Advertisement

ހެކިންނަށް އިންޒާރު ދިނުމަކީ އިމްރާން ހިންގި ބޮޑު ޖަރީމާއެއް: އިދިކޮޅު

04 Aug 2019 | 19:43

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ހިންގާ މަނީލޯންޑާގެ މައްސަލައިގެ ހެކިންނަށް ބިރު ދައްކައި ފްރޭމްކުރާނެ ކަމުގެ އިންޒާރު ދިނުމަކީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހިންގި ވަރަށް ބޮޑު ޖަރީމާއެއް ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބުނެފިއެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި މިހެން ބުނެފައިވަނީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ރާއްޖެ ދޫކުރައްވައި ވަޑައިގަތީ މިނިސްޓަރު އިމްރާން އިންޒާރު ދިނުމުން ކަމަށް ލުތުފީ ވިދާޅުވުމާއި ގުޅިގެންނެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ ރައީސް ޔާމީންގެ ޝަރީއަތުގައި ހިމެނޭ ހެކިންނަށް އިންޒާރުދީ، ފްރޭމްކޮށް ވަކި ގޮތަކަށް ބަޔާން ދިނުމަށް މަޖުބޫރު ކުރުމުގެ ގޮތުން ބިރު ދެއްކުމަކީ ސިޔާސީ ވާދަވެރިކަން ނާއްތަލުމަށް ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ.

އަދި ހޯމް މިނިސްޓަރުގެ މި އަމަލަކީ ސަރުކާރުގެ ވިސްނުން މި ޝަރީއަތާ މެދު އޮތް ގޮތް ބަރަށް ބޮޑަށް ސާފުވާ ކަމެއް ކަމަށާއި އިމްރާންގެ އެ އަމަލަކީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ހިންގާފައިވާ އަމަލެއް ކަމަށް ބަޔާނުގައި ވެއެވެ.

އަދި ލުތުފީއަކީ ރައީސް ޔާމީންގެ މައްޗަށް މިހާރު ކުރަމުންދާ ޝަރީއަތުގެ މުހިއްމު ހެއްކެއް ކަމަށާއި އަދި މިއީ ރައީސް ޔާމީންގެ މައްޗަށް ހުކުމެއް ކުރަން ސަރުކާރު ކެތް މަދުވެފައިވާ ކަމުގެ ދަލީލެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ބުނީ، އިންސާފު ގާއިމު ކުރާނެ ކަމަށް ވަކާލާތުކޮށް ވެރިކަމަށް އައި ފަރާތްތަކުން ނާ އިންސާފުން ބާރުގެ ބޭނުންކޮށްގެން ވަކި ގޮތަކަށް ކަންކަން ނިންމުމަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އޭނާގެ ރައްޓެއްސަކާ ފޯނުން ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯ މީސް މީޑިއާގައި ވަނީ ލީކުވެފައެވެ. އެއޯޑިއޯގައި ލުތުފީ ވިދާޅުވެފައިވަނީ އޭނާ ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވަން މަޖުބޫރުވީ ބިރުދެއްކުމާއި އިންޒާރުތައް ދެމުންދާތީ ފުރާނަ ސަލާމަތްކުރުމަށް ކަމަށެވެ. ސަންގުޓީވީއަށް ލުތުފީ ރޭގެ ވަގުތެއްގައި ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާއަށް އިންޒާރު ދެއްވީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވުމަށް އަންގަވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަށެވެ.

އޯޑިއޯގައި ލުތުފީ ވިދާޅުވީ އޮފީހަށް ނުކުންނަވަން ފެށުމުން އިމްރާން ގުޅުއްވައި ''އަދިވެސް ކަލޭ އޮފީހަށް ނުކުންނަނީހޭ'' ވިދާޅުވެ ސުވާލުކުރެއްވި ކަމަށާއި އަދި ބޭނުންވެއްޖެނަމަ ފްރޭމްކޮށް ހައްޔަރުވެސް ކުރާނެ ކަމުގެ އިންޒާރު އިމްރާން ދެއްވި ކަމަށް ލުތުފީ ވިދާޅުވިއެވެ.

އޭގެ ފަހުންވެސް އެކިއެކި ނަންބަރުތަކުން ގުޅައި މީހުން އިންޒާރުދިން ކަމަށާއި މަގުމަތިން ފެނުމުން ބިރުދައްކައި ކަރުގައިވެސް ހިފި ކަމަށެވެ. އަދި އެދަރަޖައަށް ކަންތައްތައް ދިއުމުން މަޖުބޫރު ވެގެން ރާއްޖެ ދޫކުރައްވައި ވަޑައިގަތީ ކަމަށް ވިދާޅުވިއެވެ. އަދި މަގާމުން އިސްތިއުފާދެއްވީ ވެސް މަޖުބޫރުކޮށްގެން ކަމަށް ލުތުފީ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement