Advertisement

ނުކުޅެދުންތެެރިކަން ހުންނަ ކުއްޖަކަށް އައިޖީއެމްއެޗްގެ ބޮޑު އިހުމާލެއް!

05 Aug 2019 | 08:06

ކެންސަރ ޓިއުމަރއެއް އުފެދި، އޮޕަރޭޝަނެއް ކުރުމަށްފަހު ދެލޯ ނަގާފައިވާ ކުޑަ ކުއްޖަކަށް އިތުރު ފަރުވާ ދިނުމުގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން އިހުމާލުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ހަ އަހަރުގެ މި ފިރިހެން ކުއްޖާގެ އުމުރުން އެއް އަހަރުގައި ލޮލުގެ މައްސަލައެއް ހުރިކަމަށް ފާހަގަވެގެން މި ކުއްޖާގެ މައިންބަފައިން ވަނީ އޭޑީކޭ ހޮސްޕިޓަަލަށް ކުއްޖާ ދައްކާފައެވެ. އެ ހޮސްޕިޓަލްގައި ކުއްޖާ ބެއްލެވި ޑޮކްޓަރ ވަނީ ކުއްޖާގެ ދެލޮލުގައި ޓިއުމަރެއް ހުރިކަމަށް ފާހަގަވެގެން، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމަށް އިރުޝާދު ދީފައެވެ.

އެހެންކަމުން އެ ކުއްޖާގެ މައިންބަފައިންނާއި، އާއިލާއާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި ހަތަރު އަހަރު ވަންދެން ވަނީ އިންޑިޔާގައި، ކުއްޖާގެ ދެލޮލުގައިވާ ޓިއުމަރަށް ފަރުވާ ހޯދާފައެވެ. މި ފަރުވާގެ ތެރެއިން ޑޮކްޓަރުންގެ އިރުޝާދުގެ މަތިން ވަނީ ކުއްޖާގެ ދެލޯ ނަގައިފައެވެ.

ކޮޗިންގެ މަޝްހޫރު އަމްރިތާ ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު އެ ކުއްޖާ އެނބުރި ރާއްޖެއަށް އައެވެ. ރ.މާކުރަތުގައި ދިރިއުޅޭ މިކުއްޖާއަށް އިންޑިޔާއިން ފަރުވާ ދިން ސީނިއަރ އޮންކޮލޮޖިސްޓަކު (ކެންސަރުބަލީގެ ޑޮކްޓަރ)، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހުޅުމާލޭ ހޮސްޕިޓަލަށް ބަލިމީހުން ބެލުމަށްޓަކައި ވަޑައިގެންނެވިއެވެ. އެ ކުއްޖާގެ މައިންބަފައިންނަށް މި ޑޮކްޓަރު އަންނާނެކަން ކުރިންވެސް އަންގާފައި އޮތުމުން، އެ ކުއްޖާ ގޮވައިގެން ހުުޅުމާލޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް ދިޔައެވެ.

އެ ޑޮކްޓަރު އިރުޝާދުދެއްވީ ކެންސަރު ޓިއުމަރގެ އަލާމާތްތައް އަލުން ފެންނަމުންދޭތޯ ބެލުމަށްޓަކައި އެމްއާރްއައިއެއް ހެދުމަށެވެ. ނަމަވެސް އެ ކުއްޖާއަށް އެމްއާރްއައި ހެދުމުގައި ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހުނު އިރު، އައިޖީއެމްއެޗްގެ ޚިދުމަތުގެ ފެންވަރުގެ ސަބަބުން މިއަދާއި ހަމައަށްވެސް އެކަން ވެފައިނުވާކަން ފާހަގަކޮށްލެވެއެވެ. އެ ކުޑަކުއްޖާއަށް އެމްއާރްއައިއެއް ހެއްދުމުގައި ދިމާވި ދަތިތައް ކުއްޖާގެ ބައްޕަ ވަނީ ވަރަށް އަސަރާއި އެކު ވޮއިސްއަށް ހިއްސާކޮށްފައެވެ.

އެ ކުއްޖާގެ ބައްޕަ ބުނީ ހުުުޅުމާލޭ ހޮސްޕިޓަލުގައި އިންނެވި ޑޮކްޓަރުގެ އިރުޝާދުގެ މަތިން، އެމްއާރްއައި ހައްދަން އައިޖީއެމްއެޗަށް ދިޔުމުން އެކަން އެންމެ އަަވަހަށް ވާނެ ތާރީޚެއް ދެތިން ހަފްތާގެ ތެރޭގައި އަންގާނެކަމަށް ބުނިކަމަށެވެ. ނަމަވެސް އެމްއާރްއައި ހެއްދުމަށް ނަންނޯޓު ކުރެވުނީ އޭގެ އެތައް މަހެއް ފަހުން ނިމިދިޔަ ޖުލައި މަހުގެ 14ވަނަ ދުވަހުގައެވެ.

