ބްލޮކްޗެއިން ޓެކްނޮލޮޖީ

Share on facebook
Share on twitter
Share on telegram
Share on whatsapp

ވަރަށް ގިނަ ބޭފުޅުން މިދުވަސްވަރު ކުރާ ސުވާލުތަކެކެވެ. ކްރިޕްޓޯ ކަރަންސީ/ބިޓްކޮއިން/އެތީރިއަމް މަސައްކަތް ކުރަނީ ކިހިނެތް؟ އެން.އެފް.ޓީ އަކީ ކޮން އެއްޗެއް؟ މި ސުވާލުތަކަށް ސީދާ ޖަވާބެއް ލިޔެލަން ބަލާލާއިރު މުޅިންވެސް މިފެންނަނީ ބްލޮކްޗެއިން ޓެކްނޮލޮޖީއެވެ. އެހެންކަމުން އެންމެ ފުރަތަމަ ކަމަކަށް ބްލޮކްޗެއިން ޓެކްނޮލޮޖީ އަކީ ކޮބައިކަން ޓެކްނޮލޮޖީ ދާއިރާގައި ހަރަކާތްތެރިނުވާ ބޭފުޅުންނަށްވެސް ވީހާވެސް ބޮޑަށް އޮޅުން ފިލާނޭ ގޮތަކަށް ކިޔާލަ ދެވޭތޯ ބަލާނަމެވެ.

ތަޢާރަފެއް

ބްލޮކްޗެއިން އަކީ އިތުބާރު ހިފެހެއްޓެނިވި ގޮތަކަށް ޑިޖިޓަލް މަޢުލޫމާތު ރައްކާކޮށް ބެލެހެއްޓުމަށްޓަކައި އުފައްދާފައިވާ ނިޒާމެކެވެ. ބްލޮކްޗެއިންގެ ހިޔާލު ފުރަތަމަ ހުށަހެޅީ 1991 ގައި ސްޓްއަރޓް އަދި ސްކޮޓް ކިޔާ ދެ ހިސާބު އިލްމުވެރިން ހެދި ދިރާސާ ޕްރޮޖެކްޓެއްގައެވެ. އެއިރުގައި އެބޭފުޅުން އެކަން ކުރެއްވީ ޑިޖިޓަލްކޮށް ރައްކާކުރެވޭ ލިޔެކިޔުންތަކުގެ ޓައިމްސްޓޭމްޕް (ވަކި މުޢާމަލާތެއް ހިންގި ގަޑި) އަށް ބަދަލު ނުގެނެވޭނޭ ގޮތެއް ހޯދުމުގެ މަސައްކަތެއްގެ ތެރެއިންނެވެ. ނަމަވެސް މި ހުށަހެޅުމުގެ އަލީގައި ފުރަތަމަ އާންމު ކުރި އުފެއްދުމަކީ 2009 ގައި ނެރުނު ބިޓްކޮއިން ކްރިޕްޓޯ ފައިސާ އެވެ. އެއީ ބްލޮކްޗެއިން ޓެކްނޮލޮޖީ މަސްހޫރުވާން ފެށި ހިސާބެވެ. ކްރިޕްޓޯ ކަރަންސީ، އެންއެފްޓީ ފަދަ ޓެކްނޮލޮޖީތައް ބިނާ ކޮށްފައިވަނީ ބްލޮކްޗެއިން ޓެކްނޮލޮޖީގެ މައްޗަށެވެ. އަދި މިފަހަކުން މަސްހޫރުވާން ފަށާފައިވާ ވެބް3 ޓެކްނޮލޮޖީވެސް މީގެ ބޭނުން ވަރަށް ބޮޑަށް ހިފައެވެ.

