ސިޔާސީ ކަމެއް ކޮށްގެން ހައްޔަރުކޮށްފަހުރި މީހެއް ނުހުންނާނެ: ރައީސް

17 Sep 2018 | 00:28

ސިޔާސީ ކަމެއް ކޮށްގެން ހައްޔަރުކޮށްފައިވާ މީހެއް މިގައުމުގައި ނުހުންނާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ހުރިހާ ސިޔާސީ ލީޑަރުން ނުހައްޤުން ހައްޔަރު ކުރައްވައިގެން ވެރިކަން ކުރައްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކަށް ރައްދުދެއްވާ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ބޭފުޅެއް ހައްޔަރުކޮށްފައިނުވާނެކަމަށާއި، ކުރައްވާ މަސައްކަތްތަކަކީ މިގައުމުގައި ގާނޫނާއި ގަވާއިދު ތަންފިޒުކުރުމަށް ކުރައްވާ މަސައްކަތްތައްކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، ސިޔާސީ މީހުން ޖަލަށް ވަދެ ތިބީ ސިޔާސީ ކަންކަން ކޮށްގެން ނޫން ކަމަށާއި ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުންނަކީ ބޮޑެތި ކުއްތަށްކޮށް އެކަން ސާބިތުވެފައި ތިއްބެވި ބޭފުޅުންކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، އޭގެ ތެރެއިން ބައެއް ބޭފުޅުންނަކީ އެމަނިކުފާނުގެ މައްޗަށް ހަގީގަތާ ހިލާފު ބޮޑެތި ތުހުމަތު ތަކެއް ކުރައްވާފައި ތިއްބެވި ބޭފުޅުންކަމަށާއި، އެކަންކަމަށް އެބޭފުޅުން ޖަވާބުދާރީ ވާންޖެހޭނެކަމަށެވެ.

އެ ބޭފުޅުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިނިވަން ތަހުގީގުތައް ކުރިޔަށް ދިޔުމަށްފަހު ކަމަށާއި، އެބޭފުޅުންގެ ކުށެއްނެތްކަން ސާބިތުކުރުމަށް ފުރުސަތުވެސް ދެއްވާފައިވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެހެންނަމަވެސް ކުށެއްނެތްކަން ސާބިތުކޮށް ޖަވާބުދާރީ ވުމުގެ މަރުހަލާގައި އެބޭފުޅުން ތިއްބެވީ ހަނުކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެމީހުނަށް ލިބުނު އެދެއްކި ވާހަކަ އަށް ޖަވާބުދާތީވާން ކޯޓުގަ ފުރުސަތު. ކީކޭތޯ ކޯޓުގަ ބުނީ. އެއީ ތިމަންނަ އަތުގަ ހެއްކެއް ހުރެގެން ދެއްކި ވާހަކައެއް ނޫނޭ. އެއީ ތިމަންނަ ސިޔާސީ ގޮތުން ދެއްކި ވާހަކަ އެކޭ. މިއީ އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުންގެ ހާލަތު،" ރައީސް ޔާމީން ވިދާޅުވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ގާނޫނާއި ހިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެކަމަށާއި، ކުރައްވާ ހުރިހާކަމެއްވެސް ކުރައްވާނީ ގާނޫނީ އިމުގެ ތެރެއިންކަމަށެވެ.

Advertisement

ކޮމެންޓް