ކުއްޖާގެ ބައްޕަ އިތުރަށް ބުނީ އެއަށްފަހު ޖުލައިމަހުގެ30ވަނަ ދުވަހުގައި އަނބުރާ ހޮސްޕިޓަލަށް އައިކަމަށާއި ޖެހިގެން އައި ދުވަހަކީ ކުޑަކުދިންގެ އެމްއާރްއައި ހައްދާ ދުވަސްކަމުން، ހޭނައްތާ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރުގެ އިއުތިރާޒެއް ނެތްކަމަށް ބުނާ ލިޔުމެއް ހޯދަން އެދުނުކަމަށެވެ. ސަބަަބަކީ އެ ކުއްޖާއަކީ ކެންސަރު ބަލި ހުރި ކުޑަކުއްޖަކަށް ވާތީއެވެ. އެކަމަށްޓަކައިވެސް ގިނަ ތަކުލީފުތަކެއް އުފުލަން ޖެހުނުކަމަށް ކުއްޖާގެ ބައްޕަ ސިފަކޮށްދިނެވެ.

އެގޮތުން ލޮލަށް ނުފެންނަ އެކުއްޖާއާއި އެކު ދެ ޑޮކްޓަރުންގެ ނަންބަރު ޖެހޭތޯ، ދަރުމަވަންތަ ހޮސްޕިޓަލުގެ ދެވަނަ ފަންގިފިލާއާއި ތިންވަނަ ފަންގިފިލާއާއި ދެމެދު ގިނަ ފަހަރަށް އަރާފައިބަންޖެހޭކަމަށް އެފަރާތުން ފާހަގަކުރިއެވެ. އެ ކުއްޖާއަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށްވުމުން އެންސްޕާއިން ދޭ ޚާއްސަ ކާޑުންވެސް މާބޮޑު ފައިދާއެއް އަދި ފަސޭހައެއް ނުވާކަމަށް ވަނީ ބުނެފައެވެ.

މި ހާލަތުގައި ކުރި މަސައްކަތުން އެމްއާރްއައި ހެއްދުމަށް އެއްވެސް އިއުތިރާޒެއް ނެތްކަމަށް ބުނާ ލިޔުން ހޯދުނެވެ. އެ ލިޔުމާއި އެކު އެޑްމިޓްވާން ކުއްޖާ އެދުވަހުގެ ހަވީރު ދިއުމުން ކުއްޖާގެ ހާލަތު ރަނގަޅުވުމުން އެރޭ ގެއަށް ދިއުމަށްފަހު މާދަމާ ފަތިހު އެމްއާރްއައި ހެއްދުމަށް އައުމަށް ނަރުހުން އެދުނުކަމަށް ކުއްޖާގެ ބައްޕަ ވަނީ ވޮއިސްއަށް މައުލޫމާތުދީފައެވެ.

ނަރުހުންގެ އެދުމުގެ މަތިން ކުއްޖާއަށް މެންދަމު ދޭއްގެ ފަހުން ކާންނުދީ ފަތިހު އެމްއާރްއައި ހައްދަން ގެންދިޔައެވެ. އެއީ ޖުލައިމަހުގެ 31ވަނަ ދުވަހެވެ. ކުއްޖާާގެ ބައްޕަ ބުނިގޮތުގައި އެ ކުއްޖާ އެމްއާރްއައި ހެއްދުމަށް ލާން ދިނީ މަތިން ކުޑަކުދިންގެ ރޯބްއަކާއި ބޮޑެތި މީހުން އަންނަ މުންޑެކެވެ. އެ މުންޑު އެކުއްޖާއަށް އެއްވެސް ވަރަކަށް ނުލެވޭކަމަށް ކުއްޖާގެ ބައްޕަ ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެ ކުއްޖާ އެތައް އިރަކު ވަންދެން ބޭންދުމަށްފަހު، އެމްއާރްއައި ތަނަށް ގެންދިޔުމަށްފަހު، ކޮންޓްރާސްޓް ހުސްވިކަން ޑޮކްޓަރުން އެންގިކަމަށް ބައްޕަ ބުންޏެވެ. އޭރު ކުއްޖާ އެމްއާރްއައި ހަދަން ތައްޔާރުވެ ނުކައި އިންތާ 12 ގަޑިއިރު ވަނީ ފާއިތުވެފައެވެ.

ވޮއިސްއާއި ވާހަކަ ދައްކަަވަމުން ކުއްޖާގެ ބައްޕަ ބުނީ މީ އައިޖީއެމްއެޗްެގެ ވަރަށް ބޮޑު އިހުމާލު ކަމެއް ކަމަށާއި ގިނަ އިރުތަކެއްފަހުން އެމްއާރްއައި ނެހެދޭނެކަމަށް ބުނުމުން އެއީ ލިބުނު ވަރަށް ބޮޑު ގެއްލުމެއްކަމަށެވެ.

Advertisement

ކޮމެންޓް