އޮނިގަނޑު

އެންމެ ފަސޭހައިން ބްލޮކްޗެއިނެއްގެ އޮނިގަނޑު ކިޔައިދެވޭނީ ބްލޮކްޗެއިންގެ ނަންވެސް އެއެއްޗަކަށް ނިސްބަތްވާ ޗޭނެއްގެ މިސާލުންނެވެ. ޗޭނު ގަނޑެއްގެ މިސާލުން ބްލޮކްޗެއިންއަކަށް ބަލައިލައިފިނަމަ ބްލޮކްޗެއިން އަކީ ޗޭނުގަނޑެވެ. އަދި އޭގައިވާ ކޮންމެ ބޮޅަކީ ބްލޮކެކެވެ. ޗޭނު ގައި އެއްބޮޅު އަނެއް ބޮޅާއި ގުޅާލެވިފައި އޮވެއެވެ. ހަމަ ގޮތަށް ބްލޮކްޗެއިނެއްގައިވެސް ކޮންމެ ބްލޮކެއް އޭގެ ކުރީގެ ބްލޮކާއި ގުޅާލެވިފައި އޮވެއެވެ. މަޢުލޫމާތުތައް ރައްކާކުރެވިފައި ހުންނަނީ ބްލޮކުތަކުގައެވެ. ކޮންމެ ބްލޮކެއްގައިވެސް ރައްކާކުރަން ބޭނުންވާ މުޢާމަލާތްތަކާ ގުޅޭ މަޢުލޫމާތު ( މިސާލަކަށް ބިޓްކޮއިން ބްލޮކްޗެއިން ނަމަ ފައިސާ ފޮނުވި ފަރާތްތަކާއި ލިބެންވީ ފަރާތްތައް އަދި އަދަދުތައް ފަދަ މަޢުލޫމާތު) ގެ އިތުރުން ދެ ހޭޝް އެއްވެސް ރައްކާކުރެއެވެ. މި ދެ ހޭޝް އަކީ އެ ބްލޮކެއް ފާހަގަ ކުރަން ބޭނުންކުރާ އެބްލޮކުގެ އަމިއްލަ ހޭޝްއާއި އެ ބްލޮކާއި ގުޅިފައިވާ އެބްލޮކުގެ ކުރީ ބްލޮކުގެ ހޭޝް އެވެ. އެއް ބްލޮކު އަނެއް ބްލޮކާއި ތަރުތީބުން ގުޅާލެވިފައި އޮންނަނީ މި ހޭޝްތަކަށް ބަލައިގެންނެވެ. މިގޮތަށް ބްލޮކްޗެއިން ބްލޮކްތަކަކުން ގުޅާލެވިފައި އޮންނަ އިރު ދޭތެރެ މެދުގައި އިންނަ ބްލޮކަކަށް އޭގެ ފަހަތުން އަންނަ ހުރިހާ ބްލޮކްތަކަށް ބަދަލު ނާންނާނޭ ގޮތަކަށް ބަދަލެއް ނުގެނެވޭނެއެވެ. ބްލޮކްޗެއިނެއްގެ އެއް މަގްސަދަކީވެސް ބްލޮކްޗެއިން ގައި ރައްކާކުރާ އެއްވެސް މަޢުލޫމާތަކަށް ބަދަލު ނުގެނެވޭނޭ ގޮތަށް ބޭއްވުމެވެ. އަދި އިތުރު މުޢާމަލާތެއް ހިންގާނަމަވެސް ބްލޮކަކަށް ބަދަލު ގެނައުމުގެ ބަދަލުގައި އަލަށް އިތުރުކުރާ ބްލޮކެއްގައި އެ މަޢުލޫމާތު ހިމަނާ ގޮތަށް ބޭއްވުމެވެ. މިގޮތުން އެ ބްލޮކްޗެއިނެއްގެ ތާރީޙް އެއްކޮށް ލިޔެވި ރައްކާކުރެވިފައި ހުރެއެވެ.

