަޢުތައް ސެކިއުލާ ކުރުމަށް އެވެރިން ބޭނުންކުރާ ނުަނު ނުރައްކާތެެރި ވަސީލަތެކެވެ. މިސާލަކަށް" މަޞްލަޙަތުލް މުރުސަލާ" " ދެ ގެއްލުމެއް ޖަމާވެއްޖެނަމަ އޭގެ ތެރެއިން ކުޑަގެއްލުމަށް އަރައި ގަތުން ހުއްދަވުން" "ކަމަކުން ލިބޭ ފައިދާއެއް، ގެނެސް ގަތުމަށްވުރެ، އެކަމުން ލިބޭނެ ގެއްލުމަކުން ސަލާމަތްވެގަތުން އައުލާކަން ބޮޑެވެ" "ޒަމާނާއި ޙާލަތު ބަދަލުވުމުން ދީނީގޮތުން އެކަމާބެހޭ ގޮތުން ކުރިން ބެލެވިފައިވާ ގޮތް ނުވަތަ ފަތުވާ ބަދަލުވުން" ފަދަ ޝަރުޢީ ޞައްޙަ ބައެއް ޤަޥާޢިދުތައް އެމީހުން ބޭނުން ކުރަނީ ސެކިއުލަރިޒަމް އަށް މަގުފަހު ކުރުމުގެ ގޮތުންނެވެ. އެއީ ފަހަރެއްގައިވެސް އިސްލާމީ ޝަރީޢަތްދެކެވާ ލޮތްބަކުން ނޫނެވެ. ބޭނުމަކީ އިސްލާމްގެ ނަމުގައި މުސްލިމުންނަށް ޙަޤީޤަތް އޮޅުވާލުމެވެ. އަދި އެމީހުންގެ މަކަރުވެރިކަން ވެސް ފޮރުވުމެވެ. ނިކަން ވިސްނާ ބައްލަވާށެވެ! ޒަމާނާއި ޙާލަތު ބަދަލުވުމުގެ ސަބަބުން ކުރިން ދެވިފައިވާ ހުރި ފަތުވާ ބަދަލުވުމުގެ ޝަރުޢީ ޤާއިދާގެ ދަށުގައި މި މީހުން ހުއްދަ ނުކުރަނީ ކޮންކަމެއްހެއްޔެވެ؟ އޭގެ ދަށުން ޤުރްއާނާއި ސުންނަތުގައި އެކަމެއްގެ ޙުކުމް ބަޔާން ކުރާއްވާފައިވާ ކަންކަންވެސް ބަދަލު ކުރަނީއެވެ. މުޅިންވެސް ބުނަނީ އެއީ މި ޒަމާނެއް ނޫނެވެ. ވީމާ އެޒަމާނާއި މިޒަމާން ތަފާތުވީމާ އެޒަމާނުގައި އައިސްފައިވާ ޙުކުމް ބަދަލު ކުރަންވިއްޔޯލައެވެ. މިގޮތުން ދީނުގެ ނަމުގައި އެތައް ޙުކުމެއް ވަނީ ބަދަލުކޮށްފައެވެ. ބޮޑު ގެއްލުމާއި ކުޑަގެއްލުމުގެ ވެސް މާނަކުރެވެނީ އިސްލާމީ ޝަރީޢަތުގައި އެކަން މާނަކުރަން އޮން ޞައްޙަ ގޮތަކަށް ނޫނެވެ. ގެއްލުމުގެ މިންވަރު ކަނޑައެޅުމުގައި އެމީހުން ބަލަނީ ސެކިއުލަރިޒަމް އަށް މަގުފަހިވާނެ ގޮތަކަށް އެކަން މާނަކުރެވޭތޯއެވެ. މިގޮތުން އެތައް މުންކަރާތެއް މިވަނީ ޢާންމުވެފައެވެ. ޝަރީޢަތާ ޚިލާފު އެތައް ކަމެއްގެ ތެރޭގައި މިވަނީ މީސްތަކުން ގެނބިފައެވެ.

ސެކިއުލަރިޒަމްގެ ޙުކުމް

އިސްލާމް ދީނުގައި ކަމެއްގެ ޙުކުމް އޮންނަގޮތް ދެނެގަތުމަށް އިސްލާމް ދީނުގެ ހަމަތަކާއި އުޞޫލުތަކާއި، މުޅި ދީނުގެ މައިގަނޑު މަޤްޞަދުގެ އިތުން ފަރުޢީ އެކި ޙުކުމްތަކުގެ މަޤުޞަދުތައް ދެނެގަތުމަކީ ލާޒިމުކަމެކެވެ. މިއަދު އިސްލާމް ދީނަށް ނިސްބަތްވާ ވަރަށް ގިނަމީހުންނަށް އިސްލާމް ދީނުގެ މައިގަނޑު މަޤްޞަދުތައް ވަނީ އޮޅިފައެވެ. އެއީ އެކަންކަން އޮޅުވާލުމަށް ކުރެވެމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ.

އިސްލާމަކަށް މީހާ ވުމަށްޓަކައި ކިޔަންޖެހޭ މަތިވެރި ކަލިމަކަމުގައިވާ "لا إله إلا الله " މިކަލިމައިގެ މާނަޔާއި މަފްހޫމާއި، ޝަރުޠުތަކާއި،އެކަލިމައިގެ އަހުލުވެރިންގެ މައްޗަށް އެކަލިމަ ލާޒިމުކުރާ ކަންތައްތައް އެގެން ޖެހެއެވެ. (ނުނިމޭ)

Advertisement

ކޮމެންޓް

Advertisement