މީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަޝްރޫއު އަދި ބަޔަކާ ހަވާލުވެސް ނުކުރޭ!

06 Aug 2019 | 12:14

ރ.މީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަަލަކަށް ބަދަލު ކުރުމަށްޓަކައި އެތަނުގެ ކުރެހުން ނިންމާފައިވާ ކަމާއި، އިތުރު މަސައްކަތެއް އަދި ނުކުރެވޭކަން ހާމަވެއްޖެއެވެ.

އެމަޝްެރޫއުގެ ދަށުން މިހާރު ކުރަމުންދަނީ، އެމަޝްރޫއު ބަޔަކާ ހަވާލު ކުރުމުގެ މަސައްކަތް ކަަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މިއަދު ވަނީ ވިދާޅުވެފައެވެ.

އެމަޝްރޫއާ ގޮތުން ހެލްތު މިނިސްޓަރު އަމީން އާ ސުވާލު ކުރަން މިއަދު އެމަނިކުފާނު ވަނީ މަޖިލީހަށް ހާޒިރު ކުރައްވާފައެވެ. ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލިޑަރު އާދަމް ޝަރީފް އުމަރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަމީން ވިދާޅުވީ މީދޫގެ ސިއްހީ މަރުކަޒު ހޮސްޕިޓލަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި މިއަހަރުގެ ބަޖެޓުގައި އެމަޝްރޫއަށް 4 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، މިއަހަރު މަސައްކަތް ފެށިއްޖެނަމަ އެއީ މިވަގުތަށް އެކަށީގެންވާ އަދަދެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މަސައްކަތް ފެށޭތާ 18 މަސް ދުވަހުގެ ތެރޭގައި ހިދުމަތް ދެވޭވަރުވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް، އެ މަސައްކަތް ފެށޭނެ ތާރީހެއް މިނިސްޓަރ ހާމައެއް ނުކުރައްވައެވެ.

ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ ހޮސްޕިޓަލެއްގެ ގޮތުގައި މީދޫ ސިއްހީ މަރުކަޒުން ހިދުމަތްދޭން ފެށުމުން، އާއްމު ހޮސްޕިޓަލަކުން ލިބޭ އެހެނިހެން ހިދުމަތް އެތަނުން ލިބިގެންދާނެ ކަމަށެވެ. ރ.މީދޫގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. 

Advertisement

ކޮމެންޓް