 

މިވެސް ކިޔާލާ:

ބްލޮކްޗެއިންގެ ތަފާތު

މަޢުލޫމާތު ރައްކާކުރުމަށް އާންމު ގޮތެއްގައި ބޭނުން ކުރާ ޑޭޓާބޭސް ފަދަ ޓެކްނޮލޮޖީތަކުގައި އެ ބަލަހައްޓާ ވަކި ފަރާތަކަށް މަރުކަޒީކޮށް ޑޭޓާއަށް ބަދަލު ގެނައުމުގެ ބާރު އޮވެއެވެ. މިފަދަ ސިސްޓަމްތަކުގައި ހުރިހާ މުޢާމަލާތެއް ހިނގަނީ އަދި އެހުރިހާ މަޢުލޫމާތެއް ރައްކާކުރެވިފައި ހުންނަނީ ވަކި ބައެއްގެ އަމިއްލަ ސިސްޓަމެއްގެ ތެރޭގައެވެ. މިސާލަކަށް ބުނާނަމަ ބޭންކިންގް ސިސްޓަމްތަކުގައި ކަސްޓަމަރުން ކުރާ ފައިސާގެ މުޢާމަލާތްތައް ހިނގަމުންދަނީ އެބޭންކެއްގެ ސާވާގައެވެ. ސާވާ ނިވިއްޖެނަމަ ނުވަތަ އެހެން ކޮންމެވެސް ސަބަބަކާ ހުރެ ޑައުން ވެއްޖެނަމަ ކަސްޓަމަރަކަށް ދެން ކުރެވޭނެ މާބޮޑު ކަމެއް ނޯވެއެވެ. އަދި ހަމަ މިގޮތައް މުޢާމަލާތްތަކަށްވެސް ބޭންކުން ބޭނުންވާ ބަދަލުތައް ބޭނުން ގޮތަކަށް ގެނެވޭނޭ ގޮތަށެވެ. މިގޮތަށް ފަސޭހައިން ބަދަލު ގެނެވޭ ސަބަބަކީ އެއީ ވަކި ފަރާތަކުން ކޮންޓްރޯލް ކުރާ މަރުކަޒީ ސިސްޓަމަކަށް ވާތީއެވެ. ނަމަވެސް މިއާއި ޚިލާފަށް މަޢުލޫމާތުތައް ރައްކާކޮށް ރިކޯޑް ބަލަހައްޓަން ބްލޮކްޗެއިނެއް ބޭނުން ކުރާނަމަ މިކަން އޮންނަ ގޮތް ވަރަށް ތަފާތެވެ.

ބްލޮކްޗެއިން އެއް ބެލެހެއްޓުމުގެ މަސައްކަތް ކުރިޔަށް ދަނީ ބައިވަރު ފަރާތްތަކެއް (ނޯޑްސް ތަކެއް/ކޮމްޕިއުޓަރުތަކެއް) ގެ ބައިވެރި ވުމާއި އެކު ލާމަރުކަޒީ ކޮށެވެ. ބްލޮކްޗެއިން އަކީ ޕީޓުޕީ(ގިނަ ކޮމްޕިއުޓަރ ތަކެއް ލާމަރުކަޒީކޮށް ބައިވެރިވާ) ނެޓްވޯކެއްކަމުން، ބައިވެރިވާ ހުރިހާ ފަރާތްތަކުގެ ސިސްޓަމުތަކުގައިވެސް ބްލޮކްޗެއިންގެ މަޢުލޫމާތުތައް ހުންނާނެއެވެ. ބްލޮކްޗެއިން ފަރުމާކޮށްފައިވަނީ އެއަށް އިތުރުކުރާ އެއްވެސް މަޢުލޫމާތަކަށް އުނި އިތުރު ނުގެނެސް ކުރާ މުޢާމަލާތްތަކުގެ މަޢުލޫމާތު އަބަދުވެސް އެއަށް އިތުރު ކުރާ ގޮތަށެވެ. އަދި މުޢާމަލާތްތައް ބްލޮކްޗެއިން އަށް އެޅުމުގެ ކުރިން އޭގެ ސައްހަކަން ބެލުމުގެ މަސައްކަތްވެސް ނޯޑްތަކުން ވަކި އިންތިޒާމެއްގެ ދަށުން ކުރެއެވެ. އެއްވެސް މަޢުލޫމާތެއް ބްލޮކްޗެއިން އަށް އިތުރު ކުރެވޭނީ އެ ރައްކާކުރަން ބޭނުންވާ މުޢާމަލާތަކީ ސައްޙަ މުޢާމަލާތެއް ކަމަށް ނެޓްވޯކުގައ ބައިވެރިވާ ނޯޑް ތަކުގެ އަޤްލަބިއްޔަތުން އެއްބަސް ވުމުންނެވެ. ބްލޮކްޗެއިން އެއްގެ ސައްހަކަން ހިފެހެއްޓުމަށާއި އެއަށް މަޢުލޫމާތު އިތުރު ކުރުމުގެ މަރުޙަލާތަކުގައި ކްރިޕްޓޯގްރަފީގެ ބޭނުން ވަރަށް ބޮޑަށް ހިފައެވެ. ބްލޮކްޗެއިން ބޭނުންކުރާ އުފެއްދުންތައް ފަރުމާ ކުރެވިފައިވަނީ  އެ ބްލޮކްޗެއިން އެއްގައި ހިންގާ މުޢާމަލާތްތަކުގެ ސައްޙަކަން ކަށަވަރު ކުރުމުގެ މަސައްކަތުގެ ސަބަބުން ސެކިއުރިޓީގެ ގޮތުން މުޅި ނެޓްވޯކް އިތުރަށް ވަރުގަދަ ވާ ގޮތަށެވެ. އަދި ނެޓްވޯކާއި ގުޅޭ ސިސްޓަމްތައް އިތުރުވާ ވަރަކަށް މުޅި ނެޓްވޯކުގެ ސެކިއުރިޓީވެސް އިތުރަށް ވަރުގަދަވާ ގޮތަށެވެ. އެންމެ ސިސްޓަމެއްގެ ބަދަލުގައި ބައިވަރު ސިސްޓަމްތަކަކުން ޙިދުމަތް ދޭތީ ނެޓްވޯކް ޑައުން ވުމުގެ ފުރުޞަތުވެސް ހަނިވެގެން ދެއެވެ.

