ރައީސް ނަޝީދު ސައުދީއަށް ވަޑައިގެންނެވި ކަމަށް ބުނާވާހަކަ ސިއްދީގު ދޮގުކޮށްފި

20 Oct 2018 | 20:27

ރައީސް ނަޝީދު ސައުދީ އަރަބިޔާގެ ރަސްގެފާނު އަދި ވަލީއަހުދުގެ ދައުވަތަކަށް އެގައުމަށް ވަޑައިގެންނެވި ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަފުޅު ގަބޫލުނުކުރެވޭ ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.

އޮޅުވާލި ވޯޓް ނަމުގައި ޗެނަލް 13 އިން ގެނެސްދޭ ޕްރޮގްރާމްގައި ވާހަކައްކަވަމުން ސިއްދީގު ވިދާޅުވީ ރައީސް ނަޝީދަކީ ފޮޓޯނެންގެވުމަށް ވަރަށް ބޮޑަށް ލޯބިކުރައްވާ އަދި އަބަދުވެސް ނޫސްތަކުގެ ފަލަސުރުޚީން ޖާގަ ހޯއްދެވުމަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.

އެހެންކަމުން ސައުދީ ކަހަލަ ގައުމަކަށް ވަޑައިގަންނަވާ ރަސްގެފާނާ ބައްދަލު ކުރެއްވިނަމަ އެބޭފުޅާއާއެކު ފޮޓޯ ނުނަންގަވާ ނުހުންނަވާނެކަމަށެވެ.

އަދި ރަސްގެފާނާ ބައްދަލުކުރައްވާ ވާހަކަފުޅު ދެއްކެވިކަމުގައި ވިދާޅުވިނަމަވެސް އެ ބައްދަލުވުމުގައި ބައިވެރިވި އެހެން އެއްވެސް ބޭފުޅެއްގެ ނަމެއް މިހާތަނަށް ހާމަކޮށްފައި ނުވާކަމަށް ސިއްދީގު ފާހަގަކުރެއްވިއެވެ.

އަދި ރައީސް ޔާމިންގެ ސަރުކާރުން ސައުދީއާ ދެމެދު ވާގުޅުމަށް ހިތްހަމަނުޖެހިގެން ސައުދީ އަރަބިއްޔާއަށް ނިސްބަތްކޮށް ވަރަށް ހުތުރުބަހުން ވާހަކަފުޅު ދައްކަވާފައިވާ ބޭފުޅެއް އެގައުމަށް ވަޑައިގަންނަވާނެ ކަމަށް ގަބޫލުފުޅުނުކުރެވޭ ކަމަށްވެސް ސިއްދީގު ވިދާޅުވިއެވެެ.

ރައީސް ނަޝީދު ސައުދި އަރަބިއްޔާއަށް ވަޑައިގެންނެވި ކަމަށް ދެކެވޭ ވާހަކަތަކަކީ ގަބޫލު ނުކުރެވޭ ވާހަކަތަކެއްކަމަށް ބައެއް ބޭފުޅުންދަނީ ސޯޝަލް މީޑިއާގައިވެސް ދެކެވެމުންނެވެ. އެގޮތުން އެގައުމުން ރައީސް ނަޝީދައް ލިބިވަޑައިނުގަންނަވާ ކަމަށާއި، އަދި ސައުދީގެ ރަސްގެފާނާވެސް ބައްދަލުކުރައްވާފައި ނުވާކަމަށް ބުނެފައިވެއެވެ.

Advertisement

ކޮމެންޓް