އޭސީ މިލާން ބަލިކޮށް ފުރިހަމަ ރެކޯޑަކާއެކީ ޔުނައިޓެޑް ޕްރީ ސީޒަން ނިންމާލައިފި

04 Aug 2019 | 05:28

ޕްރީ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފަހު މެޗުވެސް ކާމިޔާބުކޮށް އެޓީމް ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ފުރިހަމަ ރެކޯޑާއެކީ ޕްރީ ސީޒަނުގެ މެޗުތައް ނިންމާލައިފިއެވެ. އެގޮތުން، ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ކުޅުނު ޕްރީ ސީޒަނުގެ ފަހު މެޗުގައި ޔުނައިޓެޑް ކުރި ހޯދާފައިވަނީ އިޓަލީގެ އޭސީ މިލާނުގެ މައްޗަށެވެ.

އިންޓަނޭޝަނަލް ޗެންޕިއަންސް ކަޕުގައި ކުޅެވުނު މި މެޗުގައި ފުރަތަމަ ގޯލް ޖަހާ ކުރި ހޯދާފައިވަނީ ޔުނައިޓެޑެވެ. މެޗް ފަށައިގެން ރަނގަޅަށް ކުޅުމެއް ދައްކާ ޔުނައިޓެޑަށް ކުރި ހޯދުނު ނަމަވެސް އޭސީ މިލާންވަނީ މެޗުގެ ބައި ގަޑިއިރުގެ ކުޅުން ހަމަވާން ކައިރިވެފައިވަނިކޮށް ގޯލެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރު ކޮށްފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު އެސީ މިލާން ކުރި ހޯދީ އެޓީމުން އުފެއްދި ހަމަލާއެއްގައި ޔުނައިޓެޑުގެ ޑިފެންޑަރު ލިންޑެލޯފްގެ އަތުން ބައިކޮޅަށް ވައިން ގޯލަކާއެކީއެވެ. ނަމަވެސް، އެ ގޯލަށް ގިނައިރުތަކެއް ނުވަނީސް ޔުނައިޓެޑުގެ އުންމީދީ މިޑްފީލްޑާ ލިންގާޑްވަނީ ގޯލެއް ޖަހާ އަނެއްކާވެސް ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފުރިހަމަ ވަގުތު ހަމަވީ އެއްވެސް ޓީމަކަށް އިތުރު ގޯލެއް ކާމިޔާބު ނުކުރެވި 2-2 ކުންނެވެ.

މި މެޗުން ޔުނައިޓެޑް ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން 5-4 ކުން މޮޅުވެގެންނެވެ. ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޔުނައިޓެޑުގެ ޒުވާން ފޯވަޑް މާކަސް ރަޝްފޯޑެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޔުނައިޓެޑުގެ މެނޭޖަރ ޝޯލްޝާ ބުނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ލިބިގެން ދިޔުމަކީ އޭނާ ވަރަށް އުފާ ކުރާ ކަމެއް ކަމަށައި މެޗުގެ ކުރިން އުފެދިފައި ހުރި ބައިވަރު ސުވާލުތަކެއްގެ ޖަވާބު މެޗަށްފަހު ލިބިފައިވާ ކަމަށެވެ.

2019/20 ގެ އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި އެޓީމް ނުކުންނާނީ ފްރޭންކް ލަމްޕާޑުގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޗެލްސީއާ ދެކޮޅަށެވެ. 

Advertisement

ކޮމެންޓް

Advertisement