ވަކި ފަރާތަކަށް އިތުބާރު ކުރަން ބޭނުން ނުވާ ހާލަތްތަކުގައި ބްލޮކްޗެއިން ބޭނުން ކުރެވިދާނެ

އާންމު ގޮތެއްގައި ބްލޮކްޗެއިންތަކުގެ ސޯސް ކޯޑް ހުންނަނީ އެންމެންނަށް ފެންނާނޭ ގޮތަށް އާންމު ކޮށްފައެވެ. މިގޮތަށް ބެހެއްޓުމުން ސޮފްޓްވެއާރ އޯޑިޓް ކުރާ ފަރާތްތަކަށް އެ ކޯޑް ކިޔައި ދިރާސާ ކުރުމަށް ފުރުސަތު ލިބިގެން ދެއެވެ. އަދި މިގޮތަށް ދެފުށް ފެންނަ ގޮތަށް ބޭއްވުމުގެ ނަތީޖާއެއްގެ ގޮތުން އެ ބްލޮކްޗެއިން އަކަށް އާންމުންގެ އިތުބާރު ބޮޑުވެގެން ދިއުމުގެ ފުރުސަތު އޮވެއެވެ. މުހިންމު ރިކޯޑްތައް ރައްކާތެރިކަމާއި އެކު ބެލެހެއްޓުމަށް ބްލޮކްޗެއިން އެއް ބޭނުން ކުރުމަކީ ރަނގަޅު ކަމެކެވެ. މީހުންގެ އައިޑެންޓިޓީގެ ރައްކާތެރިކަމަށާއި ސިއްޙަތާ ގުޅޭ ރެކޯޑް ރައްކާތެރިކޮށް ހިއްސާކުރުމަށާއި، އިލެކްޓްރޯނިކް ވޯޓިންގ ސިސްޓަން ހެދުމަށާއި ކްރިޕްޓޯ ފައިސާ އާއި ފައިސާ ޓްރާންސްފަރ ކުރުމަށް ބްލޮކްޗެއިން ޓެކްނޮލޮޖީގެ ބޭނުން ހިފިދާނެއެވެ.

100%0%0%

ހިޔާލު ދެއްވާ!

Your email address will not be published.