Advertisement

އަޅުގަނޑު ގަމާރުވެއްޖެކަމަށް ދިވެހިރައްޔިތުން ގަބޫލެއްނުކުރާނެ: އިމްރާން

05 Aug 2019 | 06:34

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގަމާރުވެއްޖެކަމަށް ދިވެހި ރައްޔިތުން ގަބޫލުނުކުރާނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވެފައިވަނީ އެންޓި ކޮރަޕްޝަންގެ ރައީސް ލުތުފީ އަށް އިމްރާން އިންޒާރު ދީ ބިރުދެއްކިކަމަށް މީޑިއާތަކަށް މައުލޫމާތު ދެއްވުމުން އެކަމުގެ ރައްދެއްގެގޮތުގައި ކުރެއްވި ޓުވީޓެއްގައެވެ.

މައްކާގައި ހައްޖުގެ އަޅުކަން އަދާކުރައްވަން ހުންނަވައި މިނިސްޓަރ އިމްރާން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ މަގުމަތިންދާ މީހެއްގެ ކަރުގައި ހިފައި ބިރުދައްކާ، އޭނާގެ އޮފީސް އަށް ވަދެ އިންޒާރުދީ، ފްރޭމް ކުރާނެކަމަށް ބުނެ ބިރުދައްކާ މިންވަރަށް އޭނާ ގަމާރު ވެއްޖެކަމަށް ދިވެހި ރައްޔިތުން ގަބޫލުކޮށްފާނެކަމަށް ބަޔަކު ހީކުރީތީ އަންތަރީސްވެއްޖެކަމަށެވެ.

އިމްރާން މިހެން ވިދާޅުވެފައި ވާއިރު ލުތުފީވަނީ އިމްރާންއާއި ގުޅޭގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.

"އަޅުގަނޑުގެ އޮފީހަށް ގޮސް އިންޒާރު ދީފައި އެންގީ އޮފީހަށް ނުކުމެގެން ނުވާނެ ކަމަށާ، އަޅުގަނޑުގެ ނަމުގައި ހުރި ބޯޓު ފަހަރާއި ބިންތަކާ، ދެން ނޭނގެ. އެ އެއްޗެހި ހޯއްދަވާފަ ހަބަރު ކުރައްވާނެ ކަމަށް މި ބަލަނީ" ލުތުފީ ވިދާޅުވެއެވެ.

މީގެ އިތުރުން ވެސް 'ލުތުފީ ފުރޭމް ކުރައްވައިގެންވެސް ހައްޔަރު ކުރެއްވިދާނެ' ކަމަށް އިމްރާން ވިދާޅުވި ކަމަށް ލުތުފީ ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ތިއްބަވަން ޖެހިވަޑައިގަންނަވާނީ ޖަލުގައި ކަމަށްވެސް އިމްރާން ވިދާޅުވި ކަމަށް ލުތުފީ ވިދާޅުވެއެވެ. 

Advertisement

ކޮމެންޓް